ޚަބަރު | ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްއިން ޖުވެނައިލް ކޯޓުގެ ޙުރުމަތް ކެނޑިކަމަށް ބެލެވޭ މައްސަލަ ތަޙްޤީޤުކުރުމަށް ފޮނުވައި.

ޕަބްލިޝްކުރި ތާރީޚް: 2014.07.24



ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްއިން 05 ޑިސެމްބަރ 2013 ވަނަ ދުވަހު ޖުވެނައިލް ކޯޓަށް ފޮނުވާފައިވާ ރިޕޯޓާގުޅިގެން އެ ކޮމިޝަނުން ކޯޓުގެ ޙުރުމަތް ކެނޑިކަމަށް ބެލެވޭ މައްސަލަ ތަޙްޤީޤުކުރުމަށްޓަކައި، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަށް ފޮނުވައިފިއެވެ.

 

17 ޖުލައި 2014 ވަނަ ދުވަހު، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަށް ތަޙްޤީޤުކުރުމަށް ފޮނުވާފައިވާ މައްސަލަ ހިމެނޭ ރިޕޯޓުގައި ޙަޤީޤަތާ ޚިލާފަށް ބަޔާންކޮށްފައިވާ ކަންތައްތަކެއް ހުރިކަމަށް ކޯޓަށް ފާހަގަކުރެވޭތީ، ކޮމިޝަނާއެކު އެކި އެކި ބައްދަލުވުންތައްވަނީ ބޭއްވިފައެވެ.

 

ކޮމިޝަނުން އެކުލަވާލފައިވާ ރިޕޯޓުގައި ހުރި ޙަޤީޤަތާ ޚިލާފު ބައިތައް އިސްލާޙުކޮށް އަލުން ރިޕޯޓު އެކުލަވާލާ، އަދި އެ މަޢުލޫމާތު މީޑިއާއަށް ދީ،މަޢާފަށްއެދުމަށް ކޮމިޝަނާއެކު ކޯޓުގައި ބޭއްވުނު ބައްދަލުވުންތަކަށްފަހު، ކޮމިޝަނަށް އެންގިފައިވާނެއެވެ. މިކަންކަންކުރުމަށް ކޮމިޝަނަށް ދެވުނު އެއް މަސްދުވަހުގެ ތެރޭގައި ކޯޓުން އަންގާފައިވާ ގޮތުގެ މަތިން ކޮމިޝަނުން ޢަމަލުކޮށްފައިނުވާތީ، ކޯޓުގެ ޤާޟީންގެ ޢާންމު މަޖިލީހުން ނިންމާފައިވަނީ އެ މައްސަލަ ތަޙްޤީޤުކުރުމަށް ކަމާގުޅޭ އިދާރާއަށް ފޮނުވުމަށެވެ.