ޚަބަރު | ޖުވެނައިލް ކޯޓުން ޖުޑީޝަލް ސަރވިސް ކޮމިޝަން އަދި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓޭރޭޝަންއާއި އެކު ބައްދަލުވުމެއް ބާއްވައިފި.

ޕަބްލިޝްކުރި ތާރީޚް: 2021.03.07



2021 މާރިޗު 07 ވަނަ ދުވަހު ޖުވެނައިލް ކޯޓުގެ އިސްނެގުމަށް ޖުޑީޝަލް ސަރވިސް ކޮމިޝަން އަދި ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓޭރޭޝަންގެ އިސްވެރިންނާއެކު އޮންލައިންކޮށް ބައްދަލުވުމެއް ބާއްވައިފިއެވެ.

މިބައްދަލުވުމުގެ މައިގަނޑު މަޤްޞަދަކީ، 20 ނޮވެމްބަރު 2020 އިން ފެށިގެން ޢަމަލު ކުރަންފަށާފައިވާ، ޤާނޫނު ނަމްބަރު: 2019/18 "ކުޑަކުދިންގެ ޢަދުލުގެ ޤާނޫނު" ތަންފީޒުކުރުމަށްޓަކައި ގިނަ ކަންތައްތަކެއްކޮށް، ގިނަ އިންތިޒާމުތަކެއް ވަކި މުއްދަތުތަކެއްގެ ތެރޭގައި ހަމަޖެއްސުމަށް، ކަމާގުޅުންހުރި އެންމެހާ އިދާރާތަކެއްގެ މައްޗަށް އެ ޤާނޫނުގައި ލާޒިމުކޮށްފައިވާތީއާއި، ކުޑަކުދިންނާ ގުޅޭ ޝަރީޢަތްތައް ކުރަމުންދަނީ ޤާނޫނުން އެކަށައަޅާފައިވާ އިންތިޒާމުތަކުގެ ތެރެއިންކަން ޖުޑީޝަލް ސަރވިސް ކޮމިޝަނުން ބަލައި ކަށަވަރުކުރަންވާނެކަމަށް، އެ ޤާނޫނުގެ 23 ވަނަ މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާތީ، މި ޤާނޫނު ތަންފީޒު ކުރުމަށްޓަކައި ކޯޓުން މިހާތަނަށް ކޮށްފައިވާ މަސައްކަތްތަކާއިގުޅޭގޮތުންނާއި، އެ މަސައްކަތްތައް ހަލުވިކަމާއެކު ނިންމުމަށްޓަކައި އިތުރަށް ކުރެވެންހުރި ކަންކަމާއި ގުޅޭގޮތުން ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެންބަރުންނާއެކު ޖުވެނައިލް ކޯޓުގެ ފަނޑިޔާރުން މަޝްވަރާކޮށް މަޢުލޫމާތު ހިއްސާ ކުރުމެވެ.

މިގޮތުން މި ޤާނޫނު ތަންފީޒުކުރުމަށްޓަކައި ވާންޖެހޭ ތައްޔާރީތައް ވުމަށްޓަކައި ޖުވެނައިލް ކޯޓުން މިހާތަނަށް ކޮށްފައިވާ މަސައްކަތްތަކަށް އަލިއަޅުވާލެވުނެވެ. އަދި ހަމަމިއާއެކު ތަފާތު ސަބަބުތަކާހުރެ، މި ޤާނޫނު ތަންފީޒު ކުރުމަށް ބޭނުންވާ އަސާސީ ގިނަ ކަންކަން ފުރިހަމަވުމުގައި ލަސްތަކެއް އަންނަމުންދާކަން ކޯޓުން ފާހަގަކޮށް ދިމާވާ ދަތިތައް ޖުޑީޝަލް ސަރވިސް ކޮމިޝަނާއި އަދި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނާއި ހިއްސާކުރެވުނެވެ.

މިބައްދަލުވުމުގައި ޖުވެނައިލް ކޯޓުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ހުރި ދަތިތައް ހައްލުކުރުމަށް ކުރެވިދާނެ މަސައްކަތްތަކަކީ ކޮބައިކަމާއި، މިހާރުން މިހާރަށް ބޭނުންވާ އެހީރެތިކަމަކީ ކޮބައިކަން ދެނެގަނެ، އެކަންކަމާ ގުޅިގެން މަޝްވަރާ ކުރެވުނެވެ. އަދި "ކުޑަކުދިންގެ ޢަދުލުގެ ޤާނޫނު" ތަންފީޒުކުރުމަށްޓަކައި ބޭނުންވާ އެހީތެރިކަން ފޯރުކޮށްދެއްވާ، މިޤާނޫނު ތަންފީޒުކުރުމަށް ދިމާވާ އެކިއެކި ދަތިތައް ހައްލުކޮށްދެއްވުމަށް މަސައްކަތް ކުރައްވަމުން ދާކަމަށާއި، އެމަސައްކަތް ކުރައްވަމުން ގެންދަވާނެކަމަށް ޖުޑީޝަލް ސަރވިސް ކޮމިޝަނާއި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ވަނީ ވިދާޅުވެފައެވެ.