ޚަބަރު | 15 އަހަރުގެ ކުއްޖަކު ބެލެހެއްޓުމުގެ އިންތިޒާމްތައް ހަމަޖެއްސުމުގެ އަމުރެއް ޖުވެނައިލް ޖަސްޓިސް ޔުނިޓުގެ މައްޗަށް ޖުވެނައިލް ކޯޓުން ނެރެފި

ޕަބްލިޝްކުރި ތާރީޚް: 2015.05.07



15 އަހަރުގެ ކުއްޖަކަށް ދައުލަތުގެ ރައްކާތެރިކަން ލިބިދިނުމަށްޓަކައި 29 އޭޕްރީލް 2015 ވަނަ ދުވަހު، ޖުވެނައިލް ޖަސްޓިސް ޔުނިޓުގެ މައްޗަށް ޖުވެނައިލް ކޯޓުން އަމުރެއް ނެރެފިއެވެ. މިކުއްޖާއަކީ މަސްތުވާތަކެތި ބޭނުންކޮށް/ ގެންގުޅުމުގެ މައްސަލައެއްގެ ތުހުމަތުގައި 25 ފެބްރުއަރީ 2015 އިން ފެށިގެން މިކޯޓުގެ ބަންދުގެ އަމުރުގެ ދަށުން އެކިފަހަރު މަތީން ބަންދުގެ މުއްދަތު އިތުރުކޮށްފައިވާ ކުއްޖެކެވެ. މިކުއްޖާ ބަންދުން ދޫކޮށްލުމަށްޓަކައި ބެލެނިވެރިންނާ ޙަވާލުކުރަން ބެލިއިރު، މިކުއްޖާގެ ޢާޢިލާ ރޫޅިފައިވާތީއާއި، ކުއްޖާގެ މަންމައަކީ ބިދޭސީ (އިންޑިޔާގެ ރައްޔިތެއް) ކަމުގައިވެފައި، އޭނާ އެޤަޢުމުގައި ދިރިއުޅެމުންގެންދާ ތަނެއް ހޯދިފައިނުވާތީއާއި، މިކުއްޖާގެ ބައްޕައަކީ ޚާއްސަ އެހީއަށް ބޭނުންވާ މީހެއްކަމުން ކުއްޖާގެ ބައްޕަގެ ކިބައިގައި އޭނާ ބެލެހެއްޓޭނޭފަދަ ޙާލަތެއްނެތުމުންނާއި، ކުއްޖާގެ ޢުމުރުން 9 އަހަރުން ފެށިގެން ކުއްޖާ ދިރިއުޅެމުން ގެންދިޔައީ ކުއްޖާގެ ބައްޕަގެ ރައްޓެއްސެއް ގާތުގައި ކަމަށްވެފައި، އެމާޙައުލަކީ ކުއްޖާއަށް ރައްކާތެރި މާޙާއުލެއްނޫންކަމަށް، 19 މާރިޗު 2015 ގައި ޖުވެނައިލް ޖަސްޓިސް ޔުނިޓުން މިކޯޓަށް ހުށަހަޅާފައިވާ ކުއްޖާގެ އެސެސްމަންޓް ރިޕޯރޓްގައި ފާހަގަކޮށްފައިވާތީ، ޖުވެނައިލް ކޯޓުން މިއަމުރު ނެރެފައިވަނީ، ކުއްޖާ ބެލެހެއްޓުމުގެ ޒިންމާ އުފުލާނޭ ޝަރުޢީ ބަލަދުވެރިފަރާތެއް އަދި ހޯދިފައިނުވާތީ، ކަމާބެހޭ މުއައްސަސާތައްކަމަށްވާ މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑަރ އާއި މިނިސްޓްރީ އޮފް ހޯމް އެފެއާރޒްގެ ދަށުގައިވާ ޖުވެނައިލް ޖަސްޓިސް ޔުނިޓާއި، މޯލްޑިވްސް ޕޮލިސް ސާރވިސްގެ އިސްވެރިންގެ މެދުގައި ބައްދަލުވުމެއް ބޭއްވި މަޝްވަރާކުރުމަށްފަހުގައެވެ.

ޖުވެނައިލް ޖަސްޓިސް ޔުނިޓުގެ މައްޗަށް ޖުވެނައިލް ކޯޓުން މިއަމުރު ނެރެފައިވަނީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 35 ވަނަ މާއްދާގެ (ހ) އާއި، ޤާނޫނު ނަންބަރ 9/91 (ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރި ކުރުމާބެހޭ ޤާނޫނު) ގެ 8 ވަނަ މާއްދާއާއި، ދިވެހިރާއްޖެ ބައިވެރިވެ ސޮއިކޮށްފައިވާ ބައިނަލްއަޤްވާމީ މުޢާހަދާތަކާއި އެމުޢާހަދާތަކުގެ ދަށުން އެކުލަވާލެވިފައިވާ ގައިޑްލައިންސްތަކަށް ރިޢާޔަތްކުރުމަށްފަހު، މިފަދަ ކުދިންނަށް ރައްކާތެރިކަމާއި ސަލާމަތްތެރިކަން ކަށަވަރުކޮށްދިނުމަކީ، ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކުގެ މައްޗަށް ލާޒިމުކޮށްފައިވާ ކަމެއްކަމުގައިވާތީއާއި، ޖުވެނައިލް ޖަސްޓިސް ޔުނިޓްގެ އިޙްތިޞާޞްގެ ތެރޭގައި މިފަދަ ކުދިން ބައިތިއްބާނެ މަރުކަޒުތައް ޤާޢިމްކޮށް އެމަރުކަޒުތަކުގައި ބައިތިއްބައިގެން ޚިދުމަތް ފޯރުކޮށްދިނުމާއި އަދި ދައުލަތުގެ ބެލުމުގެ ދަށަށް ގެންދަންޖެހޭ ކުދިން ދައުލަތުގެ ބެލުމުގެ ދަށަށް ގެންގޮސް ބެލެހެއްޓުމުގެ ޒިންމާ ހިމެނިފައިވާކަމަށްޓަކައެވެ. ޖުވެނައިލް ކޯޓުން ނެރުނު މިއަމުރުގައި، “މިކުއްޖާގެ ޢުމުރުން މީލާދީ ގޮތުން 18 (އަށާރަ) އަހަރު ފުރެންދެން ނުވަތަ މިކުއްޖާ ބެލެހެއްޓުމުގެ ޒިންމާ ނަގާނެ ފަރާތެއް ހަމަޖެހެންދެން، މިކުއްޖާ ބެލެހެއްޓުމުގެ އިންތިޒާމްތައް ކަމާބެހޭ މުއައްސަސާތައް ގުޅިގެން ކުރިޔަށް ގެންދިއުމަށް ޖުވެނައިލް ޖަސްޓިސް ޔުނިޓުގެ މައްޗަށް އަންގާ އަމުރުކުރެވިފައިވެއެވެ.