އިސްޤާޟީގެ ބަސް

...

ޖުވެނައިލް ކޯޓަކީ، ކުޑަކުދީންގެ ޙައްޤުތައް ހޯދައިދިނުމާއި އެކުދީންގެ މަޞްލަޙަތުގައި މަސައްކަތްކުރާ ކޮންމެ ފަރާތަކަށާއި، ޝަރީޢާ އަދި ޤާނޫނުގެ ރޮނގުން ތަޢުލީމު ޙާޞިލު ކުރަމުން ގެންދާ ދަރިވަރުންނަށާއި، ކުޑަކުދީންނާއި ގުޅުންހުރި އެންމެހާ ރޮނގުތަކުން ދިރާސާތައް ކުރައްވާ ބޭފުޅުންނަށް ވަރަށް މުހިންމު ކޯޓެއްކަމުގައި ވާނެކަން ޔަޤީނެއެވެ. އަދި ހަމަ އެހެންމެ، ޤައުމުގެ ކުށުގެ ވެށި، މުސްތަގުބަލުގައި ހަންމަތަވުން ބިނާވެފައިވަނީ، ކުޑަކުދިންގެ ޢަދުލުގެ ނިޒާމު ހިންގޭގޮތެއްގެ މައްޗަށްކަމަށްވެފައި، ކޯޓުން ކުރާ މަސައްކަތަކީ ޢަދުލުގެ ނިޒާމުގެ މުހިއްމު ހިއްސާއެއްކަމަށްވީހިނދު، މި މަސައްކަތް ގުޅެނީ މުޅި މުޖްތަމަޢުގެ ލާބަޔާ މަންފާއާ ކަމަށްވާތީ، ޖުވެނައިލް ކޯޓުގެ މުހިންމުކަން އިންތިހާއަށް ވަނީ ބޮޑުވެފައެވެ. ވުމާއެކު، ޖުވެނައިލް ކޯޓުން އަބަދުވެސް މަސައްކަތް ކުރާނީ، އިސްވެ ދެންނެވުނުފަދަ މަސައްކަތްތަކުގައާއި އެނޫންވެސް މަންފާކުރަނިވި އެހެނިހެން ކަންކަމުގައިވެސް، ކޯޓުގެ ވެބްސައިޓްގެ ބޭނުންހިއްޕަވާ ފަރާތްތަކަށް ބޭނުންފުޅުވާނެ އެންމެހާ މަޢުލޫމާތު ވެބްސައިޓް މެދުވެރިކޮށް، ފަސޭހަކަމާއެކު ލިބޭނެފަދަ ގޮތަކަށް، އަދާހަމަ ކުރެވޭ ވެބްސައިޓަކަށް ކޯޓުގެ ވެބްސައިޓު ހެދުމެވެ. އަދި ޤާނޫނުތަކާއި ޤަވާޢިދުތައް ތަންދޭ އެންމެ ފުޅާ މިންވަރަކަށް ކުޑަކުދީންގެ މައްސަލަތަކުގެ މަޢުލޫމާތުތައް ހާމަކުރުމެވެ. މި އަސާސްގެ މައްޗަށް ބިނާކޮށް، ކޯޓުން މައްސަލަތައް ބެލުމުގައި ގެންގުޅޭ އިޖުރާއާތުތަކާއި، މައްސަލަތަކަށް ތާވަލުކުރެވިފައިވާ ދުވަސްތަކާއި އަދި ކޯޓުން ނިންމާ މުހިންމު މައްސަލަތަކުގެ ޙުކުމްތަކާއި، ކުށް ކުރާ ކުދީން އިސްލާޙުކޮށް އަނބުރާ މުޖުތަމަޢަށް ގެނައުމަށްޓަކައި ކޯޓުން ކުރިއަށް ގެންދާ މަސައްކަތްތައް އިންތިޒާމް ކުރެވިފައިވާ ގޮތުގެ މަޢުލޫމާތާއި، ކޯޓުގެ ތަފާސް ހިސާބާގުޅޭ ހުރިހާ މަޢުލޫމާތެއް ވެބްސައިޓްގައި ހިމަނަމުން ގެންދެވޭނެއެވެ. އަޅުގަނޑު ޤަބޫލުކުރާގޮތުގައި، ކޮންމެ މުއައްސަސާއަކުންވެސް ދެމުންގެންދާ ޚިދުމަތްތަކުގެ ފެންވަރު މަތިވަމުން ދާނީ، ޚިދުމަތާ ގުޅޭގޮތުން، ޚިދުމަތް ލިބިގަންނަ ފަރާތްތަކުން ދެކޭގޮތް އެނގިގެންނެވެ. އެހެންކަމުން، ކޯޓުގައި ކުރިން ބޭނުންކުރަމުން ގެންދިޔަ ވެބްސައިޓަށް ބޮޑެތި ބަދަލުތަކެއް ގެނެސް، ވެބްސައިޓް އަލުން ފަރުމާކޮށް ތިޔަބޭފުޅުންނާހިސާބަށް ފޯރުކުރެވިފައިމިވަނީ އެކަންކަމަށްވެސް ރިޢާޔަތް ކުރެވިގެންނެވެ. ވުމާއެކު، ކޯޓުގެ ޚިދުމަތްތައް އިތުރަށް ރަނގަޅުކޮށް ހަރުދަނާ ކުރުމަށްޓަކައި، ތިޔަ ބޭފުޅުންގެ ބިނާ ކުރަނިވި ޚިޔާލުފުޅުތައްވެސް މި ވެބްސައިޓު މެވުރިކޮށް އަޅުގަނޑުމެންނާއި ހަމައަށް ފޯރުކޮށްދެއްވުމަކީ ކޯޓުގެ މަސައްކަތްތައް ތަރައްޤީކޮށް ކުރިއަށް ގެންދިއުމަށް ލިބޭނެ ފަހި ފުރުޞަތެއްކަމުގައި ނޫނީ ނުވާނެއެވެ. އަޅުގަނޑު އުންމީދު ކުރަނީ، ކޯޓުގެ މަސައްކަތްތަކާގުޅޭގޮތުންނާއި ކުޑަކުދީންގެ މައްސަލަތަކާގުޅޭގޮތުން މަޢުލޫމާތު ހޯއްދަވަން ބޭނުންފުޅުވާ އެންމެހާ ފަރާތްތަކަށް، ފަސޭހަކަމާއެކު ބޭނުންފުޅުވާ ހުރިހާ މަޢުލޫމާތެއް ލިބިވަޑައިގެންފިކަމުގެ ހިތްހަމަޖެހުން ލިބިދޭފަދަ ވެބްސައިޓަކަށް މި ވެބްސައިޓް ވެގެން ދިއުމެވެ.