ޚަބަރު | ޖުވެނައިލް ކޯޓުގެ ޝަރީޢަތްތައް އަލުން ކުރިޔަށް ގެންދަން ފަށައިފި

ޕަބްލިޝްކުރި ތާރީޚް: 2020.04.12



ކޮވިޑް 19 އާ ގުޅިގެން، ދިވެހިރާއްޖޭގައި ޢާއްމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާނުކުރުމުން، މި ހާލަތުގައި މައްސަލަތައް ކުރިޔަށް ގެންދާނެ ވަކި ގޮތްތަކެއް ހަމަޖެހެންދެން، ޖުވެނައިލް ކޯޓުގެ ޝަރީޢަތްތަށް ކުރިޔަށް ނުގެންގޮސް މަޑުޖައްސާލާފައި އޮތް އޮތުން ނިމުމަކަށްގެނެސް، ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ނަންބަރު: 10/2020/CIR/C-JSC ސަރކިއުލާއިން އަންގާފައިވާ ގޮތުގެމަތިން، އަލުން ޖުވެނައިލް ކޯޓުގައި ޝަރީޢަތްތައް ކުރިޔަށް ގެންދަން ފަށައިފިއެވެ. މި ޙާލަތުގައި ޖުވެނައިލް ކޯޓުގެ މަސައްކަތްތައް ކުރިޔަށް ގެންދިއުމުގައި ޢަމަލުކުރަމުން ގެންދާނީ، ''ކޮވިޑް 19 އާ ގުޅިގެން އިޢުލާނުކޮށްފައިވާ ޞިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތުގައި ޖުވެނައިލް ކޯޓުގައި މަސައްކަތް ކުރިޔަށް ގެންދާނެ ގޮތުގެ އުޞޫލް'' ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިންނެވެ.

 

19 މާރިޗު 2020 އިން ފެށިގެން ސަރުކާރު ބަންދުކޮށްފައިވީނަމަވެސް، ކުށުގެ ތުހުމަތުގައި ހައްޔަރުކުރެވޭ ކުދިންގެ ބަންދާމެދު ގޮތެއް ނިންމުމުގެ މަޖްލިސްތައް ބޭއްވުމާއި، ތަޙުޤީޤު މަރުޙަލާގައި ކޯޓުން ނެރެދޭންޖެހޭ އަމުރުތައް ނެރެދިނުމުގެ މަސައްކަތް ޖުވެނައިލް ކޯޓުން މެދުކެނޑުމެއްނެތި ކުރިޔަށް ގެންދާކަން މި ފުރުޞަތުގައި ފާހަގަކުރަމެވެ.

 

''ކޮވިޑް 19 އާ ގުޅިގެން އިޢުލާނުކޮށްފައިވާ ޞިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތުގައި ޖުވެނައިލް ކޯޓުގައި މަސައްކަތް ކުރިޔަށް ގެންދާނެ ގޮތުގެ އުޞޫލް'' ގައި، އެޗް.ޕީ.އޭ އިން ނެރުއްވާ ކޮންމެ އެލާރޓް ލެވަލްއެއްގައިވެސް ކޯޓުގެ މަސައްކަތްތައް ކުރިޔަށް ގެންދާނެ ގޮތްތައް ފާހަގަކުރެވިފައިވާނެއެވެ.

 

އަދި ކޯޓަށް ހުށަހެޅޭ ލިޔެކިޔުންތައް ހުށަހެޅުމުގައި ވީހާވެސް ބޮޑަށް އޮންލައިންކޮށް ކުރިއަށް ގެންދިއުމަށްޓަކައި، ކޯޓުން އެކަމަށް ޚާއްޞަކުރެވިފައިވާ އީމެއިލް އެޑްރެސްތައް މެދުވެރިކޮށް، ލިޔެކިއުންތައް ބަލައިގަތުމުގެ އިންތިޒާމްވެސް ހަމަޖެއްސިފައިވެއެވެ.

 

ކޯޓުން ފޯރުކޮށްދެމުން ގެންދާ ޚިދުމަތްތައް ފޯރުކޮށްދިނުމުގައި ވީހާވެސް ބޮޑަށް އިޖްތިމާޢީ ގައިދުރުކަން ދެމެހެއްޓުމަށްޓަކައި، ޝަރީޢަތްތަކަށް ޙާޟިރުކުރަންޖެހޭ ފަރާތްތައް ކޯޓަށް ޙާޟިރުވުމުގެ އަމުރުތައް ފޮނުވުމުގައި ސޯޝަލް މީޑިއާގެ ވަސީލަތްތަކާއި އަދި އީމެއިލް ބޭނުންކުރަމުން ގެންދިއުމާއި، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ދަޢުވާކުރާ މައްސަލަތައް އިލެކްޓްރޯނިކްކޮށް ކޯޓަށް ފޮނުވަމުން ގެންދިއުމުގެ އިންތިޒާމްވެސް ކޯޓުގައި ޤާއިމްކުރެވިފައިވެއެވެ. ޝަރީޢަތްތަކާއި ގުޅިގެން ކޯޓަށް ހުށަހަޅާ ލިޔެކިޔުންތައް މިކޯޓުގެ info@juvenilecourt.gov.mv އީމެއިލްގެ ޒަރިއްޔާއިން ހުށަހެޅުއްވޭނެއެވެ.

 

ޖުވެނައިލް ކޯޓުގެ މަސައްކަތްތައް ކުރިޔަށް ގެންދިއުމަށްޓަކައި، ހުކުރު އަދި ހޮނިހިރު ދުވަސް ފިޔަވައި ހަފްތާގެ ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން 13:00 އަށް ކޯޓު ހުޅުވިފައި ހުންނާނެއެވެ.

 

ތިރީގައި އެވަނީ ކޯޓުގެ ޚިދުމަތްތަކާ ގުޅޭގޮތުން މަޢުލޫމާތު ސާފުކުރުމަށްޓަކައި ގުޅޭނެ ނަންބަރުތަކާއި، ލިޔެކިޔުންތައް ފޮނުވަމުން ގެންދާނެ އީމެއިލް އެޑްރެސްތަކެވެ.

 

 

#

ސެކްޝަން

އީމެއިލް

ފޯން ނަންބަރު

1

އިދާރީ ސެކްޝަން

admin@juvenilecourt.gov.mv

(3332645)

2

ރަޖިސްޓްރާރ ސެކްޝަން

registration@juvenilecourt.gov.mv

(3340734)

3

ޝަރީޢަތްކުރާ ސެކްޝަން: (Jv-B1)

jvb1@juvenilecourt.gov.mv

(3340724)

4

ޝަރީޢަތްކުރާ ސެކްޝަން: (Jv-B2)

jvb2@juvenilecourt.gov.mv

(3340703)

5

ޝަރީޢަތްކުރާ ސެކްޝަން: (Jv-B3)

Jvb3@juvenilecourt.gov.mv

(3340709)

6

ޝަރީޢަތްކުރާ ސެކްޝަން: (Jv-B4)

Jvb4@juvenilecourt.gov.mv

(3340724)