ޚަބަރު | 29 މާރިޗު 2015 ވަނަ ދުވަހު އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް ކައިރީގައި ހިނގި މަރުގެ ޙާދިސާގެ ދަޢުވާ ޖުވެނައިލް ކޯޓުގައި ބަލަން ފަށައިފި.

ޕަބްލިޝްކުރި ތާރީޚް: 2015.05.06



29 މާރިޗު 2015 ވަނަ ދުވަހުގެ 01:42 އެހާކަށްހާއިރު، ދަފްތަރު ނަންބަރ 074 ނޫރު އާދަމް ޙަސަންފުޅު އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލުގެ އިމަޖެންސީ ގޭޓު ކުރިމަތިން ބުރުޒު މަގުގައި ޕާކްކޮށްފައިވާ ސައިކަލްތަކާ އަރާހަމަވި ވަގުތު، ނޫރު އާދަމް ޙަސަންފުޅުގެ ވާތްފަރާތު އަރިކަށްޓަށް ތިލައިގައި 8 (އަށެއް) އިންޗި ހުންނަ ވަރުގެ ވަޅިއަކުން ހަމަލާ ދީފައިވާތީއާއި، މިހަމަލާގެ ސަބަބުން ނޫރު އާދަމް ޙަސަންފުޅަށް ލިބުނު އަނިޔާއަށް އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލުގައި ފަރުވާ ދެމުންދަނިކޮށް، 29 މާރިޗު 2015 ގެ 03:20 އެހާކަށްހާއިރު، ނޫރު އާދަމް ޙަސަންފުޅު ނިޔާވެފައިވާތީ، މި ޙާދިސާގައި ބައިވެރިވެފައިވާ 18 އަހަރުން ދަށުގެ ދެކުދިންގެ މައްޗަށް ދައުލަތުން، ޖުވެނައިލް ކޯޓުގައި ދަޢުވާ އުފުލައިފިއެވެ. އެއީ، ޤާނޫނު ނަންބަރ 17/2010 (ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނުއެއްޗެހި ގެންގުޅުން މަނާކުރުމުގެ ޤާނޫނު) ގެ 5 ވަނަ މާއްދާގެ (ހ) އާ ޙާވާލާދީ އެމާއްދާގެ (ނ) ގެ ދަށުން ދަޢުވާލިބޭ އެއްކުއްޖެއްގެ މައްޗަށް ތޫނު އެއްޗެއް ބޭނުންކޮށްގެން ޤަޞްދުގައި މީހަކު މެރުމުގެ ކުށުގެ ދަޢުވާއާއި، އަދި އެޤާނޫނުގެ 5 ވަނަ މާއްދާގެ (ބ) އާ ޙަވާލާދީ، އެމާއްދާގެ (ޅ) ގެ ދަށުން ދަޢުވާލިބޭ އަނެއް ކުއްޖާގެ މައްޗަށް ތޫނު އެއްޗެއް ބޭނުންކޮށްގެން ޤަޞްދުގައި މީހަކު މެރުމުގައި ބައިވެރިވުމުގެ ކުށުގެ ދަޢުވާއެވެ.

މިމައްސަލަ ޖުވެނައިލް ކޯޓަށް ހުށަހެޅިފައިވަނީ 30 އޭޕްރީލް 2015 ވަނަ ދުވަހުއެވެ.

މި މައްސަލައިގެ ފުރަތަމަ އަޑުއެހުން ބާއްވާފައިވަނީ 05 މެއި 2015 ވަނަ ދުވަހުއެވެ. އެދުވަހުގެ ޝަރީޢަތުގެ މަޖިލީހުގައި ދައުލަތުގެ ފަރާތުން ދަޢުވާ ހުށަހެޅުމުން، ތޫނު އެއްޗެއް ބޭނުންކޮށްގެން ޤަޞްދުގައި މީހަކު މެރުމުގެ ކުށުގެ ދަޢުވާލިބުނު ކުއްޖާ ދަޢުވާއަށް ޖަވާބުދާރީވެ، ދަޢުވާއަށް އިންކާރުކޮށްފައިވެއެވެ. އަދި ތޫނު އެއްޗެއް ބޭނުންކޮށްގެން ޤަޞްދުގައި މީހަކު މެރުމުގައި ބައިވެރިވުމުގެ ކުށުގެ ދަޢުވާލިބުނު ކުއްޖާއަށް ވަކީލަކު ހަމަޖެހިފައިނުވާތީ، އެކުއްޖާއަށް ވަކީލަކު ހަމަޖެއްސުމަށް ޝަރީޢަތުގެ މަޖިލީހުގައި ކޯޓުން ފުރުސަތުދީފައިވެއެވެ.

މިމައްސަލައިގެ އަޑުއެހުމެއް ދެން އޮންނާނީ 07 މެއި 2015 ވާ ބުރާސްފަތި ދުވަހުއެވެ.