ޚަބަރު | އިސްލާޙީ ޕްރޮގްރާމްގައި ފުރުޞަތުދެވިފައިވާ ކުދީންގެ ތަފާސް ހިސާބު: 01 ޖެނުއަރީ 2013 އިން 31 ޑސެމްބަރ 2013 އަށް

ޕަބްލިޝްކުރި ތާރީޚް: 2014.01.07



ކުޑަކުދިންކުރާ ކުށުގެ މައްސަލަތައް ބަލާ، ތަޙުޤީޤުކޮށް، އިންސާފުކޮށް އަދަބުދިނުމުގައި ޢަމަލުކުރާނެ ގޮތުގެ ޤަވާޢިދުގެ 19 ވަނަ މާއްދާއާއި 20 ވަނަ މާއްދާގެ ދަށުން، މީލާދީ ގޮތުން އުމުރުން 18 އަހަރު ނުފުރޭ ކުށްކުރާ ކުޑަކުދިން އިޞްލާޙުކޮށް އަނބުރާ މުޖުތަމަޢަށް ގެނައުމަށްޓަކައި 2013 ވަނަ އަހަރު 21 ކުއްޖަކު ހުށަހަޅަފައިވެއެވެ. އެގޮތުން އިސްލާޙި ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުޞަތު ޖުމުލަ 16 ކުދިންނަށް ދެވިފައިވެއެވެ. މީގެތެރެއިން 7 ކުއްޖަކަށް ދެވަނަ ފުރުޞަތެއް އިޞްލާހުވެ އަނބުރާ މުޖުތަމަޢަށް އައުމަށް ދެވިފައިވެއެވެ. ފުރުޞަތު ދީފައިވާ ކުދީންގެ ތެރޭގައި މަސްތުވާތަކެއްޗާއި ބަނގުރަލުގެ ގެކުށުގެ މައްސަލައެއްގައި ފުރުޞަތުދީފައިވާ 5 ކުދީންނާއި، ޒިނޭ އާއި ބަދުއަޚްލާޤީ ކުށުގެ މައްސަލާގައި ހިމެނޭ 2 ކުދީންނާއި، ވައްކަމުގެ ކުށުގެ މައްސަލަތަކުގައި ހިމެނޭ 4 ކުދީންނާއި ފޭރުމުގެ ކުށުގެ މައްސަލަތަކުގައި ހިމެނޭ 2 ކުދީންނާއި އަމުރަށް ނުކިޔަމަންތެރިވުމުގެ ކުށުގެ މައްސަލާގައި ހިމެނޭ 2 ކުދީންނާއި މާރާމާރީގެ ކުށުގެ މައްސަލައިގައި ހިމެނޭ 1 ކުއްޖަކު ހިމެނެއެވެ.

 

މި ޕްރޮގްރާމްގެ މަޤުޞަދަކީ ޢުމުރުން 18 އަހަރުން ދަށުގެ ކުށްކުރާ ކުޑަކުދީން އިޞްލާޙުކޮށް އަނބުރާ މުޖުތަމަޢަށް ގެނެސް، އެކުދިންނަކީ މުޖުތަމަޢަށް ފައިދާހުރި، ބޭނުންތެރި ކުދިންތަކަކަށް ހެދުމާއި، އަދި ޖަލަށް ޙުކުމްކުރެވޭ ކުދިންގެ ތެރެއިން، ކިޔަވާކުދިންނާއި، ވަޒީފާތަކުގައި އުޅޭ ކުދިންނަށް އެކުދިންގެ ކިޔެވުމުގެ ފުރުޞަތާއި ވަޒީފާއަށް ދިއުމުގެ ފުރުޞަތު ގެއްލިގެން ނުދާނެ ގޮތެއްގެ މަތިން ޙުކުމް ތަންފީޛުކުރެވެމުންދާއިރު، ކިޔެވުމާއި ވަޒީފާއަށް ދިއުމުގެ ފުރުޞަތު ދިނުމާއި އަދި މަސައްކަތާއި ހުނަރު ދަސްކޮށްދޭ ޕްރޮގްރާމްތަކުގައި ބައިވެރިކުރުމަށް ފުރުޞަތު ތަނަވަސްކޮށްދިނުމެވެ.

 

ފުރުޞަތު ދެވިފައިވާ 16 ކުދީންގެ ތެރެއިން ޕްރޮގްރާމްތައް ފުރިހަމަކޮށް، އިޞްލާޙުވެ އަބުރާ މުޖުތަމަޢަށް ގެނެވި، ޢާއިލާތަކާއި ޙަވާލުކުރެވިފައިވަނީ 06 ކުދީންނެވެ. އަދި ތަފާތު ސަބަބުތަކާއި ހުރެ ޕްރޮގްރާމް ފުރިހަމަނުކޮށްތިބި ކުދީންނާއި ފަރުވާ ފުރިހަމަ ކުރިނަމަވެސް ކުށް ތަކުރާރުކޮށްފައިވާ ކުދީން ތިބިކަން ފާހަގަކުރެވިފައިވެއެވެ.

 

މިކުދީންނަށް ފުރުޞަތު ދެމުންދަނީ ކުޑަކުދިންކުރާ ކުށުގެ މައްސަލަތައް ބަލާ، ތަޙުޤީޤުކޮށް، އިންސާފުކޮށް އަދަބުދިނުމުގައި ޢަމަލުކުރާނެ ގޮތުގެ ޤަވާޢިދު ގެ 19 ވަނަ މާއްދާއާއި 20 ވަނަ މާއްދާގެ ދަށުން، ޖުވެނައިލް ކޯޓުން އެކުލަވާލެވިފައިވާ ކުށްކުރާ ކުޑަކުދިން އިޞްލާޙުކޮށް އަނބުރާ މުޖުތަމައަށް ގެނައުމަށްޓަކައި ކޯޓުން ހިންގާ އިޞްލާޙީ ޕްރޮގްރާމްތައް ހިންގާ ގޮތުގެ އުޞޫލުތައް ކަނޑައަޅާ ބަޔާންކުރާ ގޮތުގެ އިޖުރާއާތުގައިވާ ގޮތުގެ މަތީން، ކަމާގުޅޭ އެންހައި އިދާރާތަކާއިއެކު މަޝްވަރާކޮށް، ކުށްކުރާ ކުޑަކުދީން އަބުރާ މުޖުތަމަޢަށް ގެނައުމަށްޓަކައި ކަމާގުޅޭފަރާތްތަކުން ހިންގާ ތަފާތު ޕްރޮގްރާމްތަކުގައި މިކުދީން ބައިވެރި ކޮށްގެންނެވެ. އެގޮތުން ޖަލަށް ޙުކުމް ކުރެވޭ ކުދިން ގޭބަންދަށް ބަދަލުކުރުމާއި، ކަރެކްޝަނަލް ސެންޓަރ ފޮރ ޗިލްޑްރެންގައި ހިންގޭ ޕްރޮގްރާމްތަކުގައި ބައިވެރިކުރުވުމާއި، ގޭބަންދުގައި ހުރެގެން ކިޔަވަން ދިއުމުގެ ފުރުޞަތު ދިނުމާއި، ގޭބަންދުގައި ހުރެގެން ވަޒީފާއަށް ދިއުމުގެ ފުރުޞަތު ދިނުމާއި ޖުވެނައިލް ޖަސްޓިސް ޔުނިޓުން ހިންގާ ޕްރޮގްރާމްތަކުގައި ބައިވެރިކުރުމާއި، ކުރީގެ ޑީ.ޑީ.ޕީ.އާރު.އެސްއިންނާއި، މިހާރުގެ އެން.ޑީ.އޭ އިން ހިންގާ ޕްރޮގްރާމްތަކުގައި ބައިވެރިކުރުމާއި، މިނިސްޓްރީ އޮފް ޖެންޑަރ ފެމިލީ އެންޑް ހިއުމަން ރައިޓްސް އިން ހިންގާ ތަފާތު ޕްރޮގްރާމް ތަކުގައި ބައިވެރިކުރުވުމުގެ އިތުރުން، ކުލަބު ޖަމުޢިއްޔާ އަދި ޖަމާޢަތްތަކާއި ގުޅިގެން ކުރިއަށް ގެންދާ ތަފާތު އިޖުތިމާޢީ ޙަރަކާތް ތަކުގައި ބައިވެރިވުމުގެ ފުރުޞަތު އޮންނަގޮތުގެމަތިންނެވެ.