ޚަބަރު | ޖުވެނައިލް ކޯޓުން މޯލްޑިވްސް ޕޮލިސް ސަރވިސްއާއެކު ބައްދަލުވުމެއް ބާއްވައިފި.

ޕަބްލިޝްކުރި ތާރީޚް: 2021.01.27



މޯލްޑިސް ޕޮލިސް ސަރވިސްގެ ޖުވެނައިލް އޮފެންސަސް ޑިޕާޓްމަންޓުން ޖުވެނައިލް ކޯޓާއެކު ބައްދަލުވުމެއް ބާއްވައިފިއެވެ. 2021 ޖަނަވަރީ 27 ވަނަ ދުވަހު ޖުވެނައިލް ކޯޓުގައި ބޭއްވުނު މި ބައްދަލުވުމުގައި މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުން އިސްބޭފުޅެއްގެ ގޮތުގައި ބައިވެރިވެ ވަޑައިގެންނެވީ، ޖުވެނައިލް އޮފެންސަސް ޑިޕާޓްމަންޓުގެ ޑެޕިއުޓީ ހެޑް އިންސްޕެކްޓަރ އޮފް ޕޮލިސް ޞޮފްޢަތު ރަޢޫފުއެވެ. ޖުވެނައިލް ކޯޓުގެ ފަރާތުން ބައިވެރިވެވަޑައިގެންނެވީ ޖުވެނައިލް ކޯޓުގެ އިސްޤާޟީ އައްއުސްތާޛު ސަޢީދު އިބްރާހީމްއާއި ޤާޟީ އަލްއުސްތާޛު އަހްމަދު ޝަރީފްއާއި ޤާޟީ އަލްއުސްތާޛު މުޙައްމަދު ޢީސާފުޅާއި ޤާޟީ އަލްއުސްތާޛާ މަރިޔަމް ޠާއިފާގެ އިތުރުން ރަޖިސްޓްރާރ އަލްއުސްތާޛާ ޒަޢީމާ ނަޝީދު އަބޫބަކުރާއި ޗީފް އެޑްމިނިސްޓްރޭޓަރ އާދަމް ޙަސަން ޙުސައިނާއި ކޮމްޕިއުޓަރ ޓެކްނީޝަން އަޙްމަދު އަލްޙަމް އާދިލްއެވެ.

މިބައްދަލުވުމަކީ، މޯލްޑިވްސް ޕޮލިސް ސަރވިސް އިން ޑިވެލޮޕް ކުރަމުން ގެންދާ މުއްދަތު ޕޯޓަލް އަދި ރިފަރަލް ފޮނުވުމަށްޓަކައި ބޭނުންކުރާ އެމް.ސީ.ޕީ.ޑީ ސިސްޓަމް ޑިވެލޮޕް ކުރުމުގައި ޖުވެނައިލް ކޯޓާ ގުޅުންހުރި ބައިތަކުގައި، ކޯޓުގެ ޚިޔާލާއި ލަފާ ހޯދުމަށާއި، މުއްދަތު ޕޯޓަލް އަދި އެމް.ސީ.ޕީޑީ އިތުރަށް ރަނގަޅުކޮށް ހަރުދަނާކުރުމަށް ދެފަރާތުން ގުޅިގެން ކުރެވެން ހުރި ކަންތައްތަކާއިމެދު މަޝްވަރާކުރުމަށްޓަކައި މޯލްޑިވްސް ޕޮލިސް ސަރވިސްގެ އެދުމުގެމަތިން ބޭއްވުނު ބައްދަލުވުމެކެވެ. މިބައްދަލުވުމުގައި މުއްދަތު ޕޯޓަލް އަދި އެމް.ސީ.ޕީޑީ ސިސްޓަމްގެ މިހާރު ކުރިއަށް ގޮސްފައިވާ ހިސާބުގެ ޑެމޮންސްޓެރޭޝަނެއް ވަނީ ދައްކާލާފައެވެ. މުއްދަތު ޕޯޓަލް މެދުވެރިކޮށް މަސައްކަތްތައް ފެށުމުން، ކުރިއަށް އޮތްތާގައި ދެފަރާތަށްވެސް މިހާރަށްވުރެ ބޮޑެތި ފަސޭހަތަކެއް ލިބި މަސައްކަތްތައް އިތުރަށް ހަލުވި ވެގެންދާނެކަމަށާއި އެގޮތުން ލިޔެކިއުންތައް އެއް ސިސްޓަމެއްގެ ތެރެއިން ފެނުމާއި ރެކޯޑުތައް ބެލެހެއްޓުމުގައި ފަސޭހަވެގެންދާނެކަމުގައި މޯލްޑިވްސް ޕޮލިސް ސަރވިސް އިން ފާހަގަކުރައްވާފައިވެއެވެ.