ޚަބަރު | ކޮވިޑް 19 އާއި ގުޅިގެން ޞިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތުގައި ޖުވެނައިލް ކޯޓުގައި މަސައްކަތް ކުރިއަށް ގެންދާނެ އުސޫލެއް އެކުލަވާލައިފި.

ޕަބްލިޝްކުރި ތާރީޚް: 2020.04.12



ކޮވިޑް 19 އާ ގުޅިގެން ޞިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތުގައި ޖުވެނައިލް ކޯޓުގައި މަސައްކަތް ކުރިޔަށް ގެންދާނެ ގޮތުގެ އުޞޫލެއް އެކުލަވާލައިފިއެވެ. ކޯޓުންދޭ ޚިދުމަތްތައް މެދުނުކެނޑި ކުރިއަށް ގެންދިއުމުގެ ގޮތުން، އެޗް.ޕީ.އޭ އިން ކަނޑައަޅުއްވާފައިވާ 3 (ތިނެއް) އެލާރޓް ލެވަލްގައި ކޯޓުން ޢަމަލުކުރާނެ ގޮތްތައް ވަކިވަކިން މި އުސޫލުގައި ހިމެނިފައިވެއެވެ. މިގޮތުން ތަޙުޤީޤު މަރުޙަލާގައި ނެރެންޖެހޭ އަމުރުތައް ނެރުމުގައި ރީނދޫ އެލާރޓްގައި ޤާޟީން ގޭގައި ތިއްބަވައިގެން އަމުރު ނެރުމާއި، މޯލްޑިވްސް ޕޮލިސް ސަރވިސްއިން އަމުރަށް އެދުމުގައި އީމެއިލް މެދުވެރިކޮށް ކޯޓަށް ހުށަހަޅައިގެން ކުރިޔަށް ގެންދިއުމުގެ ފުރުޞަތު އޮންނާނެއެވެ.

       އޮރެންޖް އެލާރޓްގައި ބަންދާމެދު ގޮތެއް ނިންމުމަށް ބޭއްވޭ މަޖިލިސްތަކުގައި ތުހުމަތުކުރެވޭ ކުއްޖާ ހުރީ ޖަލު ބަންދެއްގައިނަމަ، މޯލްޑިވްސް ޕޮލިސް ސަރވިސް ނުވަތަ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް މެދުވެރިކޮށް އެކުއްޖާ ބަންދުގައި ހުރިތަނުން ވީޑިއޯ ލިންކް މެދުވެރިކޮށް ޝަރީޢަތުގެ މަޖިލީހުގައި ޙާޟިރުވެ ހުރުމުގެ އިންތިޒާމްތައް ކޯޓުގައި ހަމަޖެހިފައިވާނެއެވެ. އަދި ރެޑް އެލާރޓްގައި ކުއްޖާ ހުރީ ކަސްޓޯޑިއަލް / ކަރެކްޝަންސް ބަންދެއްގައިނަމަ، ބަންދާމެދު ގޮތް ނިންމުމުގެ މަޖްލިސް ފެށުމުގެ ކުރިން ބެލެނިވެރިޔާއާ ދިފާޢީ ވަކީލް، ކުއްޖާއާ އޯޑިއޯ ނުވަތަ ވީޑިއޯ ލިންކް މެދުވެރިކޮށް ވާހަކަ ދެއްކޭނެ އިންތިޒާމް ހަމަޖެހިފައިވާނެއެވެ.

         ޝަރީޢަތްތައް ކުރިއަށް ގެންދިއުމުގައިވެސް އެކި އެލާރޓް ލެވެލްގައި ކަންތައްތައް ކޯޓުން އިންތިޒާމް ކުރުމުގައި ޙާލަތަށް ރިޢާޔަތްކޮށްފައިވާނެއެވެ. މިގޮތުން ޕީ.ޖީ ވަކީލު އެދޭނަމަ، ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުގައި ހުރެގެން ވީޑިއޯ ލިންކް މެދުވެރިކޮށް، އިބްތިދާއީ އަޑުއެހުމާއި ޝަރީޢަތުގެ މަޖިލީސްވެސް ކުރިޔަށް ގެންދިއުމާއި، ކުއްޖާ ހުރީ ކަރެކްޝަންސްގެ ބެލުމުގެ ދަށުގައި ޖަލުގައިކަމަށްވެފައި، ކުއްޖާ ޤަބޫލުވާނަމަ، އޭނާ ބަންދުގައި ހުރި ތަނުގައި ހުރެގެން ވީޑިއޯ ލިންކް މެދުވެރިކޮށް ޝަރީޢަތުގެ މަޖިލީހުގައި ބައިވެރިވުމުގެ އިޚްތިޔާރު ދިނުމާއި، ޝަރީޢަތަށް ޙާޟިރުކުރަންޖެހޭ ޢާންމު ހެކިންނާއި ޚަބީރުންނަކީ މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ނިސްބަތްވާ ފަރާތްތަކެއްނަމަ، އެފަރާތްތައް މޯލްޑިވްސް ޕޮލިސް ސަރވިސްގައި ތިބެގެން ވީޑިއޯ ލިންކް މެދުވެރިކޮށް ޝަރީޢަތުގެ މަޖިލީހުގައި ބައިވެރިވުމުގެ ފުރުޞަތު ދިނުން ހިމެނެއެވެ.

        ކޯޓުގައި ކުރިއަށް ގެންދާ ޕްރޮބޭޝަން މަސައްކަތްތައް، ރީނދޫ އެލާރޓް ޙާލަތުގައި، ކުދިންނާއި ބެލެނިވެރިން ކޯޓަށް ޙާޟިރުކޮށްގެން ކުރިއަށް ދެވޭނެއެވެ. އަދި ކޭސް ކޮންފަރެންސެއް ބާއްވަން ޖެހިއްޖެނަމަ މުއައްސަސާތަކާއި ކޯޓާއި ދެމެދު ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ގުޅާލެވިގެންދާނެއެވެ. ނަމަވެސް އޮރެންޖް އަދި ރެޑްއެލާރޓް ޙާލަތުގައި ކޯޓުން ބާއްވާނީ ކޮންމެހެން ބާއްވަންޖެހޭ ނުވަތަ ފަސްނުކުރެވޭނެ ކޭސް ކޮންފަރެންސްތަކެވެ. ރެޑްއެލާރޓް ޙާލަތުގައި ޕްރޮބޭޝަން މަސައްކަތްތައް ޕްރޮބޭޝަން އޮފިސަރ ގޭގައި ހުރެގެން ވީޑިއޯ ކޯލް / ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ކުރިޔަށް ގެންދަމުންދާނެއެވެ.

              ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ މައްސަލަތައް އެންމެ އަވަސް މައްސަލަތަކެއްގެ ގޮތުގައި ޝެޑިއުލްކޮށް މިޙާލަތުގައިވެސް ކުރިއަށް ގެންދެވޭނެއެވެ.

 

ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ޝަރީޢަތް ހިންގުމަށް އެދި ހުށަހަޅާ ފޯމު

ކޯޓަށް ޙާޟިރުވާ ފަރާތުގެ އިޤުރާރު

ވީޑިއޯ ކޮންފަރެންސްކޮށް ޝަރީޢަތް / މުއްދަތު މަޖިލިސް ބޭއްވުމާގުޅޭ އިޤުރާރު