ޚަބަރު | 2016 ވަނަ އަހަރުގެ ތަފާސްހިސާބު ރިފޯޓު

ޕަބްލިޝްކުރި ތާރީޚް: 2017.01.17



2016 ވަނަ އަހަރު ޖުވެނައިލް ކޯޓުގެ ތަފާސްހިސާބު ރިޕޯޓުގައި ހިމެނިފައިވާނީ ޖުވެނައިލް ކޯޓަށް 2016 ވަނަ އަހަރު ޕްރޮސިކިއުޓަރ ޖެނަރަލްގެ އޮފީހުން ހުށަހަޅާފައިވާ މައްސަލަތަކާ ގުޅޭ ތަފާސްހިސާބުތަކާއި، ކުށުގެ ތުހުމަތުގައި ހައްޔަރުކުރެވޭ ކުދިންގެ ބަންދާއިމެދު ގޮތެއް ނިންމުމަށްޓަކައި މޯލްޑިވްސް ޕޮލިސް ސަރވިސްއިން ޖުވެނައިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލަތަކުގެ ތަފާސްހިސާބުތަކާއި ކުށްކުރާ ކުދިން އިޞްލާޙުކޮށް އަނބުރާ މުޖުތަމަޢަށް ގެނައުމަށްޓަކައި ކޯޓުން ދޭ ފުރުޞަތުތަކާގުޅޭ ތަފާސްހިސާބު މަޢުލޫމާތެވެ.

2016 ވަނަ އަހަރު ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ހުށަހަޅާފައިވާ މައްސަލަތަކާގުޅޭ ތަފާސް ހިސާބުތަކަށް ބަލާލާއިރު، 2015 ވަނަ އަހަރު ކޯޓަށް ހުށަހަޅާފައިވާ މައްސަލަތަކަށްވުރެ، 2016 ވަނަ އަހަރު ހުށަހަޅާފައިވާ މައްސަލަތަކުގެ އަދަދު %46 އިތުރެވެ. މީގެ ތެރޭގައި މަރުގެ މައްސަލަތަކާއި ޓެރަރިޒަމްގެ މައްސަލަތަކާއި ވައްކަމާއި މާރާމާރީގެ މައްސަލަތަކާއި ޒިނޭކުރުމާއި ބަދުއަޚުލާޤީ ޢަމަލު ހިންގުމުގެ މައްސަލަތައް ހިމެނެއެވެ. މީގެތެރެއިން އެންމެ ގިނައިން ހުށަހެޅިފައިވަނީ މަސްތުވާތަކެތީގެ މައްސަލަތަކެވެ. އަދި 2016 ވަނަ އަހަރު ކޯޓަށް ހުށަހެޅިފައިވާ މައްސަލަތަކުގެ ތެރެއިން %76 މައްސަލަ ހުށަހެޅިފައިވަނީ 16 އަހަރާއި 17 އަހަރާއި ދެމެދުގެ އުމުރުފުރާގެ ކުދިންގެ މައްޗަށެވެ. އަދި ހުށަހެޅިފައިވާ މައްސަލަތަކުގެ ތެރެއިން %95 މައްސަލަ ހުށަހެޅިފައިވަނީ ފިރިހެން ކުދިންގެ މައްޗަށްކަންވެސް ފާހަގަކުރެވިފައިވެއެވެ. 

2016 ވަނަ އަހަރު ކޯޓުގައި ކުރިޔަށް ގެންގޮސްފައިވާ މައްސަލަތަކުގެ ތެރެއިން %60 މައްސަލަ ވަނީ އެއަހަރު ތެރޭގައި ނިންމާފައެވެ. މިގޮތުން، ކޯޓުން ނިންމާފައިވާ ބޮޑެތި މައްސަލަތަކުގެ ތެރޭގައި ޓެރަރިޒަމްގެ ދެމައްސަލައަކާއި، ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ މައްސަލައަކާއި، އަމުރަށް ނުކިޔަމަންތެރިވުމުގެ މައްސަލައަކާއި، ޣައިރުޤާނޫނީ އެއްވުމެއްގައި ބައިވެރިވުމުގެ މައްސަލައަކާއި، މަސްތުވާތަކެތީގެ ތަފާތު މައްސަލަތައް ހިމެނެއެވެ.

ނިމުނު މައްސަލަތަކުގެ ތެރެއިން ޤާނޫނާ އެއްގޮތްވާ ގޮތުގެމަތިން 14 ދުވަހުގެ ތެރޭގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ރިޕޯޓު ފޮނުވަންޖެހޭ މައްސަލަތަކުގެ ތެރެއިން އެއް މައްސަލަ ފިޔަވައި އެހެން މައްސަލަތަކުގެ ރިޕޯޓު ވަނީ ފޮނުވިފައެވެ.

ކުށެއްގެ ތުހުމަތުގައި ހައްޔަރުކުރެވޭ ކުދިންގެ ބަންދާމެދު ގޮތެއް ނިންމުމަށްޓަކައި ކޯޓަށް ހުށަހެޅި މައްސަލަތަކުގެ ތަފާސް ހިސާބުތަކަށް ބަލާލާއިރު، ހައްޔަރުކުރެވޭ ކުދިންގެ ބަންދާމެދު ގޮތެއް ނިންމުމަށްޓަކައި ހުށަހެޅިފައިވާ މައްސަލަތަކުގެ ތެރެއިން 2015 ވަނަ އަހަރަށް ވުރެ 2016 ވަނަ އަހަރު %14 މަދުވެފައިވާކަން ފާހަގަކުރެވެއެވެ. އެގޮތުން، ކުށުގެ ތުހުމަތުގައި ހައްޔަރުކުރެވޭ ކުދިންނާ ގުޅޭގޮތުން 514 އަމުރެއް 2016 ވަނަ އަހަރު ކޯޓުން ނެރެފައިވާއިރު، 123 ކުދިން އަލަށް ޙާޟިރުކުރެވިފައިވާކަން ފާހަގަކުރެވެއެވެ.

2016 ވަނަ އަހަރު ނިމުނުއިރު، ކޯޓުން ކުރިޔަށް ގެންދިޔަ އިޞްލާޙީ ޕްރޮގްރާމުގައި ބައިވެރިކޮށްފައިތިބި ކުދިންގެ ތެރެއިން %25 ކުދިން ކާމިޔާބުކަމާއެކު ޕްރޮގްރާމް ފުރިހަމަކޮށް ޢާއިލާތަކާ ޙަވާލުކުރެވިފައިވާއިރު، %25 ކުދިން ކުށް ތަކުރާރުކުރުމާއި ކޯޓު އަމުރާ ޚިލާފުވުމުގެ ސަބަބުން ޙުކުމް ތަންފީޛުކުރުމަށް ފޮނުވިފައިވާކަން ފާހަގަކުރެވެއެވެ. އަދި އިޞްލާޙީ ޕްރޮގްރާމުގައި ކުދިން ބައިވެރިކުރުމާ ގުޅޭގޮތުން ކަމާބެހޭ މުއައްސަސާތަކާއެކު ޖުމްލަ 27 ކޮންފަރެންސް 2016 ވަނަ އަހަރު ތެރޭގައި ބޭއްވިފައިވެއެވެ. 

އިޞްލާޙީ ޕްރޮގްރާމްގެ މަޤުޞަދަކީ ޢުމުރުން 18 އަހަރުން ދަށުގެ ކުށްކުރާ ކުޑަކުދީން އިޞްލާޙުކޮށް އަނބުރާ މުޖުތަމަޢަށް ގެނެސް، އެކުދިންނަކީ މުޖުތަމަޢަށް ފައިދާހުރި، ބޭނުންތެރި ކުދިންތަކަކަށް ހެދުމާއި، އަދި ޖަލަށް ޙުކުމްކުރެވޭ ކުދިންގެ ތެރެއިން، ކިޔަވާކުދިންނާއި، ވަޒީފާތަކުގައި އުޅޭ ކުދިންނަށް އެކުދިންގެ ކިޔެވުމުގެ ފުރުޞަތާއި ވަޒީފާއަށް ދިއުމުގެ ފުރުޞަތު ގެއްލިގެން ނުދާނެ ގޮތެއްގެ މަތިން ޙުކުމް ތަންފީޛުކުރަމުންދާއިރު، ކިޔެވުމާއި ވަޒީފާއަށް ދިއުމުގެ ފުރުޞަތު ދިނުމާއި އަދި މަސައްކަތާއި ހުނަރު ދަސްކޮށްދޭ ޕްރޮގްރާމްތަކުގައި ބައިވެރިކުރުމަށް ފުރުޞަތު ތަނަވަސްކޮށްދިނުމެވެ.

މިކުދީންނަށް ފުރުޞަތު ދެމުންދަނީ '' ކުޑަކުދިންކުރާ ކުށުގެ މައްސަލަތައް ބަލާ، ތަޙުޤީޤުކޮށް، އިންސާފުކޮށް އަދަބުދިނުމުގައި ޢަމަލުކުރާނެ ގޮތުގެ ޤަވާޢިދު'' ގެ 19 ވަނަ މާއްދާއާއި 20 ވަނަ މާއްދާގެ ދަށުން، ޖުވެނައިލް ކޯޓުން އެކުލަވާލާފައިވާ، ކުށްކުރާ ކުޑަކުދިން އިޞްލާޙުކޮށް އަނބުރާ މުޖުތަމައަށް ގެނައުމަށްޓަކައި ކޯޓުން ހިންގާ އިޞްލާޙީ ޕްރޮގްރާމްތައް ހިންގާ ގޮތުގެ އުޞޫލުތައް ކަނޑައަޅާ ބަޔާންކުރާ ގޮތުގެ އިޖުރާއާތުގައިވާ ގޮތުގެ މަތީން، ކަމާގުޅޭ އެންމެހައި އިދާރާތަކާއިއެކު މަޝްވަރާކޮށް، ކުށްކުރާ ކުޑަކުދީން އަބުރާ މުޖުތަމަޢަށް ގެނައުމަށްޓަކައި ކަމާގުޅޭފަރާތްތަކުން ހިންގާ ތަފާތު ޕްރޮގްރާމްތަކުގައި މިކުދީން ބައިވެރި ކޮށްގެންނެވެ. އެގޮތުން ޖަލަށް ޙުކުމް ކުރާ ކުދިން ގޭބަންދަށް ބަދަލުކުރުމާއި، ކަރެކްޝަނަލް ސެންޓަރ ފޮރ ޗިލްޑްރެންގައި ހިންގޭ ޕްރޮގްރާމްތަކުގައި ބައިވެރިކުރުވުމާއި، ގޭބަންދުގައި ހުރެގެން ކިޔަވަން ދިއުމުގެ ފުރުޞަތު ދިނުމާއި، ގޭބަންދުގައި ހުރެގެން ވަޒީފާއަށް ދިއުމުގެ ފުރުޞަތު ދިނުމާއި ޖުވެނައިލް ޖަސްޓިސް ޔުނިޓުން ހިންގާ ޕްރޮގްރާމްތަކުގައި ބައިވެރިކުރުމާއި، މޯލްޑިވްސް ކަރެކްޝަނަލް ސަރވިސަސް އިންނާއި، އެން.ޑީ.އޭ އިން ހިންގާ ޕްރޮގްރާމްތަކުގައި ބައިވެރިކުރުމާއި، މިނިސްޓްރީ އޮފް ޖެންޑަރ ފެމިލީ އެންޑް ހިއުމަން ރައިޓްސް އިން ހިންގާ ތަފާތު ޕްރޮގްރާމް ތަކުގައި ބައިވެރިކުރުވުމުގެ އިތުރުން، ކުލަބު ޖަމްޢިއްޔާ އަދި ޖަމާޢަތްތަކާއި ގުޅިގެން ކުރިއަށް ގެންދާ ތަފާތު އިޖުތިމާޢީ ޙަރަކާތް ތަކުގައި ބައިވެރިވުމުގެ ފުރުޞަތު އޮންނަގޮތުގެމަތިންނެވެ.