ޚަބަރު | ޤާނޫނީ ވަކީލުން ޖުވެނައިލް ކޯޓުގައި ރަޖިސްޓަރީވުމުގެ ފުރުޞަތު ހުޅުވާލެވިއްޖެ

ޕަބްލިޝްކުރި ތާރީޚް: 2012.06.12



ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ނެރުއްވާފައިވާ "ދިވެހިރާއްޖޭގެ ކޯޓުތަކުގައި ވަކާލާތުކުރާ ޤާނޫނީ ވަކީލުންނާބެހޭ ޤަވާޢިދު" ގެ 2.2 ގައި، ކޮންމެ ކޯޓެއްގައިވެސް، އެ ކޯޓެއްގައި ވަކާލާތުކުރާ ވަކީލުންގެ ރަޖިސްޓަރީއެއް އޮންނަންވާނެކަމަށް ބަޔާންކޮށްފައިވާތީ، ޖުވެނައިލް ކޯޓުގައި ވަކާލާތުކުރާ ޤާނޫނީ ވަކީލުންގެ ރަޖިސްޓަރީއެއް އެކުލަވާލުމަށްޓަކައި، ޖުވެނައިލް ކޯޓުގައި ވަކާލާތުކުރުމަށް އެދޭ ޤާނޫނީ ވަކީލުން ކޯޓުގައި ރަޖިސްޓަރީވުމުގެ ހުއްދައަށް އެދި " ޖުވެނައިލް ކޯޓުގައި ވަކާލާތުކުރާ ޤާނޫނީ ވަކީލުންގެ ރަޖިސްޓަރީގައި ހިމެނުމަށް އެދޭ ފޯމު" ފުރިހަމަކުރެއްވުމަށްފަހު،12 ޖޫން 2012 ވަނަ ދުވަހުން ފެށިގެން، ޖުވެނައިލް ކޯޓަށް ހުށަހެޅުއްވުމުގެ ފުރުޞަތު ހުޅުވާލެވިއްޖެއެވެ.

 

ރަޖިސްޓަރީވުމުގެ ހުއްދައަށް އެދި ފޯމު ހުށަހަޅުއްވާއިރު، ޤާނޫނީ ވަކީލެއްގެ ޙައިޘިއްޔަތުން ވަކާލާތުކުރުމުގެ ހުއްދައިގެ އަޞްލާއި ކޮޕީ، އަދި ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ އަޞްލާއި ކޮޕީ، ހުށަހަޅުއްވަންޖެހޭގޮތަށް ހަމަޖެހިފައިވެއެވެ.

 

ޖުވެނައިލް ކޯޓުގައި ވަކާލާތުކުރާ ވަކީލުންގެ ރަޖިސްޓަރީގައި ވަކީލުން ރަޖިސްޓަރީ ކުރެވެމުންދާނީ، އެކަމަށް އެދޭ ފޯމު ފުރިހަމަކޮށް، އެފޯމުގައި ހުށަހެޅުމަށް ބުނެފައިވާ ތަކެއްޗާއިއެކު ފޯމު ޖުވެނައިލް ކޯޓަށް ހުށަހެޅުމުގެ އިތުރުން، "ދިވެހިރާއްޖޭގެ ކޯޓުތަކުގައި ވަކާލާތުކުރާ ޤާނޫނީ ވަކީލުންނާބެހޭ ޤަވާޢިދު" ގެ ޖަދުވަލު 1 ގައިވާ އިޤްރާރު ފުރިހަމަކޮށް ސުޕްރީމް ކޯޓަށް ހުށަހަޅާ ވަކީލުންގެ ލިސްޓު، ސުޕްރީމް ކޯޓުން ޖުވެނައިލް ކޯޓަށް ފޮނުވުމުން އެ ލިސްޓަށް ބަލައިގެންނެވެ.