ޚަބަރު | 2012 ވަނަ އަހަރު ޖުވެނައިލް ކޯޓަށް ހުށަހެޅުނު މަރުގެ މައްސަލަތަކާއި، ތޫނު އެއްޗެހި ގެންގުޅުމުގެ މައްސަލަތައް އިތުރުވެއްޖެ

ޕަބްލިޝްކުރި ތާރީޚް: 2012.06.18



2012 ވަނަ އަހަރުގެ މެއި މަހުގެ ނިޔަލަށް ކޯޓަށް ހުށަހެޅި ނިމިފައިވާ މައްސަލަތަކަށް ބަލާއިރު، ތޫނުއެއްޗެހި ގެންގުޅުމުގެ މައްސަލަތަކާއި ބަދުއަޚްލާޤީ ޢަމަލު ހިންގުމުގެ މައްސަލަތަކާއި މަރުގެ މައްސަލަތައް 2011 ވަނަ އަހަރަށް ވުރެ 2012 ވަނަ އަހަރު އިތުރުވެފައިވެއެވެ. 2011 ވަނަ އަހަރު ބަދުއަޚްލާޤީ ޢަމަލު ހިންގުމުގެ 04 މައްސަލަ ނިމިފައިވާއިރު، އެއްވެސް މައްސަލައެއް ހުށަހެޅިފައެއްނުވެއެވެ. ނަމަވެސް 2012 ވަނަ އަހަރުގެ މެއި މަހުގެ ނިޔަލަށް ތޫނުއެއްޗެހި ގެންގުޅުމުގެ 04 މައްސަލައެއް ހުށަހެޅި، 03 މައްސަލަ ނިމިފައިވާއިރު، ބަދުއަޚްލާޤީ ޢަމަލު ހިންގުމުގެ 03 މައްސަލައެއް ހުށަހެޅި އަދި ނިމިފައިވެއެވެ. އަދި 2012 ވަނަ އަހަރުގެ މިހާތަނަށް މަރުގެ 02 މައްސަލަ ހުށަހެޅިފައިވެއެވެ. ނަމަވެސް 2011 ވަނަ އަހަރުގެ މެއި މަހާއި ހަމައަށް މަރުގެ އެއްވެސް މައްސަލައެއް ހުށަހެޅިފައެއްނުވެއެވެ. 2011 ވަނަ އަހަރު ގްރޫޕް މާރާމާރީއާއި ޣައިރުޤާނޫނީ އެއްވުމުގެ މައްސަލަތައް 05 މައްސަލައެއް ހުށަހެޅިފައިވާއިރު، 2012 ވަނަ އަހަރު ޣައިރުޤާނޫނީ އެއްވުމުގެ 01 މައްސަލަ ހުށަހެޅިފައިވެއެވެ.

 

2012 ވަނަ އަހަރާއި 2011 ވަނަ އަހަރުގެ މެއި މަހާއި ހަމައަށް ކޯޓަށް ހުށަހެޅި ނިމިފައިވާ މައްސަލަތަކާއި ތަޙުޤީޤުބަންދަށް ގެނެވިފައިވާ މައްސަލަތަކުގެ ތަފާތުހިސާބަށް ބަލާއިރު 2011 ވަނަ އަހަރު 2012 ވަނަ އަހަރަށް ވުރެ އިތުރެވެ.  2011 ވަނަ އަހަރު ކޯޓަށް 54 މައްސަލަ ހުށަހެޅިފައިވާއިރު، ނިމިފައިވަނީ 47 މައްސަލައެވެ. އަދި ތަޙުޤީޤުބަންދަށް 355 މައްސަލަ ހުށަހެޅިފައިވެއެވެ. 2012 ވަނަ އަހަރު 20 މައްސަލަ ހުށަހެޅި 36 މައްސަލަ ނިމިފައިވާއިރު ތަޙުޤީޤު ބަންދަށް 343 މައްސަލަ ހުށަހެޅިފައިވެއެވެ.

 

ކޯޓަށް ހުށަހެޅިފައިވާ މައްސަލަތަކުގައި ހިމެނޭ ކުދިންގެ ޢަދަދަށް ބަލާއިރު، 2010 ވަނަ އަހަރު ކޯޓުގައިނުނިމި ހުރި މައްސަލަތަކާއި، 2011 ވަނަ އަހަރު ކޯޓަށް ހުށަހެޅުނު މައްސަލަތަކުގެ ތެރެއިން،2011 ވަނަ އަހަރުގެ މެއި މަހުގެ ނިޔަލަށް 06 އަންހެން ކުއްޖަކާއި 46 ފިރިހެންކުދިން ކޯޓަށް ހުށަހެޅިފައިވާ ތަފާތު އެކި މައްސަލަތަކުގައި ހިމެނި، 04 އަންހެންކުއްޖަކާއި39 ފިރިހެންކުދިންގެ މައްސަލަ ނިމިފައިވެއެވެ. އަދި، 2011 ވަނަ އަހަރު ކޯޓުގައި ނުނިމިހުރި މައްސަލަތަކާއި، 2012 ވަނަ އަހަރު ކޯޓަށް ހުށަހެޅުނު މައްސަލަތަކުގެ ތެރެއިން، 2012 ވަނަ އަހަރު 08 އަންހެން ކުއްޖަކާއި 20 ފިރިހެން ކުދިން ކޯޓަށް ހުށަހެޅިފައިވާ ތަފާތު އެކި މައްސަލަތަކުގައި ހިމެނިފައިވާއިރު، 12 އަންހެން ކުދިންނާއި 27 ފިރިހެންކުދިންގެ މައްސަލަ ނިމިފައިވެއެވެ.