ގއ.މާމެންދޫގައި ހިނގާދިޔަ މާރާމާރީއެއްގައި، 17 އަހަރުގެ ކުއްޖަކު މަރުވި މައްސަލައަކާ ގުޅިގެން ދައުލަތުގެ ފަރާތުން، "ތޫނު އެއްޗެއް ބޭނުންކޮށްގެން ޤަޞްދުގައި މީހަކު މެރުމުގެ" ދަޢުވާ އުފުލާފައިވާ ކުޑަ ކުއްޖެއްގެ ބަންދަށް ލުޔެއްދީ، ކުއްޖާ ގޭބަންދަށް ބަދަލުކުރުމަށް މިކޯޓުން މިއަދު ވަނީ ނިންމާފައެވެ. މި މައްސަލައިގާ ކުއްޖާގެ ބަންދަށް ލުއި ދިނުމަށް ނިންމާފައިވަނީ، ކ.ހިންމަފުށި އައްސޭރި ޖަލުގައި ޤާއިމްކޮށްފައިވާ ކުޑަކުދިންގެ ޖަލަކީ، ކުޑަކުދިން ބަންދުގައި ބޭތިއްބުމަށް އެކަށީގެންވާ ތަނެއް ނޫންކަމަށް، ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް ގެ ނަންބަރު 168-1/(D1)147/2021/5 ސިޓީގައި ބަޔާންކޮށް ޖުވެނައިލް ކޯޓަށް އަންގާފައިވާތީ، ކުއްޖާގެ ބަންދު މުރާޖަޢާކުރުމަށް ބޭއްވުނު، ބަންދު މުރާޖަޢާކުރުމުގެ މަޖިލީހުގައި ކުއްޖާއާއި ދައުލަތުގެ ފަރާތުން އަދި ކުއްޖާގެ މަޞްލަޙަތު ޙިމާޔަތްކުރާ ދައުލަތުގެ އިދާރާއިން ދައްކާފައިވާ ވާހަކަތަކަށް ރިޢާޔަތްކޮށް، ކުއްޖާ ބަންދުގައި ހޭދަކުރި މުއްދަތަށާއި، މައްސަލަ ގޮސްފައިވާ ހިސާބަށާއި، ކުއްޖާގެ ޞިއްޙީ ޙާލަތަށް ރިޢާޔަތްކޮށެވެ. އަދި ކުއްޖާގެ ބަންދަށް ލުއި ދޭން ނިންމާފައިވަނީ މައްސަލައިގެ ބާވަތައް ބަލައި ހަރުކަށި ޝަރުޠުތަކަކާއެކުގައެވެ. އަދި މިނިންމުން، ޤާނޫނު ނަންބަރު 2019/18 (ކުޑަކުދިންގެ ޢަދުލުގެ ޤާނޫނު) ގެ 59 ވަނަ މާއްދާގެ (ބ) ގައިވާ ގޮތުގެމަތިން، ކޮންމެ 15 ދުވަހަކުން މުރާޖަޢާކުރަމުން ގެންދާނެއެވެ.