ޚަބަރު | ''ޖުވެނައިލް ޖަސްޓިސް ޓްރެއިނިންގ ފޯ އެމްސީއެސް'' ގައި ޖުވެނައިލް ކޯޓުން ބައިވެރިވެއްޖެ

ޕަބްލިޝްކުރި ތާރީޚް: 2019.04.07



2019 ޖޫން 16 އިން 2019 ޖޫން 20 ގެ ނިޔަލަށް އިންސްޓިޓިއުޓް ފޯ ކަރެކްޝަނަލް ސްޓަޑީސް (އައިކޯސްޓް) އާއި ޖުވެނައިލް ޖަސްޓިސް ޔުނިޓުން އިންތިޒާމްކޮށް ކުރިޔަށް ގެންދިޔަ ''ޖުވެނައިލް ޖަސްޓިސް ޓްރެއިނިންގ ފޯ އެމްސީއެސް'' ގައި ފެސިލިޓޭޓަރެއްގެ ގޮތުން ޖުވެނައިލް ކޯޓުން ބައިވެރިވެއްޖެއެވެ. މިތަމްރީން ޕްރޮގްރާމުގައި ކޯޓުގެ ފަރާތުން ސެޝަންތައް ނަންގަވައި ދެއްވީ ކޯޓުގެ ޤާޟީ އަލްއުސްތާޛް މުޙައްމަދު ޢީސާފުޅު އާއި އެސިސްޓެންޓް ލީގަލް އޮފިސަރ ފާޠިމަތު ސާޖިދާ އާއި ސީނިއަރ ޕްރޮބޭޝަން އޮފިސަރ ފާޠިމަތު ފަޟީލާ އެވެ.

މިޕްރޮގްރާމަކީ އައްސޭރި ޖަލުގައި ޙުކުމް ތަންފީޛުކުރަމުންދާ 18 އަހަރު ނުފުރޭ ކުދިންނާމެދު ޢަމަލުކުރާނެ އުޞޫލުތަކާއި، އެކުދިންނާމެދު މުޢާމަލާތްކުރާނެ ގޮތްތައް ދަސްކޮށްދިނުމަށާއި، ބައިނަލްއަޤްވާމީ މުއާޙަދާތަކާއި މިންގަނޑުތަކުގައި ބަޔާންކޮށްފައިވާ އުޞޫލުތަކާއި ކުޑަކުދިންގެ ޢަދުލުގެ ނިޒާމަށް ހޭލުންތެރިކުރުވުމުގެ ގޮތުން އައްސޭރި ޖަލުގެ އޮފިސަރުންނަށް އަމާޒުކުރެވިގެން ކުރިޔަށް ގެންދެވުނު ތަމްރީން ޕްރޮގްރާމެކެވެ. ހަދުވަހުގެ މުއްދަތަށް ކުރިޔަށް ދިޔަ މިޕްރޮގްރާމުގައި އައްސޭރި ޖަލުގެ 32 އޮފިސަރުން ބައިވެރިވެފައިވެއެވެ.