ޚަބަރު | ނޫރު އާދަމް ޙަސަންފުޅުގެ މަރުގެ މައްސަލަ އިސްތިއުނާފް ކުރުމަށް ހުށަހަޅައިފި

ޕަބްލިޝްކުރި ތާރީޚް: 2015.11.23         29 މާރިޗް 2015 ވަނަ ދުވަހުގެ ރޭގަނޑުގެ ވަގުތެއްގައި އައި.ޖީ.އެމް.އެޗް ހޮސްޕިޓަލުގެ އިމަރޖެންސީ ގޭޓް ކުރިމަތީގައި ހިނގައިދިޔަ ޙާދިސާގައި ނިޔާވެފައިވާ، ދަފްތަރު ނަންބަރު 074/ ނޫރު އާދަމް ޙަސަންފުޅުގެ މަރުގެ މައްސަލަ 22 ނޮވެންބަރު 2015 ވަނަ ދުވަހު ޖުވެނައިލް ކޯޓުން ހައިކޯޓަށް އިސްތިއުނާފް ކުރުމަށް ހުށަހަޅައިފިއެވެ.

މިޙާދިސާއާއި ގުޅިގެން ޖުވެނައިލް ކޯޓަށް ދައުލަތުން ހުށަހަޅާފައިވާ ޤަޞްދުގައި މީހަކު މަރާލުމާއި ޤަޞްދުގައި މީހަކު މަރާލުމުގައި ބައިވެރިވުމުގެ މައްސަލަ 02 ނޮވެންބަރު 2015 ގައި ނިންމާ، 08 ނޮވެންބަރު 2015 ގައި މައްސަލާގައި ގުޅުންހުރި ފަރާތްތަކަށް ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓް ދޫކުރެވިފައިވީނަމަވެސް، ދަށުކޯޓުގައި މައްސަލަ އިސްތިއުނާފު ކުރުމަށް އޮންނަ މުއްދަތުގައި މައްސަލަ އިސްތިއުނާފަށް ހުށަހަޅާފައިނުވާތީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރ SC/‏2015/14 (15 ނޮވެމްބަރ 2015) ސަރކިއުލަރގައިވާ ގޮތުގެމަތިން، ޤަޟިއްޔާގެ ފައިލް ލިޔުންތަކާއެކު ހައިކޯޓަށް ފޮނުވުމަށްޓަކައި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަށް 22 ނޮވެންބަރު 2015 ވަނަ ދުވަހު ވަނީ ފޮނުވިފައެވެ. މި މައްސަލަ އިސްތިއުނާފު ކުރުމަށް ހުށަހެޅުމުގެ މުއްދަތު 18 ނޮވެންބަރު 2015 އަށް ވަނީ ހަމަވެފައެވެ.