ޚަބަރު | ޖުވެނައިލް ކޯޓުގެ އައު ފަނޑިޔާރު މަސައްކަތަށް ނިކުމެވަޑައިގަންނަވަން ފަށްޓަވައިފި

ޕަބްލިޝްކުރި ތާރީޚް: 2020.11.29



    މިހިނގާ ނޮވެންބަރު މަހުގެ 20 ވަނަ ދުވަހުންފެށިގެން ޢަމަލުކުރަން ފަށާފައިވާ  ޤާނޫނު ނަމްބަރު 2019/18 (ކުޑަކުދިންގެ ޢަދުލުގެ ޤާނު) ގެ 22 ވަނަ މާއްދާގެ (ހ) ގެ ދަށުން ޖުވެނައިލް ކޯޓަށް ޢައްޔަނު ކުރެވުނު ފުރަތަމަ އަންހެން ފަނޑިޔާރު، ހދ.ކުޅުދުއްފުށީ، ޓޯޓަލްގެ / އަލްއުސްތާޛާ މަރިޔަމް ޠާއިފާ، ކޯޓުގެ މަސައްކަތަށް ނިކުމެވަޑައިގަންނަވަން ފަށްޓަވައިފިއެވެ. ކުޑަކުދިންގެ ޢަދުލުގެ ޤާނޫނުގައި ބުނެފައިވާގޮތުން، ކުޑަކުދިންގެ މައްސަލަތައް ބަލާ ކޯޓުތަކުގައި މަސައްކަތްކުރަންވާނީ، ކުޑަކުދިންގެ ޙައްޤުތަކާ ގުޅޭގޮތުންނާއި ކުޑަކުދިންގެ ޢަދުލުގެ ނިޒާމާ ގުޅޭގޮތުން އަދި ކުޑަކުދިންގެ މައްސަލަތައް ބެލުމަށް ޚާއްޞަ ތަމްރީން ލިބިފައިވާ ދެ ޖިންސުގެ ފަނޑިޔާރުންނެވެ.
އަލްއުސްތާޛާ މަރްޔަމް ޠާއިފާއަކީ ކުއްލިއްޔަތުއް ދިރާސާތިލް އިސްލާމިއްޔާއިން ޝަރީޢަތާއި ގާނޫނުގެ ރޮނގުން ބެޗްލަރޒް ޑިގްރީ ހާޞިލް ކުރައްވާ، ޤާނޫނީ ވަކީލުކަމުގައި 8 އަހަރުގެ ތަޖުރިބާ ލިބިވަޑައިގެން ހުންނެވި ބޭފުޅެކެވެ. ފެމެލީ ޕްރޮޓެކްޝަން އޮތޯރިޓީގެ މެންބަރެއްގެ މަޤާމުވެސް ފުރުއްވާފައިވާ އަލްއުސްތާޛާ މަރްޔަމް ޠާއިފާ މީގެ ކުރިން ހުންނެވީ ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހުގެ ސީނިއަރ ޕަބްލިކް ޕްރޮސެކިއުޓަރގެ މަޤާމުގައެވެ.
          ޖުޑީޝަލް ސަރވިސް ކޮމިޝަނުގައި ބޭއްވުނު ރަސްމިއްޔާތުގައި އަލްއުސްތާޛާ މަރިޔަމް ޠާއިފާ ފަނޑިޔާރުކަމުގެ ހުވާ ކުރައްވާފައިވަނީ 26 ނޮވެންބަރު 2020 ގައެވެ.