ޚަބަރު | ނޫރު އާދަމް ޙަސަންފުޅުގެ މަރުގެ މައްސަލައިގާ ވާރިޘުންގެ ބަސް ނަގަންފަށައިފި

ޕަބްލިޝްކުރި ތާރީޚް: 2015.06.08



 

29 މާރިޗު 2015 ދުވަހު 01:42 އެހައިކަށްހައިއިރު، ދަފްތަރު ނަންބަރު 074 ނޫރު އާދަމް ޙަސަންފުޅު އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލުގެ އިމަޖެންސީ ގޭޓު ކުރިމަތިން ބުރުޒު މަގުގައި ޕާކްކޮށްފައިވާ ސައިކަލްތަކާ އަރާ ހަމަވި ވަގުތު ސައިކަލް ތަކެއްގައި އައި ބަޔަކު އޭނާއަށް ވަޅިއަކުން ހަމަލަދީ ޒަޚަމްކޮށްލާފައިވަނިކޮށް، އެރޭ އޭނާ ނިޔާވެފައިވާ މައްސަލައާގުޅިގެން ދައުލަތުން ޖުވެނައިލް ކޯޓަށް ހުށަހަޅާފައިވާ ތޫނު އެއްޗެއް ބޭނުންކޮށްގެން ޤަޞްދުގައި މީހަކު މަރާލުމާއި، ތޫނު އެއްޗެއް ބޭނުންކޮށްގެން ޤަޞްދުގައި މީހަކު މަރާލުމުގައި ބައިވެރިވުމުގެ ކުށުގެ މައްސަލައިގެ ވާރިޘުންގެ ބަސްނަގަންފަށައިފިއެވެ. ނޫރު އާދަމް ޙަސަންފުޅުގެ ވާރިޘުންކަމަށް ބަޔާންކޮށް ކޯޓަށް ހުށަހެޅިފައިވަނީ 11 ވާރިޘެކެވެ. މިގޮތުން ވާރިޘުންގެ ގޮތުގައި ތިބި 11 ވާރިޘުންގެ ތެރެއިން މިހާތަނަށް 04 ވާރިޘެއްގެ ބަސްވަނީ ނެގިފައެވެ. އަދި 10 ޖޫން 2015 ވަނަ ދުވަހާއި 14 ޖޫން 2015 ވަނަ ދުވަހުގައިވެސް ވާރިޘުންގެ ބަސްނެގުމަށްވަނީ ހަމަޖެހިފައެވެ.

 

 

 

30 އޭޕްރީލް 2015 ވަނަ ދުވަހު ކޯޓަށް ހުށަހަޅާފައިވާ މި މައްސަލާގައި ދަޢުވާކޮށްފައިވާ އެއް ކުއްޖެއްގެ މައްޗަށް ކޮށްފައިވަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ޤަޞްދުގައި މީހަކު މެރުމުގެ ދަޢުވާއެވެ. އަދި އަނެއްކުއްޖާގެ މައްޗަށް ކޮށްފައިވަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ޤަޞްދުގައި މީހަކު މަރާލުމުގައި ބައިވެރިވުމުގެ ކުށުގެ ދަޢުވާއެވެ. މިކުދިންގެ މައްޗަށް މިދައުވާކޮށްފައިވަނީ ޤާނޫނު ނަންބަރު 41/2014 ( ޤާނޫނު ނަންބަރު 17/2010 - ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މާނާކުރުމުގެ ޤާނޫނު) ގެ ދަށުންނެވެ.

 

 

 

ދައުލަތުން ހުށަހެޅި ދައުވާއަށް ދަޢުވާ އުފުލިފައިވާ ދެ ކުދިންވެސް ވަނީ އިންކާރުކޮށްފައެވެ. މިކުދިން ދައުވާއަށް އިންކާރުކޮށްފައިވާތީ ދައުލަތުގެ ދަޢުވާ ސާބިތުކުރުމަށްޓަކައި 18 ބާވަތެއްގެ ހެކި ދައުލަތުގެ ފަރާތުން ޝަރީޢަތަށް ހުށަހަޅާފައިވެއެވެ. އެގޮތުން 24 މެއި 2015 ވަނަ ދުވަހުގެ ނިޔަލަށް ދައުލަތުން ހެކިބަސް ނަގަން ބޭނުންވި ހުރިހާ ހެކިންގެ ހެކިބަސް ވަނީ ނަގާނިންމާފައެވެ.

 

 

 

އަދި މި މައްސަލާގައި ދައުވާލިބޭ ކުދިންގެ ފަރާތުން ދިފާޢުގައި ހެކި ހުށަހެޅުމަށް ދެވުނު ފުރުޞަތުގައި، ތޫނު އެއްޗެއް ބޭނުންކޮށްގެން ޤަޞްދުގައި މީހަކު މެރުމުގެ ދަޢުވާކޮށްފައިވާ ކުއްޖާގެ ފަރާތުން ދިފާޢީ ހެކީގެ ގޮތުގައި 04 ހެއްކެއް ހުށަހަޅާފައިވެއެވެ. އަދި މި ހުރިހާ ހެކިން ޝަރީޢަތަށް ޙާޟިރުކޮށް ހެކިބަސްވަނީ ނަގާފައެވެ. އަދި ތޫނު އެއްޗެއް ބޭނުންކޮށްގެން ޤަޞްދުގައި މީހަކު މަރާލުމުގައި ބައިވެރިވުމުގެ ކުށުގެ ދަޢުވާ އުފުލިފައިވާ ކުއްޖާގެ ދިފާޢުގައި 03 ހެއްކަކު ހުށަހަޅާފައިވެއެވެ. މި ހެކިން ޝަރީޢަތަށް ޙާޟިރުކުރުމަށް އެފަރާތަށް ވަނީ އެންގިފައެވެ. އަދި މިހެކިބަސް ނެގުމަށް ހަމަޖެހިފައިވަނީ 16 ޖޫން 2015 ވަނަ ދުވަހުގައި ބޭއްވޭ އަޑުއެހުމުގައެވެ.

 

 

 

އަދި މި މައްސަލައަކީ ޤާނޫނު ނަންބަރު 41/2014 ( ޤާނޫނު ނަންބަރު 17/2010 - ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މާނާކުރުމުގެ ޤާނޫނު) ގެ ދަށުން މައްސަލަ ހުށަހެޅޭތާ 30 ދުވަހުގެ ތެރޭގައި މައްސަލައަށް ގޮތެއް ނިންމަންޖެހޭ މައްސަލައެއްކަމުން މައްސަލައިގެ އަޑުއެހުންތައް ކުރިއަށް ގެންދެވިފައިވަނީ ހުއްޓުމެއްނެތިއެވެ.