ޚަބަރު | ރެހެންދި ސްކޫލްގެ ދަރިވަރުންނަށް ކޯޓާގުޅޭ މަޢުލޫމާތުދިނުމުގެ ބައްދަލުވުންތަކެއް ކުރިއަށް ގެންގޮސްފި

ޕަބްލިޝްކުރި ތާރީޚް: 2016.03.07



116_2 116_3 116_4ޖުވެނައިލް ކޯޓާއި ކޯޓުން ކުރާ މަސައްކަތްތަކާބެހޭގޮތުން ދަރިވަރުން ހޭލުންތެރި ކުރުވުމަށްޓަކައި، ރެހެންދި ސްކޫލްގެ ދަރިވަރުންނަށް ކޯޓާބެހޭ މަޢުލޫމާތު ދިނުމުގެ ބައްދަލުވުންތަކެއް ކުރިޔަށް ގެންގޮސްފިއެވެ.

05 މާރިޗް 2016 ވަނަ ދުވަހު ދެދަންފަޅިއަކަށް ބަހާލައިގެން ކުރިއަށް ގެންދިޔަ މި ބައްދަލުވުމުގައި ރެހެންދީ ސްކޫލުގެ ގްރޭޑް 09 ގެ 50 ދަރިވަރުންނާއި 07 ޓީޗަރުން ބައިވެރިވެފައި ވެއެވެ. މަޢުލޫމާތު ދިނުމުގެ މި ބައްދަލުވުން ކުރިޔަށް ގެންދިޔައީ ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ޓްރެއިނިންގ ހޯލުގައެވެ.

މި ޕްރޮގްރާމަކީ ކުޑަކުދިންގެ އަދުލުގެ ނިޒާމުގެ ތެރެއިން، ޖުވެނައިލް ކޯޓާއި ކޯޓުގެ ތާރީޚާއި ކޯޓުންކުރާ މަސައްކަތްތަކާއި، ކުށްކުރާ ދެ ޖިންސުގެ ކުދިން އިޞްލާޙުކޮށް އަނބުރާ މުޖުތަމަޢަށް ގެނައުމަށްޓަކައި ކުށްކުރުމުގެ ކުރިން މިކަމުން އެއްކިބާވެ ތިބުމަށް މި އުމުރުގެ ކުދިން ހޭލުންތެރިކުރުވުމާއި ގުޅޭގޮތުން މާލެއާ އަތޮޅުތެރޭގެ ސާނަވީ ގުރޭޑްތަކުގައި ތަޢުލީމް ޙާޞިލްކުރަމުންގެންދާ ދަރިވަރުންނަށް އަމާޒްކޮށްގެން ކުރިއަށްގެންދާ ހޭލުންތެރިކަން އިތުރުކުރުމުގެ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމެގެ މަޤުޞަދަކީ  މިޢުމުރުފުރާގެ ކުދިންގެ ތެރެއިން ކުށްކުރާ ކުދިންގެ ޢަދަދު މަދުކުރުމަށް ބާރުއެޅުމުގެ ގޮތުން، ކުޑަކުދިން ކުށުގެ ޒިންމާ އުފުލަންޖެހޭ ޢުމުރު ފުރާތަކާއި، ކުޑަކުދިން ކުރާ ކުށުގެ މައްސަލަތަކުގައި އަދަބު ކަނޑައެޅޭ ގޮތްތަކާއި ގުޅޭގޮތުން ހޭލުންތެރިކަން އިތުރުކުރުމާއި އަދި އަމާން ވެއްޓެއް ޤާއިމުކުރުމަށްޓަކައި ފަރުދީގޮތުން އެކަކު އަނެކަކަށް އެހީވެދީ އެކަމަށް މަގުފަހިވާ މާޙައުލެއް ޤާއިމުކޮށް، ޒިންމާދާރު ވުމަށް ބާރުއަޅާ މަގުފަހިކޮށްދިނުމެވެ.

 މި ޕްރޮގްރާމަކީ ސިލްސިލާކޮށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ޕްރޮގްރާމެއްކަމުން، ކުރިޔަށް އޮތް ތަނުގައި މިފަދަ ބައްދަލުވުންތަކެއް ބެލެނިވެރިންނަށާއި ސާނަވީ ސްކޫލްތަކަށް އަމާޒުކޮށްގެން ކުރިޔަށް ގެންދިއުމަށް ރޭވިފައިވެއެވެ.