ޚަބަރު | ޖުވެނައިލް ކޯޓު ހިންގެވުން ޤާޟީ އަޙްމަދު ޝަކީލްއާ ޙަވާލުކުރައްވައިފި

ޕަބްލިޝްކުރި ތާރީޚް: 2014.04.28



20 އެޕްރީލު 2014 ވަނަ ދުވަހުން ފެށިގެން، ހަ މަސް ދުވަހުގެ މުއްދަތަށް ނުވަތަ ޖުވެނައިލް ކޯޓަށް އިސްފަނޑިޔާރަކު ހަމަޖެހެންދެން، ވަގުތީގޮތުން ޖުވެނައިލް ކޯޓު ހިންގެވުން ޖުވެނައިލް ކޯޓުގެ ޤާޟީ އަޙުމަދު ޝަކީލްއާ ޙަވާލު ކުރައްވައިފިއެވެ.

 

17 އެޕްރީލު 2014 ވަނަ ދުވަހު ޖުޑީޝަލް ސަރވިސް ކޮމިޝަނުން ޖުވެނައިލް ކޯޓަށް ފޮނުއްވާފައިވާ ސިޓީގައި ވިދާޅުވެފައިވަނީ، ވަގުތީގޮތުން ކޯޓު ހިންގުން ޙަވާލުކުރެވޭ ފަނޑިޔާރަކަށް އެ ޙަވާލުކުރެވޭ މަސްއޫލިއްޔަތްތަކާ ގުޅިގެން އެއްވެސް އިތުރު އިނާޔަތެއް ލިބެމުން ނުދާތީއާއި، އެކޯޓެއްގެ އެހެން ފަނޑިޔާރުންނަށްވުރެ ހިންގުން ޙަވާލުކުރެވޭ ފަނޑިޔާރު ނަންގަވަންޖެހޭ ޒިންމާ ބޮޑުވުމަކީ ކޯޓުގެ ފަނޑިޔާރުންގެ މެދުގައި ހަމަހަމަ އުޞޫލެއް ކަމަށް ބެލުމުގެ ފުރުޞަތުނެތުމާއި، މިގޮތަށް ކޯޓު ހިންގުން ޙަވާލުކުރުމުގެ ސަބަބުން ލިބިވަޑައިގަންނަވާ ތަޖުރިބާއަކީވެސް ކޯޓުގައި ތިއްބަވާ ހުރިހާ ފަނޑިޔާރުންނަށް ހަމަހަމަ އުޞޫލަކުން ހަމަޖެހިގެންދާ ކަމެއްގެ ގޮތުގައި އޮތުން މުހިއްމު ކަމުގައިވާތީ، ވަގުތީގޮތުން ކޯޓު ހިންގުން ޙަވާލުކުރެވޭ ބޭފުޅުން ހަމަސް ދުވަހުން ހަމަސް ދުވަހުން ބަދަލުކުރުމަށް ކޮމިޝަނުން ނިންމާފައިވާކަމުގައެވެ.

 

އަދި މީގެ އިތުރުން ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ސިޓީގައި ވިދާޅުވެފައިވަނީ، މިގޮތަށް ފަނޑިޔާރުން ބަދަލުކުރުމުގައި ބަލާ އުޞޫލުގައިވާ ގޮތުގެމަތިން މިވަގުތު ޖުވެނައިލް ކޯޓުގައި މަސައްކަތް ކުރައްވާ ފަނޑިޔާރުންގެ ތެރެއިން ފަނޑިޔާރުކަމުގައި އެންމެ ގިނަދުވަސްވީ ފަނޑިޔާރަކީ ޤާޟީ އަޙުމަދު ޝަކީލް ކަމަށްވާތީ، 20 އެޕްރީލު 2014 ވަނަ ދުވަހުން ފެށިގެން ހަމަސް ދުވަހުގެ މުއްދަތަށް ނުވަތަ ކޯޓަށް އިސްޤާޟީއަކު ހަމަޖެހެންދެން، ވަގުތީގޮތުން ޖުވެނައިލް ކޯޓު ހިންގެވުން ޤާޟީ އަޙުމަދު ޝަކީލާ ޙަވާލުކުރައްވާފައިވާ ކަމުގައެވެ. ޤާޟީ އަޙްމަދު ޝަކީލް ޖުވެނައިލް ކޯޓަށް ބަދަލުކުރައްވާފައިވަނީ 01 ފެބްރުއަރީ 2009 ގައެވެ.

 

ޖުވެނައިލް ކޯޓުގެ އިސް ޤާޟީގެ ގޮތުގައި މަސައްކަތްކުރައްވަމުން ގެންދެވި، އަލްއުސްތާޛު ޝުޢައިބު ޙުސައިން ޒަކަރިއްޔާ، 26 މާރިޗު 2011 ގައި ހައި ކޯޓުގެ ފަނޑިޔާރަކަށް ބަދަލުކުރެއްވުމާއި ގުޅިގެން، ޖުވެނައިލް ކޯޓު ހިންގަވަމުން ގެންދެވީ ޤާޟީ މުޙައްމަދު ނަޢީމެވެ.