ޚަބަރު | ކުދިން ބައިތިއްބާ މަރުކަޒުތަކާ ގުޅޭގޮތުން ޖުވެނައިލް ޖަސްޓިސް ޔުނިޓާއެކު މިއަދު ބައްދަލުވުމެއް ބޭއްވިއްޖެ

ޕަބްލިޝްކުރި ތާރީޚް: 2015.11.12



         ''ކުޑަކުދިން ކުރާ ކުށުގެ މައްސަލަތައް ބަލާ، ތަޙުޤީޤުކޮށް އިންސާފުކޮށް އަދަބުދިނުމުގައި ޢަމަލުކުރާނެގޮތުގެ ޤަވާއިދު'' ގެ 17 ވަނަ މާއްދާގެ (ށ) ގެ ދަށުން، ކުށްކުރާ ކުދިން އިޞްލާޙީ މަރުކަޒެއްގައި ނުވަތަ ޑިޓެންޝަން ސެންޓަރެއްގައި ބޭތިއްބުމަށް ކަނޑައެޅުމުގެ އިޚްތިޔާރު ޤާޟީއަށް ލިބިދީފައިވާތީ، މިމަރުކަޒުތައް ޤާއިމްކުރުމުގެ މަސައްކަތް ކުރިޔަށް ގޮސްފައިވާ މިންވަރު ބަލައި، އެކަންކަމާއި ގުޅޭގޮތުން މަޝްވަރާކުރުމަށްޓަކައި، މިނިސްޓްރީ އޮފް ހޯމް އެފެއާޒުގެ ދަށުގައިވާ ޖުވެނައިލް ޖަސްޓިސް ޔުނިޓާއެކު މިއަދު ޖުވެނައިލް ކޯޓުގައި ބައްދަލުވުމެއް ބޭއްވިއްޖެއެވެ.

        މިބައްދަލުވުމުގައި، މިހާރު ޖުވެނައިލް ޖަސްޓިސް ޔުނިޓުގެ ބެލުމުގެ ދަށުގައިވާ އީ.ޓީ.ސީ.ސީ ގެ ޙާލަތާ ބެހޭގޮތުންނާއި، އަދި އެތަނުގެ މަރާމާތުތަކާ ގުޅޭގޮތުން މަޝްވަރާކުރެވިފައިވެއެވެ. އީ.ޓީ.ސީ.ސީ ގައި މިހާރު ހުރި މަރާމާތުތަކަށްފަހު، އެތަނުގެ ސެކިއުރިޓީ ހަރުދަނާކޮށް، ކުދިންނަށް އެކަށައެޅޭ ރަނގަޅު ޕްރޮގްރާމްތަކަކާއިއެކު، އެތަނުގެ މަސައްކަތް އަވަސް މުއްދަތެއްގެ ތެރޭގައި ކުރިޔަށްގެންދަން ފެށޭނެކަމުގައި ޖުވެނައިލް ޖަސްޓިސް ޔުނިޓުގެ އެގްޒެކެޓިވް ޑިރެކްޓަރ ޙާމިދު ޔޫސުފް ބައްދަލުވުމުގައި ފާހަގަކުރެއްވިއެވެ.  

        އަދި އަންހެން ކުދިން ބައިތިއްބާނެ މަރުކަޒެއް ނެތުމުން، އެފަދަ މަރުކަޒެއް ވީއެންމެ އަވަސް ފުރުޞަތެއްގެ ތެރޭގައި ވުޖޫދަށް ގެނައުމުގެ މުހިއްމުކަމާމެދުވެސް މަޝްވަރާކުރެވުނެވެ.  

        މިބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެންނެވީ ޖުވެނައިލް ޖަސްޓިސް ޔުނިޓުގެ އެގްޒެކެޓިވް ޑިރެކްޓަރ ޙާމިދު ޔޫސުފާއި، ޖުވެނައިލް ކޯޓު ހިންގުމާ ޙަވާލުވެހުންނެވި ޤާޟީ އަޙްމަދު ޝާކީލްއާއި، ޤާޟީ މުޙައްމަދު ނަޢީމްއާއި، ރަޖިސްޓްރާރ ޒަޢީމާ ނަޝީދު އަބޫބަކުރުއާއި ޕްރޮބޭޝަން އޮފިސަރ ފާޠިމަތު ފަޟީލާއެވެ