ޔޫ.އެން.އޯ.ޑީ.ސީއާއި ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސް ގުޅިގެން ކުރިއަށް ގެންދާ "އިމްޕްލިމެންޓޭޝަން އޮފް ޑައިވަރޝަން ފޮރ ޗިލްޑްރަން އިން ކޮންފްލިކްޓް ވިތް ދަ ލޯ" މަސައްކަތު ބައްދަލުވުމުގައި ޖުވެނައިލް ކޯޓުގެ 4 މުވައްޒަފުން ބައިވެރިވެ ތަމްރީން ލިބިގަތްފިއެވެ. 2022 ޖޫން 28 އިން 30 އަށް މާލޭގައި ކުރިއަށް ގެންދެވުނު މި މަސައްކަތު ބައްދަލުވުމުގައި ކޯޓުގެ ފަރާތުން ލީގަލް އޮފިސަރ އަލްއުސްތާޛާ ޢާއިޝާ ސަމާ އަޙްމަދުއާއި ލީގަލް އޮފިސަރ އަލްއުސްތާޛާ ފާޠިމަތު ސާޖިދާއާއި ލީގަލް އޮފިސަރ އަލްއުސްތާޛާ ޝިނާޒާ މުޙައްމަދު ދީދީގެ އިތުރުން ޕްރޮބޭޝަން އޮފިސަރ އަލްފާޟިލާ ނާއިލާ ރަޝީދު ބައިވެރިވެފައި ވެއެވެ.
ތިން ދުވަހުގެ މުއްދަތަށް ޔޫ.އެން.އޯ.ޑީ.ސީން ކުރިއަށް ގެންދެވި މި މަސައްކަތު ބައްދަލުވުމަކީ، ޤާނޫނާ ޚިލާފުވާ ކުދިންނަށް ޝަރުޢީ ނިޒާމުގެ ބޭރުން ފުރުޞަތު ހޯދައިދިނުމަށް ކަމާ ގުޅުންހުރި އެކި މުއައްސަސާތަކުން ޢަމަލު ކުރާނެ ގޮތުގެ ޤަވާއިދުތަކާއި އުޞޫލުތަކާ ގުޅޭގޮތުން މަޝްވަރާ ކުރުމަށްޓަކައި، ކުޑަކުދިންގެ ޢަދުލުގެ ނިޒާމުގައި ހިމެނޭ މުއައްސަސާތަކަށް އަމާޒުކުރައްވައިގެން ބޭއްވުނު މަސައްކަތު ބައްދަލުވުމެކެވެ.