ޚަބަރު | ޖުވެނައިލް ކޯޓުގެ މުވައްޒަފުންނަށް އެންޓި ކޮރަޕްޝަންއާބެހޭ ޓްރޭނިންގ ސެޝަންތަކެއް ބާއްވައިފި

ޕަބްލިޝްކުރި ތާރީޚް: 2016.01.25



ޖުވެނައިލް ކޯޓުގެ މުވައްޒަފުންނަށް އެންޓި-ކޮރަޕްޝަން ޓްރެއިނިންގ ވޯކްޝޮޕެއް 23 ޖަނަވަރީ 2016 ވީ ހޮނިހިރު ދުވަހު ބާއްވައިފިއެވެ. މި ޓްރޭނިންގ ޕްރޮގްރާމު ކުރިއަށް ގެންދެވިފައިވަނީ، އެންޓި-ކޮރަޕްޝަން ކޮމިޝަނާއި ޑިޕާރޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން ގުޅިގެންނެވެ. 6 ގަޑިއިރުގެ މި ޓްރޭނިންގ ވޯކްޝޮޕް ކުރިއަށް ގެންގޮސްފައިވަނީ ދެ ސެޝަނަކަށް ބަހާލެވިގެން ކޮންމެ ސެޝަނެއް ތިން ގަޑިއިރަށެވެ. މި ވޯކްޝޮޕްގައި ޖުވެނައިލް ކޯޓުގެ ފަނޑިޔާރުން ފިއަވައި، ހުރިހާ ލެވެލްއަކުން 22 މުވައްޒަފުން ބައިވެރިވެފައި ވެއެވެ.

 މި ވޯކްޝޮޕްގައި ނަޒާހަތްތެރިކަމާއި، ކޮރަޕްޝަނާ ގުޅޭ މަޢުލޫމާތާއި، ކޮރަޕްޝަންގެ ޢަމަލުތައް ހިންގިޔަ ނުދިނުމަށް ކުރެވިދާނެ ކަންކަތައްތަކާއި، އަދި ޢާއްމުންނަށް ޚިދުމަތް ދިނުމުގައި ނަޒާހަތްތެރިކަމާއެކު މަސައްކަތް ކުރާނެގޮތުގެ މަޢުލޫމާތު ބައިވެރިންނަށް ވަނީ ފޯރުކޮށްދެއްވާފައެވެ. އަދި މާލިއްޔަތު ޤަވާޢިދުގެ ތެރެއިން ތަކެތި ގަތުމާއި ޚިދުމަތް ހޯދުމުގައި ހިފަހައްޓަންޖެހޭ މައިގަނޑު އަސާސްތަކާއި ކޮރަޕްޝަނަށް މަގުފަހި ނުވާގޮތަށް ޕްރޮކިޔުމަންޓްގެ މަސައްކަތް ކުރާނެގޮތުގެ މަޢުލޫމާތުވެސް ވޯކްޝޮޕްގެ ބައިވެރިންނަށް ވަނީ ދެއްވާފައެވެ. މީގެ އިތުރުން، އެންޓި ކޮރަޕްޝަން ކޮމިޝަނާއި ކޮމިޝަނުން ކުރައްވާ މަސައްކަތްތަކާއި ކޮމިޝަނުން ބައްލަވާފައިވާ މައްސަލަތަކާ ގުޅޭ ތަފާސް ހިސާބުތަކުގެ މަޢުލޫމާތުތައްވެސް ވޯކްޝޮޕްގެ ބައިވެރިންނަށް ދެއްވިއެވެ. ވޯކްޝޮޕް ފުރިހަމަ ކުރި ކަމުގެ ހަނދާނީ ލިއުން، ވޯކްޝޮޕްގައި ބައިވެރިވި ހުރިހާ މުވައްޒަފުންނަށް ވަނީ ދެއްވާފައެވެ. ބައިވެރިންނަށް ހަނދާނީ ލިއުން ޙަވާލުކޮށްދެއްވީ އެންޓި ކޮރަޕްޝަން ކޮމިޝަންގެ ރައީސް އަލްފާޟިލް ޙަސަން ލުޠުފީއެވެ.