ޚަބަރު | އައު ކުލަތަކާއި އައު ރަހަތަކާއެކު ޖުވެނައިލް ކޯޓުގެ ވެބްސައިޓް އަލުން ލޯންޗްކޮށްފި

ޕަބްލިޝްކުރި ތާރީޚް: 2014.03.19



2013 ވަނަ އަހަރުގެ މެދެއްހާ ހިސާބުގައި، ހެކަރުންގެ އަމާޒު ފަތްގަނޑަކަށްވެ ހެކް ކޮށްފައިވާ ޖުވެނައިލް ކޯޓުގެ ވެބްސައިޓް އަލުން ފަރުމާކޮށް، އައު ކުލަތަކާއި އައު ޚިދުމަތްތަކަކާއެކު، މިއަދު އިފްތިތާޙު ކުރެވިއްޖެއެވެ. މިކަމަށްޓަކައި ޖުވެނައިލް ކޯޓުގައި ބޭއްވުނު ރަސްމިއްޔާތުގައި ވެބްސައިޓް އިފްތިތާޙުކޮށްދެއްވީ ޖުވެނައިލް ކޯޓު ހިންގެވުމާއި ޙަވާލުވެ ހުންނެވި ޤާޟީ މުޙައްމަދު ނަޢީމެވެ. ވެބްސައިޓް އަލުން އިފްތިތާޙު ކޮށްދެއްވަމުން ޤާޟީ މުޙައްމަދު ނަޢީމު ދެއްކެވި ވާހަކަ ފުޅުގައި ވެބްސައިޓް ބޭނުންކުރައްވާ ބޭފުޅުންނަށް ފައިދާހުރި ގިނަ މަޢުލޫމާތުތަކެއް މިހާރު ވެބްސައިތްގައި އަލަށް ހިމަނާފައިވާނޭކަމަށާއި، ޚާއްޞަކޮށް ޤާނޫނީ ރޮނގުން ތަޢުލީމު ޙާޞިލް ކުރާ ދަރިވަރުންނަށް ބޭނުންތެރި މަޢުލޫމާތުތައް ހިމަނުއްވާފައިވާނެކަމެށެވެ. އަދި ހަމަ އެހެންމެ، ވެބްސައިޓަށް ޒިޔާރަތްކުރައްވާ އަދި މައުލޫމާތު ބޭނުންފުޅުވާ ފަރާތްތަކަށް، ބޭނުންހިފޭފަދަ މަޢުލޫމާތުތައް ހިމެނޭގޮތަށް، ވެބްސައިޓް އަޕްޑޭޓްކުރަމުން ގެންދިއުމަށްވެސް އެކަމާބެހޭ މުވައްޒަފުންނަށް އިލްތިމާސްކުރެއްވިއެވެ.

 

ކޯޓުގެ ވެބްސައިޓް އަލަށް އިފްތިތާޙު ކުރެވުނުއިރު ކުރީގެ ވެބްސައިޓްގައި ހިމެނިފައިނުވާ ބައެއް ފީޗާސްތަކާއި މަޢުލޫމާތު މިފަހަރުގެ ވެބްސައިޓްގައި ހިމެނިފައިވާނެއެވެ. އެގޮތުން، ޤާނޫނީ މަސައްކަތްތައް ކުރައްވާ ބޭފުޅުންނާއި ޔުނިވަރސިޓީއާއި ކޮލެޖް ތަކުގައި ޝަރީޢަތާއި ޤާނޫނުގެ ރޮނގުން ކިޔަވާ ދަރިވަރުންނަށް އިތުރު އެހީއެއްގެ ގޮތުން، ކޯޓުން ނިންމާ އެކި ބާވަތުގެ މައްސަލަތައް ނިމުނު ގޮތުގެ ނަމޫނާ ރިޕޯޓުތަކާއި ކޯޓާއި ކޯޓުގެ މަސައްކަތްތަކާބެހޭ މަޢުލޫމާތު ހިމެނިފައިވާނެއެވެ. މީގެ އިތުރުން، ކޯޓުގެ ފަރާތުން ނެރޭ ތަފާތު އެކިއެކި މަޢުލޫމާތު ހިނމެނޭ ލީފްލެޓާއި ބްރޯޝަރތައްވެސް ވެބްސައިޓްގެ ޒަރީޢާއިން ފެނިވަޑައިގަންނަވާނެއެވެ. އަޅުގަނޑުމެންގެ އުންމީދަކީ، މި ވެބްސައިޓަށް ޒިޔާރަތް ކުރައްވާ ބޭފުޅުން ބޭނުންފުޅުވާނެ ގިނަ މަޢުލޫމާތުތަކެއް ލިބިދޭފަދަ ވެބްސައިޓަކަށް މި ވެބްސައިޓް ވެގެން ދިއުމެވެ. އަދި ކުރިމަގުގައި މި ވެބްސައިޓް އިތުރަށް ތަރައްޤީކޮށް ކޯޓު ކަލަންޑަރާއި ކިޔުންތެރިން ބޭނުންފުޅުވާނެ ހުރިހާ މަޢުލޫމާތެއް ވެބްސައިޓް މެދުވެރިކޮށް ލިބޭނެގޮތް ފަހިވެގެންދާނެއެވެ.