ޚަބަރު | ''ޖުވެނައިލް ޖަސްޓިސް ޓްރެއިނިންގ ފޯ އެމްސީއެސް'' ގައި ޖުވެނައިލް ކޯޓުން ބައިވެރިވެއްޖެ

ޕަބްލިޝްކުރި ތާރީޚް: 2019.03.14



2019 މާރިޗު 10 އިން 2019 މާރިޗު 12 ގެ ނިޔަލަށް އިންސްޓިޓިއުޓް ފޯ ކަރެކްޝަނަލް ސްޓަޑީސް (އައިކޯސްޓް) އާއި ޖުވެނައިލް ޖަސްޓިސް ޔުނިޓުން އިންތިޒާމްކޮށް ކުރިޔަށް ގެންދިޔަ ''ޖުވެނައިލް ޖަސްޓިސް ޓްރެއިނިންގ ފޯ އެމްސީއެސް'' ގައި ފެސިލިޓޭޓަރެއްގެ ގޮތުން ޖުވެނައިލް ކޯޓުން ބައިވެރިވެއްޖެއެވެ. މިތަމްރީން ޕްރޮގްރާމުގައި ކޯޓުގެ ފަރާތުން ސެޝަންތައް ނަންގަވައި ދެއްވީ ކޯޓުގެ ޤާޟީ އަލްއުސްތާޛް މުޙައްމަދު ޢީސާފުޅު އާއި އެސިސްޓެންޓް ލީގަލް އޮފިސަރ ފާޠިމަތު ސާޖިދާއާއި ސީނިއަރ ޕްރޮބޭޝަން އޮފިސަރ ފާޠިމަތު ފަޟީލާ އެވެ.

މިޕްރޮގްރާމަކީ އައްސޭރި ޖަލުގައި ޙުކުމް ތަންފީޛުކުރަމުންދާ 18 އަހަރު ނުފުރޭ ކުދިންނާމެދު ޢަމަލުކުރާނެ އުޞޫލުތަކާއި، އެކުދިންނާމެދު މުޢާމަލާތްކުރާނެ ގޮތްތައް ދަސްކޮށްދިނުމަށާއި، ބައިނަލްއަޤްވާމީ މުއާޙަދާތަކާއި މިންގަނޑުތަކުގައި ބަޔާންކޮށްފައިވާ އުޞޫލުތަކާއި ކުޑަކުދިންގެ ޢަދުލުގެ ނިޒާމަށް ހޭލުންތެރިކުރުވުމުގެ ގޮތުން އައްސޭރި ޖަލުގެ އޮފިސަރުންނަށް އަމާޒުކުރެވިގެން ކުރިޔަށް ގެންދެވުނު ތަމްރީން ޕްރޮގްރާމެކެވެ. މިޕްރޮގްރާމުގައި އައްސޭރި ޖަލުގެ 20 އޮފިސަރުން ބައިވެރިވެފައިވެއެވެ.