ޚަބަރު | 49 އަހަރުގެ ދިގު ޚިދުމަތަށްފަހު އެސިސްޓެންޓް ޑިރެކްޓަރ ޒަހީރާ އަޙްމަދު ވަޒީފާއިން މުސްކުޅި ކުރައްވައިފި

ޕަބްލިޝްކުރި ތާރީޚް: 2014.02.02



 

 

މެދުނުކެނޑި ދައުލަތަށް ޚިދުމަތް ކުރެއްވުމުގައި 49 އަހަރާއި 3 މަސްދުވަހު ދެމިހުންނެވުމަށްފަހު، އުމުރުފުޅުން 65 އަހަރުފުޅުގައި އަލްފާޟިލާ ޒަހީރާ އަޙްމަދު ވަޒީފާއިން މުސްކުޅި ކުރައްވާފައިވަނީ ފާއިތުވި ފެބުރުވަރީ މަހުގެ 1 ވަނަ ދުވަހުއެވެ. ޚިދުމަތުގެ ރަން ޔޫބީލްއާ ދާދި ގާތަށް ވަޑައިގެންފައިވާ ޒަހީރާ އަޙްމަދު އެންމެ ފުރަތަމަ ސަރުކާރަށް ވަންނަވާފައިވަނީ 1964 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 10 ވަނަދުވަހު، އޭރުގެ ޓެލެފޯނު އެކްސްޗޭންޖް ޑިޕާޓްމަންޓަށް އޮޕަރޭޓަރެއްގެ ވަޒީފާއަށެވެ. އޭގެ ފަހުން ބޮޑު އިސްޓޯރުގައާއި ރޭޑިއޯ މޯލްޑިވްސްގައާއި ޓްރާންސްޕޯޓް މިނިސްޓްރީގައި އެކި ދުވަސްވަރު މަތީން ވަނީ މަސައްކަތް ކުރައްވާފައެވެ. ޢުމުރުފުޅުން 15 އަހަރު ފުޅުގައި ސަރުކާރުގެ ވަޒީފާއަށް ނުކުންނެވި ޒަހީރާ އަޙްމަދު 18 އަހަރުގެ ޚިދުމަތަށްފަހު ޝަރުޢީ ދާއިރާގެ ވަޒީފާއާ ގުޅިވަޑައިގަތީ 1982ވަނަ އަހަރު ހައިކޯޓަށެވެ. އޭގެފަހުން ކޯޓު ނަމްބަރު 4 ގައާއި ކޯޓުނަމްބަރު 5 އަދި ކޯޓުނަމްބަރު 7ގައާއި ޖިނާއީ ކޯޓުގައިވެސް އިޚްލާޞްތެރިކަމާއެކު ވަޒީފާ އަދާކުރައްވާފައި ވެއެވެ.

 

ޒަހީރާ އަޙްމަދު، ޚިދުމަތުގެ އާ ތަޖުރިބާއަކާދިމާއަށް މިޞްރާބު ޖައްސަވާފައިވަނީ 1997 ވަނަ އަހަރު، ކުޑަކުދިން ކުރާ ކުށުގެ މައްސަލަތައް ބެލުމަށް ވަކި ކޯޓެއް ހުންނަންޖެހޭކަމަށް ދައުލަތަށް ފެނިވަޑައިގެން، 1 އޯގަސްޓް 1997 ގައި، ޤާނޫނު (ނަމްބަރު 9/91) ގެ ދަށުން ދިވެހިރާއްޖޭގައި އަލަށް އުފެއްދި ކުޑަކުދިންނާބެހޭ ކޯޓާދިމާއަށެވެ. ޚިދުމަތުގެ އަގުހުރި 17 އަހަރު، އޭރުގެ ކުޑަކުދިންނާބެހޭ ކޯޓު އަދި މިހާރުގެ ޖުވެނައިލް ކޯޓުގައި ހޭދަކުރެއްވުމަށްފަހު، ޝަރުޢީ ދާއިރާގެ 32 އަހަރުވީ ޚިދުމަތުން އެއްކިބާވެ ވަޑައިގެންފައިވަނީ ވަޒީފާއާ ބެހޭ އާ ޤާނޫނުގެދަށުން، ޢުމުރުން 65 އަހަރުގައި މުސްކުޅިކުރަންޖެހޭތީއެވެ. ޒަހީރާ އަޙްމަދު ވަޒީފާއިން މުސްކުޅި ކުރެއްވިއިރު ހުންނެވީ ޖުވެނައިލް ކޯޓުގެ އެސިސްޓެންޓް ޑިރެކްޓަރެއްގެ ވަޒީފާގައެވެ.

 

ޒަހީރާ އަޙްމަދު ކޯޓުގެ ވަޒީފާއިން ވަކިވެވަޑައިގަތުމަކީ، ކޯޓުގެ ދުވަސްވީ ހަރުމުދަލެއް ގެއްލިގެން ދިއުންފަދަ ކަމެކެވެ. ޝަރުޢީ ދާއިރާއަށާއި ޖުވެނައިލް ކޯޓަށް ޒަހީރާ އަޙްމަދު ކޮށްދެއްވާފައިވާ ޚިދުމަތުގެ އަގު ޝުކުރުވެރިކަމާއެކު ވަޒަންކޮށް، ޖުވެނައިލް ކޯޓުންވަނީ ޒަހީރާ އަޙްމަދުގެ ޝަރަފުގައި ޚާއްޞަ ޙަފްލާއެއްބާއްވާ، ޚިދުމަތުގެ ހަނދާނީ ލިއުމަކާއި ހަނދާނީ ފިލައެއް އަރުވާފައެވެ. ޒަހީރާ އަޙްމަދުގެ ޝަރަފުގައި ތައްޔާރުކޮށްފައިވާ ބިޔަ ކޭކެއްވެސް ފެޅުން އޮތް މި ޙަފްލާގައި ޒަހީރާ އަޙްމަދަށް ހަނދާނީ ފިލާ އެރުވީ ޖުވެނައިލް ކޯޓު ހިންގެވުމާއި ޙަވާލުވެ ހުންނެވި ޤާޟީ މުޙައްމަދު ނަޢީމެވެ. ހަނދާނީ ލިޔުން ޙަވާލުކޮށްދެއްވީ ޤާޟީ އަޙްމަދު ޝަކީލެވެ. ޖުވެނައިލް ކޯޓުގައި ބޭއްވުނު މި ޙަފްލާގައި ޒަހީރާ އަޙްމަދާއެކު އެކިދުވަސްވަރު ކޯޓުގައި މަސައްކަތް ކުރައްވާފައިވާ، ޖުވެނައިލް ކޯޓުގެ ޤާޟީންނާއި މުވައްޒަފުން އަދި ޒަހީރާ އަޙްމަދުގެ ފިރިކަލުން ބައިވެރިވެ ވަޑައިގެންފައި ވެއެވެ.

 

މިހަފްލާގައި، ޒަހީރާ އަޙްމަދުގެ ޚިދުމަތުގެ ރަން އަހަރުތަކަށް އަލިއަޅުވާލައްވާ، ހައިކޯޓުގެ ފަނޑިޔާރު (ޖުވެނައިލް ކޯޓުގެ ކުރީގެ އިސްޤާޟީ) އަލްއުސްތާޛު ޝުޢައިބު ޙުސައިން ޒަކަރިއްޔާއާއި، ޖުވެނައިލް ކޯޓު ހިންގެވުމާ ޙަވާލު ހުންނެވި ޤާޟި އައްޝައިޚް މުޙައްމަދު ނަޢީމް ވާހަކަފުޅު ދެއްކެވިއެވެ. މި ދެބޭފުޅުންގެ ވާހަކަފުޅުގައި ޒަހީރާ އަޙްމަދު ޝަރުޢީ ދާއިރާއަށާއި ޚާއްޞަކޮށް ޖުވެނައިލް ކޯޓަށް ކޮށްދެއްވާފައިވާ އަގުނުކުރެވޭނެފަދަ ޚިދުމަތަށް ޝުކުރު އަދާކުރައްވާފައި ވެއެވެ. އަދި ކޯޓުގެ ރަސްމީ ވަޒީފާއިން ދުރަށް ޖެހިވަޑައިގަތަސް، ޒަހީރާ އަޙްމަދުގެ ޚިދުމަތް އެހެނިހެން ގޮތްގޮތުން ކޯޓަށް ލިބިގެން ދިއުމަކީ ވަރަށް ބޮޑަށް އެދިވަޑައިގަންނަވާ ކަމެއްކަމަށްވެސް ވިދާޅުވިއެވެ.

 

އަޅުގަނޑުމެންގެ ދުޢާއަކީ ޒަހީރާ އަޙްމަދަށް ބާއްޖަވެރި ދުވަސްތަކެއް މާތް ﷲ މިންވަރުކޮށްދެއްވާ ޒަހީރާ އަޙްމަދުގެ ކުރިމަގު އުޖާލާ ކޮށްދެއްވުމެވެ. آمين