ޚަބަރު | ޖުވެނައިލް ކޯޓުގެ ޤަވާޢިދު ގެޒެޓްކުރުން

ޕަބްލިޝްކުރި ތާރީޚް: 2014.03.24



ޖުވެނައިލް ކޯޓުގެ ޤަވާޢިދު މިއަދު ގެޒެޓްކުރެވިއްޖެއެވެ. ކޯޓުގެ މި ޤަވާޢިދު ފުރަތަމަ ޑްރާފްޓްކުރަން ފެށުނީ 2010 ވަނަ އަހަރުގައެވެ. އެއިރުއްސުރެ، ކޯޓުގެ ޤަވާޢިދު ކޮމެޓީގެ ފަރާތުން، ޤަވާޢިދަށް ބައިތައް އިތުރުކުރަމުން، އަދި ޤަވާޢިދު އިތުރަށް ފުރިހަމަކުރަމުން އައިސްފައިވާކަން ފާހަގަކުރަމެވެ. އެގޮތުން، މިއަދު ގެޒެޓްކުރެވުނު ޖުވެނައިލް ކޯޓުގެ ޤަވާޢިދުގައި ކޯޓުގައި ކުރާ ހުރިހާ މަސައްކަތްތަކަކަށް އަލިއަޅުވާލާފައިވާނެއެވެ.

 

އަލަށް ގެޒެޓް ކުރެވުނު ކޯޓުގެ ޤަވާޢިދު އެކުލެވިގެންވަނީ 15 ބާބާއެކު ޖުމްލަ 129 މާއްދާގެ މައްޗަށެވެ. އެގޮތުން ފުރަތަމަ ބާބަކީ އިބުތިދާއީ މާއްދާތަކެއް ބަޔާންކުރާ ބާބެވެ. މިބާބުގައި ކޯޓުގެ އެންމެ އަސާސީކަންތައްތައް ބަޔާންކޮށްފައިވާނެއެވެ. އަދި ދެވަނަ ބާބަކީ، ޖުވެނައިލް ކޯޓުގެ އިޚްތިޞާޞް ބަޔާންކުރާ ބާބެވެ. ތިންވަނައީ، ޖުވެނައިލް ކޯޓުގެ ޤާޟީންގެ ޢާންމު މަޖިލީހާބެހޭކަންކަން ހިމަނާފައިވާ ބާބެވެ. ހަތަރުވަނަ ބާބުގައިވަނީ ޖުވެނައިލް ކޯޓުގެ ޤާޟީންނާއި މުވައްޒަފުންނާ ގުޅުންހުރި ބައިތަކެވެ. ފަސްވަނަ އަދި ހަވަނަ ބާބުގައި ހިމެނެނީ ޖުވެނައިލް ކޯޓަށް މައްސަލައާއި އެހެނިހެން ލިޔެކިޔުން ހުށަހެޅުމުގެ އިޖުރާއާތުތަކާއި ޝަރީޢަތް ހިންގުމާގުޅޭ އިޖުރާއާތުތަކެވެ. އަދި ހަތްވަނައީ، ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓް ދޫކުރުމާގުޅޭ ކަންކަން ހިމަނާފައިވާ ބާބެވެ. އަށެއް އަދި ނުވަވަނަ ބާބުގައި ބަޔާންކޮށްފައިވާނީ، ހެކިބަސް ނެގުމާބެހޭ ކަންކަމެވެ. އޭގެތެރޭގައި، ހެކިންނާއި ޚަބީރުންގެ ހެކިބަސްނެގުމާއި، އޯޑިއޯ އަދި ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ހެކިބަސްނެގުމުގައި ޢަމަލުކުރާނެ ގޮތްތައް ބަޔާންކޮށްފައިވާނެއެވެ. ދިހަވަނަ ބާބުގައި ހެއްކާއި ޤަރީނާގެ ގޮތުގައި ޝަރީޢަތަށް ހުށަހަޅާ އޯޑިއޯ، ވީޑިއޯ އަދި ފޮޓޯފަދަ އެހެނިހެން ހެކިތައް ޙިއްޞާކުރުމާބެހޭ ކަންކަން ކުރިއަށް ގެންދާނެގޮތްތައް ބަޔާންކޮށްފައިވާއިރު، ޤަވާޢިދުގެ އެންމެ ބޮޑު ބާބަކީ އެގާރަވަނަ ބާބެވެ. މި ބާބުގައި ކޯޓު ޙުރުމަތް ކެނޑުމާގުޅޭ ކަންކަން ހިމަނާފައިވާނެއެވެ. ބާރަވަނަ ބާބުގައި ވަކީލުންނާގުޅޭ އިޖުރާއާތުތައް ބަޔާންކޮށްފައިވާއިރު، ތޭރަވަނަ ބާބުގައިވަނީ ކޯޓުން ނެރޭ އެކިއެކި އަމުރުތަކެވެ. އަދި ސާދަވަނަ ބާބަކީ ކޯޓުން ކުރާ ވަރަށް މުހިއްމު މަސައްކަތްތަކެއް ބަޔާންކޮށްދޭ ބާބެކެވެ. އެއީ ކުށްކުރާ ކުޑަކުދިން އަނބުރާ މުޖުތަމަޢަށް ގެނައުމާގުޅޭ ކަންކަން ބަޔާންކޮށްދޭ ބާބެވެ. ޤަވާޢިދުގެ އެންމެ ފަހު ބާބުގައި ބަޔާންކޮށްފައިވާނީ ޢާއްމު މާއްދާތަކެކެވެ.

 

ކޯޓުގެ ޤަވާޢިދު ގެޒެޓް ކުރުމާގުޅިގެން ކޯޓު ޤަވާޢިދުގައި ބަޔާންކޮށްފައިވާ ބައިތަކާގުޅޭ ޕްރޮސީޖާރ މެނުއަލްތައް ތައްޔާރުކުރުމާއި، އަދި ޖުވެނައިލް ކޯޓުގެ މުވައްޒަފުން ކޯޓުގެ ޤަވާޢިދަށް ހޭލުންތެރިކުރުމަށްޓަކައި ކޯޓުގެ މުވައްޒަފުންނަށް ޤަވާޢިދާގުޅޭ ގޮތުން މަޢުލޫމާތު ދިނުން ކުރިއަށް އޮތްކަންފާހަގަކޮށްލަމެވެ.