ޚަބަރު | ޖުވެނައިލް ކޯޓާއި އިސްލާމިކް މިނިސްޓްރީ ގުޅިގެން އިސްލާމިކް ކައުންސެލިން ސެޝަންތަކެއް ކުރިއަށް ގެންގޮސްފި

ޕަބްލިޝްކުރި ތާރީޚް: 2015.12.31



ކުށްކުރާ ކުދިން އިޞްލާޙުކޮށް އަނބުރާ މުޖުތަމަޢަށް ގެނައުމަށްޓަކައި، ޖުވެނައިލް ކޯޓުން އިސްލާމިކް މިނިސްޓްރީއާއި ގުޅިގެން އިސްލާމިކް ކައުންސެލިންގ ސެޝަންތަކެއް ކުރިޔަށް ގެންގޮސްފިއެވެ. މިއަހަރުގެ އޭޕްރީލް މަހު ކުރިޔަށް ގެންދަން ފެށުނު މި ސެޝަންތަކަށް ކުޑަ މެދުކެނޑުމެއް އައުމަށްފަހު، މިހާރުވަނީ އަލުން މި ސެޝަންތައް ކުރިޔަށް ގެންދަން ފެށިފައެވެ. މިގޮތުން ސެޝަންތައް ކުރިޔަށް ގެންދެވުނު ފަސްމަސް ދުވަސް ތެރޭގައި، ޖުމްލަ 15 ކުއްޖަކަށް އިސްލާމިކް ކައުންސެލިން ސެޝަން ކުރިއަށް ގެންދެވިފައިވެއެވެ.

މި ސެޝަންތަކުގައި ބައިވެރިކޮށްފައިވަނީ ކުށުގެ ތުހުމަތުގައި ޖުވެނައިލް ކޯޓަށް ޙާޟިރުކުރެވޭ ކުދިންނާއި ކޯޓުން ޙުކުމްކޮށް، ޙުކުމް ތަންފީޛުކުރަމުންދާ މުއްދަތުގައި، އިޞްލާޙީ ޕްރޮގްރާމުގައި ބައިވެރިކޮށްފައިވާ ކުދިންނެވެ. މި ޕްރޮގްރާމުގެ މަޤްޞަދަކީ، ކުށްކުރާ ދެ ޖިންސުގެ ކުދިން އިޞްލާޙުކޮށް އަނބުރާ މުޖުތަމަޢަށް ގެނައުމާއި، އިސްލާމީ ޢަޤީދާ ކުދިންގެ ކިބައިގައި އަށަގެންނެވުމާއި، ދީނީ ހޭލުންތެރިކަން އިތުރުކުރުމެވެ. މި ސެޝަންތައް ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ގްރޫޕް ސެޝަންތަކެއްގޮތުގައާއި ވަކިވަކި ކުދިންނަށް ގެންދާ ވަކިވަކި ސެޝަން ތަކެއްގެ ގޮތުގައެވެ. އަދި ކުރިޔަށް އޮތް ތަނުގައި މިފަދަ ސެޝަންތަކެއް ބެލެނިވެރިންނަށް އަމާޒުކޮށްގެން ކުރިޔަށް ގެންދިއުމަށް ރޭވިފައިވައެވެ.