ޚަބަރު | ޙުކުމް ތަންފީޛުކުރުމަށްޓަކައި އިސްލާޙީ މަރުކަޒެއް (ޖުވެނައިލް ޑިޓެންޝަން ސެންޓަރ) ގައި ބޭތިއްބުމަށް ޖުވެނައިލް ކޯޓުން ފުރަތަމަ ފަހަރަށް ޙުކުމްކޮށްފި

ޕަބްލިޝްކުރި ތާރީޚް: 2015.12.02  ''ކުޑަކުދިންކުރާ ކުށުގެ މައްސަލަތައް ބަލާ، ތަޙްޤީޤުކޮށް، އިންސާފުކޮށް އަދަބުދިނުމުގައި ޢަމަލުކުރާނެ ގޮތުގެ ޤަވާޢިދު'' ގެ 17 ވަނަ މާއްދާގެ (ށ) އާއި ދިވެހިރާއްޖެ ބައިވެރިވެ ސޮއިކޮށްފައިވާ ބައިނަލްއަޤްވާމީ މުޢާހަދާތަކާއި އެ މުޢާހަދާތަކުގެ ދަށުން އެކުލަވާލެވިފައިވާ ގައިޑްލައިންސްތަކަށް ރިޢާޔަތްކޮށްކޮށް، ކެނަބިސް ޓްރެފިކްކުރުމުގެ ކުށުގެ މައްސަލައަކާއި ގުޅިގެން 15 އަހަރާއި 18 އަހަރުގެ ކުއްޖަކު، ކުށްކުރާ ކުދިން ބޭތިއްބުމަށް ޤާއިމްކޮށްފައިވާ އިޞްލާޙީ މަރުކަޒެއް (ޖުވެނައިލް ޑިޓެންޝަން ސެންޓަރ) ގައި ބައިތިއްބައިގެން ޙުކުމް ތަންފީޛުކުރުމަށް ޖުވެނައިލް ކޯޓުން ފުރަތަމަ ފަހަރަށް ޙުކުމްކޮށްފިއެވެ. މިފަދައިން ޖުވެނައިލް ކޯޓުން ޙުކުމްކޮށްފައިވަނީ، މިފަދަ ކުށްކުރާކުދިން އިޞްލާޙުކޮށް އަނބުރާ މުޖުތަމަޢަށް ގެނައުމަށްޓަކައި ކުރަންޖެހޭ އެންމެހައި ކަންކަން ކުރުމަކީ ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކުގެ މައްޗަށް ލާޒިމްކޮށްފައިވާ ކަމެއްކަމުގައިވާތީއާއި މިކަމާއި ގުޅުންހުރި އެންމެހައި މުއައްސަސާތަކައި އެކު އެކިފަހަރު މަތިން ޖުވެނައިލް ކޯޓުގައި ބައްދަލުވުންތަކެއް ބާއްވާ އެފަރާތްތަކުގެ ސަމާލުކަމަށް މިކަންކަން ގެނައުމަށްޓަކައި ކުރެވުނު މަސައްކަތުގެ މައްޗަށް ރިޢާޔަތްކޮށް، ޖުވެނައިލް ކޯޓުގެ ޤާޟީންގެ އާންމު މަޖިލީހުން 2015 ވަނަ އަހަރުގެ ޖުލައި މަހުން ފެށިގެން މިފަދަ މަރުކަޒުތަކުގައި ކުދިން ބޭތިއްބުމަށް ނިންމާފައިވާ ނިންމުމާއި ގުޅިގެންނެވެ.

 ޖުވެނައިލް ކޯޓުން ކުރި ޙުކުމުގައިވަނީ، '' ދަޢުވާ ލިބޭ ކުދިންގެ މައްޗަށް ކެނަބިސް ޓްރެފިކްކުރުމުގެ ކުށުގެ ދަޢުވާ ހެކިންގެ ހެކިބަހުންނާއި، ޝަރީޢަތަށް ހުށަހެޅުނު ޤަރީނާތަކުން، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) ގައި ބުނާ އެކަށީގެންވާ ޝައްކެއްނެތް މިންވަރަށް ޝަރީޢަތަށް ސާބިތުވެއްޖެކަމަށް ކަނޑައަޅައި، "ކުޑަކުދިން ކުރާ ކުށުގެ މައްސަލަތައް ބަލާ، ތަޙުޤީޤުކޮށް، އިންސާފުކޮށް އަދަބު ދިނުމުގައި ޢަމަލުކުރާނެ ގޮތުގެ ޤަވާޢިދު" ގެ 17 ވަނަ މާއްދާގެ (ހ) އާއި އަދި އެމާއްދާގެ (ބ)ގެ 01 ވަނަ ނަންބަރާއި 02 ވަނަ ނަންބަރަށް ރިޢާޔަތްކޮށް، ޤާނޫނު ނަންބަރު 17/2011 (މަސްތުވާތަކެއްޗާބެހޭ ޤާނޫނު) ގެ 106 ވަނަ މާއްދާގެ (ހ) އާ ޙަވާލާދީ، އެމާއްދާގެ (ނ) ގެ ދަށުން، ދަޢުވާލިބޭ ދެކުދިންކުރެ ކޮންމެ ކުއްޖަކު، 16 (ސޯޅަ) އަހަރާއި 08 (އަށެއް) މަސްދުވަހުގެ މުއްދަތަށް ޖަލަށްލުމަށާއި އަދި މިދެކުދިންކުރެ ކޮންމެ ކުއްޖަކު 66,666.66 (ފަސްދޮޅަސް ހަހާސް ހަސަތޭކަ ފަސްދޮޅަސް ހަރުފިޔާ ފަސްދޮޅަސް ހަލާރި) އިން ޖޫރިމަނާ ކުރުމަށް ޙުކުމްކޮށް، މިފައިސާ މިއަދުން ފެށިގެން 01 (އެއްމަސް) ދުވަހުގެ ތެރޭގައި ޖުވެނައިލް ކޯޓަށް ދެއްކުމަށް އަންގައި، އަދި ''ކުޑަކުދިންކުރާ ކުށުގެ މައްސަލަތައް ބަލާ، ތަޙްޤީޤުކޮށް، އިންސާފުކޮށް އަދަބުދިނުމުގައި ޢަމަލުކުރާނެ ގޮތުގެ ޤަވާޢިދު '' ގެ 17 ވަނަ މާއްދާގެ (ށ) އަށް ރިޢާޔަތްކޮށް، ކުށްކުރާ ކުދިން ބޭތިއްބުމަށް ޤާއިމްކޮށްފައިވާ އިޞްލާޙީ މަރުކަޒެއް (ޖުވެނައިލް ޑިޓެންޝަން ސެންޓަރ) ގައި ޙުކުމުގެ މުއްދަތަށް ދަޢުވާލިބުނު  ދެ ކުދިން ބޭތިއްބުމަށެވެ.