ޖުވެނައިލް ކޯޓުގެ ޤާޟީންގެ ޢާއްމު މަޖިލީހުން ނިންމަވާފައިވާ ގޮތުގެމަތިން، ޖުވެނައިލް ކޯޓުގެ ރިސެސް މިއަދު ފަށައިފިއެވެ. 16 ޑިސެންބަރު 2021 އިން ފެށިގެން 31 ޑިސެންބަރު 2021ގެ ނިޔަލަށް ދެމިގެންދާ މި ރިސެސްއަކީ ކޯޓުގެ މިއަހަރުގެ ފަހު ރިސެސްއެވެ.
ޖުވެނައިލް ކޯޓުގެ ރިސެސްގެ މުއްދަތުގައި، ކޯޓުން ބަލަމުން ގެންދާ މައްސަލަތަކުގެ ތެރެއިން ކޮންމެހެން ބާއްވަންޖެހިއްޖެ މައްސަލައެއްގެ އަޑުއެހުންތައް ކުރިޔަށް ގެންދިއުން ފިޔަވައި، ޢާންމުކޮށް ޝަރީޢަތްތައް ކުރިއަށް ގެންދިއުން މެދުކަނޑާލެވޭނެއެވެ. ނަމަވެސް، ކުށުގެ ތުހުމަތުގައި ހައްޔަރުކުރެވޭ ކުދިންގެ ބަންދާމެދު ގޮތެއް ނިންމުމަށް ހުށަހެޅޭ މައްސަލަތަކުގެ އަޑުއެހުންތަކާއި، ޝަރީޢަތްތަކާއި ގުޅުންހުރި އިދާރީ މަސައްކަތްތަކުގެ އިތުރުން، މައްސަލަތައް ބަލައިގަތުމާއި، މައްސަލަ ނިމުނު ގޮތުގެ ރިޕޯޓު ދޫކުރުމާއި އަދި ޝަރީޢަތްތަކާއި ގުޅުންހުރި ލިޔެކިޔުންތައް ދޫކުރުމުގެ އެންމެހައި މަސައްކަތްތައްވެސް މެދުކެނޑުމެއްނެތި ކުރިއަށް ގެންދެވޭނެއެވެ.