ޚަބަރު | 2011 ވަނަ އަހަރު ޖުވެނައިލް ކޯޓަށް އެންމެ ގިނަ ޢަދަދަކަށް ހުށަހެޅިފައިވަނީ މަސްތުވާތަކެތީގެ މައްސަލަތައް

ޕަބްލިޝްކުރި ތާރީޚް: 2012.01.16މަސްތުވާތަކެތީގެ މައްސަލަތަކުގައި ކުޑަކުދިންގެ މައްޗަށް ދަޢުވާ ކޮށްފައިވާ މިންވަރު 2011 ވަނަ އަހަރު ވަރަށް ބޮޑުތަން އިތުރުވެ، އެ އަހަރު ކޯޓަށް ހުށަހެޅުނު މަސްތުވާތަކެތީގެ މައްސަލަތަކުގެ ޖުމްލަ ޢަދަދު 66 އަށް އަރައިފިއެވެ. މިގޮތުން 2010 ވަނަ އަހަރު، މަސްތުވާތަކެތި ބޭނުންކުރުމުގެ 34 މައްސަލައެއް ޖުވެނައިލް ކޯޓަށް ހުށަހެޅިފައިވާއިރު، 2011 ވަނަ އަހަރު މަސްތުވާތަކެތި ބޭނުންކުރުމުގެ 51 މައްސަލަ ހުށަހެޅިފައިވެއެވެ. އަދި ހަމަ އެހެންމެ، 2011 ވަނަ އަހަރު މަސްތުވާތަކެތީގެ ވިޔަފާރީގެ މައްސަލަތަކުގައި ކުޑަކުދިންގެ މައްޗަށް ދަޢުވާ ކުރެވުނު މިންވަރު އިތުރުވެގެން ގޮސްފައިވާކަންވެސް ފާހަގަކުރެވިފައިވެއެވެ. މިގޮތުން، 2010 ވަނަ އަހަރު މަސްތުވާތަކެތި ވިޔަފާރީގެ ބޭނުމަށް އަތުގައި ބެހެއްޓުމުގެ ޖުމްލަ 09 މައްސަލައެއް ހުށަހެޅިފައިވާއިރު، 2011 ވަނަ އަހަރު ނިމުނުއިރު މަސްތުވާތަކެތި ވިޔަފާރީގެ ބޭނުމަށް އަތުގައި ބެހެއްޓުމުގެ ޖުމްލަ 13 މައްސަލަ ޖުވެނައިލް ކޯޓަށް ހުށަހެޅި، 11 މައްސަލަ ނިމިފައިވާއިރު، އޭގެތެރެއިން 03 ކުއްޖެއްގެ މައްޗަށް ކުށް ސާބިތުވެފައިވެއެވެ. ހަމައެހެންމެ، މަސްތުވާތަކެތި ރާއްޖެ އެތެރެކުރުމުގެ 02 މައްސަލަވެސް 2011 ވަނަ އަހަރުގެ ތެރޭގައި ޖުވެނައިލް ކޯޓަށް ހުށަހެޅިފައިވެއެވެ. އަދި މަސްތުވާތަކެތީގެ ކުށުގެ ތުހުމަތުގައި ތަޙުޤީޤަށް ބަންދުކުރެވުނު 94 ކުއްޖެއްގެ ބަންދާމެދު ގޮތެއް ނިންމުމުގެ މައްސަލަވެސް 2011 ވަނަ އަހަރު ހުށަހެޅިފައިވާކަން ފާހަގަކުރެވެއެވެ.