ޚަބަރު | 2015 ވަނަ އަހަރުގެ ތަފާސްހިސާބު ރިޕޯޓު

ޕަބްލިޝްކުރި ތާރީޚް: 2016.02.242015 ވަނަ އަހަރު ޖުވެނައިލް ކޯޓުގެ ތަފާސްހިސާބުގެ މައްޗަށް ބަލާލެވިފައިވާ، މި ކަރުދާހުގައި، ހިމެނިފައިވާނީ ޖުވެނައިލް ކޯޓަށް 2015 ވަނަ އަހަރު ޕްރޮސިކިއުޓަރ ޖެނަރަލްގެ އޮފީހުން ހުށަހަޅާފައިވާ މައްސަލަތަކާ ގުޅޭ ތަފާސްހިސާބުތަކާއި، ކުށުގެ ތުހުމަތުގައި ހައްޔަރުކުރެވޭ ކުދިންގެ ތެރެއިން ބަންދާއިމެދު ގޮތެއް ނިންމުމަށްޓަކައި މޯލްޑިވްސް ޕޮލިސް ސަރވިސްއިން ޖުވެނައިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލަތަކުގެ ތަފާސްހިސާބުތަކެވެ.

2015 ވަނަ އަހަރު ޕްރޮސިކިއުޓަރ ޖެނަރަލްގެ އޮފީހުން ހުށަހަޅާފައިވާ މައްސަލަތަކާ ގުޅޭ ތަފާސްހިސާބުތަކަށް ބަލާލާއިރު 2014 ވަނަ އަހަރު ކޯޓަށް ހުށަހަޅާފައިވާ މައްސަލަތަކަށްވުރެ 2015 ވަނަ އަހަރު ހުށަހަޅާފައިވާ މައްސަލަތަކުގެ އަދަދު %61 މަދެވެ. އަދި އެންމެ ގިނައިން ހުށަހަޅާފައިވަނީ މަސްތުވާތަކެތީގެ މައްސަލަތަކެވެ. އެގޮތުން 2015 ވަނަ އަހަރު ކޯޓަށް ހުށަހަޅާފައިވާ މައްސަލަތަކުގެ ތެރެއިން %52 މައްސަލަތަކަކީ މަސްތުވާތަކެތީގެ މައްސަލަތަކެވެ. 2015 ވަނަ އަހަރު ކޯޓުގައި ކުރިއަށް ގެންގޮސްފައިވާ މައްސަލަތަކުގެ ތެރެއިން %81 މައްސަލަވަނީ އެއަހަރު ތެރޭގައި ނިންމާފައެވެ. މިގޮތުން ކޯޓުން ނިންމާފައިވާ ބޮޑެތި މައްސަލަތަކުގެ ތެރޭގައި ޓެރަރިޒަމްގެ މައްސަލައަކާއި، ޤަޞްދުގައި މީހަކު މަރާލުމުގެ ދެމައްސަލައަކާއި މަސްތުވާތަކެތީގެ ތަފާތު މައްސަލަތަކުގެ އިތުރުން މީހެއްގެ ހަށިގަނޑަށް ގެއްލުން ދިނުމާއި، އަމުރަށް ނުކިޔަމަންތެރިވުމާއި ޣައިރު ޤާނޫނީ އެއްވުމަކުން އަމަންނަގާލުމުގެ މައްސަލަތައް ހިމެނެއެވެ.

ނިމުނު މައްސަލަތަކުގެ ތެރެއިން ޤާނޫނާ އެއްގޮތްވާ ގޮތުގެމަތިން 14 ދުވަސް ތެރޭގައި ޕްރޮސިކިއުޓަރ ޖެނަރަލްގެ އޮފީހަށް ރިޕޯޓް ފޮނުވަންޖެހޭ ހުރިހާ މައްސަލައެއްގެ ރިޕޯޓު ފޮނުވިފައިވެއެވެ.

ކުށެއްގެ ތުހުމަތުގައި ހައްޔަރުކުރެވޭ ކުދިންގެ ބަންދާމެދު ގޮތެއް ނިންމުމަށްޓަކައި ކޯޓަށް ހުށަހެޅި މައްސަލަތަކުގެ ތަފާސް ހިސާބު ތަކަށްބަލާލާއިރު، ހައްޔަރުކުރެވޭ ކުދިންގެ ބަންދާމެދު ގޮތެއް ނިންމުމަށްޓަކައި 2014 ވަނަ އަހަރަށް ވުރެ 2015 ވަނަ އަހަރު %33.1 މަދުވެފައިވާކަން ފާހަގަކުރެވެއެވެ.

2015 ވަނަ އަހަރު ނިމުނުއިރު ކޯޓުގައި ނުނިމި ބާކީ ހުރި މައްސަލަތަކަށް ބަލާއިރު 2014 ވަނަ އަހަރު ނިމުނު އިރު ކޯޓުގައި ނުނިމި ބާކީ ހުރި މައްސަލަތަކުގެ އަދަދަށްވުރެ، 2015 ވަނަ އަހަރު ނިމުނު އިރު ކޯޓުގައި ނުނިމި، ބާކީ ހުރި މައްސަލަ ތަކުގެ އަދަދު މަދުކަން ފާހަގަކޮށްލެވެއެވެ.

2015 ވަނަ އަހަރު ނިމުނުއިރު، ކޯޓުން ކުރިއަށް ގެންދާ އިޞްލާޙީ ޕްރޮގްރާމުގައި ބައިވެރިވުމަށް އެދި %62 ކުދިން ހުށަހަޅާފައިވާއިރު، 2014 ވަނަ އަހަރު ނިމުނުއިރު ވަކި ގޮތެއް ކަނޑަނޭޅި ތިބި ކުދިންނާއެކު މި ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުޞަތު ޖުމުލަ %75 ކުދިންނަށް ދެވުނެވެ. ފުރުޞަތު ދީފައިވާ ކުދީންގެ ތެރޭގައި މަސްތުވާތަކެއްޗާއި ޒިނޭ އަދި ބަދުއަޚުލާޤީ ކުށުގެ މައްސަލަތައް ހިމެނެއެވެ. އަދި އިޞްލާޙީ ޕްރޮގްރާމްގައި ކުދިން ބައިވެރިކުރުމާ ގުޅޭގޮތުން ކަމާބެހޭ މުއައްސަސާތަކާއެކު ޖުމުލަ 55 ކޮންފަރެންސް 2015 ވަނަ އަހަރު ތެރޭގައި ބޭއްވިފައިވެއެވެ.

މި ޕްރޮގްރާމްގެ މަޤުޞަދަކީ ޢުމުރުން 18 އަހަރުން ދަށުގެ ކުށްކުރާ ކުޑަކުދީން އިޞްލާޙުކޮށް އަނބުރާ މުޖުތަމަޢަށް ގެނެސް، އެކުދިންނަކީ މުޖުތަމަޢަށް ފައިދާހުރި، ބޭނުންތެރި ކުދިންތަކަކަށް ހެދުމާއި، އަދި ޖަލަށް ޙުކުމްކުރެވޭ ކުދިންގެ ތެރެއިން، ކިޔަވާކުދިންނާއި، ވަޒީފާތަކުގައި އުޅޭ ކުދިންނަށް އެކުދިންގެ ކިޔެވުމުގެ ފުރުޞަތާއި ވަޒީފާއަށް ދިއުމުގެ ފުރުޞަތު ގެއްލިގެން ނުދާނެ ގޮތެއްގެ މަތިން ޙުކުމް ތަންފީޛުކުރަމުންދާއިރު، ކިޔެވުމާއި ވަޒީފާއަށް ދިއުމުގެ ފުރުޞަތު ދިނުމާއި އަދި މަސައްކަތާއި ހުނަރު ދަސްކޮށްދޭ ޕްރޮގްރާމްތަކުގައި ބައިވެރިކުރުމަށް ފުރުޞަތު ތަނަވަސްކޮށްދިނުމެވެ.

ފުރުޞަތު ދިން ކުދީންގެ ތެރެއިން ޕްރޮގްރާމްތައް ފުރިހަމަކޮށް، އިޞްލާޙުވެ އަނބުރާ މުޖުތަމަޢަށް ގެނެވި، ޢާއިލާތަކާއި ޙަވާލުކުރެވިފައިވާ ކުދިން ތިބިކަން ފާހަގަކުރަމެވެ. ހަމައެއާއެކު ތަފާތު ސަބަބުތަކާއި ހުރެ ޕްރޮގްރާމް ފުރިހަމަނުކޮށްތިބި ކުދީންނާއި ފަރުވާ ފުރިހަމަ ކުރިނަމަވެސް ކުށް ތަކުރާރުކޮށްފައިވާ ކުދީން ތިބިކަން ފާހަގަކުރެވިފައިވެއެވެ.

މިކުދީންނަށް ފުރުޞަތު ދެމުންދަނީ '' ކުޑަކުދިންކުރާ ކުށުގެ މައްސަލަތައް ބަލާ، ތަޙުޤީޤުކޮށް، އިންސާފުކޮށް އަދަބުދިނުމުގައި ޢަމަލުކުރާނެ ގޮތުގެ ޤަވާޢިދު'' ގެ 19 ވަނަ މާއްދާއާއި 20 ވަނަ މާއްދާގެ ދަށުން، ޖުވެނައިލް ކޯޓުން އެކުލަވާލާފައިވާ، ކުށްކުރާ ކުޑަކުދިން އިޞްލާޙުކޮށް އަނބުރާ މުޖުތަމައަށް ގެނައުމަށްޓަކައި ކޯޓުން ހިންގާ އިޞްލާޙީ ޕްރޮގްރާމްތައް ހިންގާ ގޮތުގެ އުޞޫލުތައް ކަނޑައަޅާ ބަޔާންކުރާ ގޮތުގެ އިޖުރާއާތުގައިވާ ގޮތުގެ މަތީން، ކަމާގުޅޭ އެންމެހައި އިދާރާތަކާއިއެކު މަޝްވަރާކޮށް، ކުށްކުރާ ކުޑަކުދީން އަބުރާ މުޖުތަމަޢަށް ގެނައުމަށްޓަކައި ކަމާގުޅޭފަރާތްތަކުން ހިންގާ ތަފާތު ޕްރޮގްރާމްތަކުގައި މިކުދީން ބައިވެރި ކޮށްގެންނެވެ. އެގޮތުން ޖަލަށް ޙުކުމް ކުރާ ކުދިން ގޭބަންދަށް ބަދަލުކުރުމާއި، ކަރެކްޝަނަލް ސެންޓަރ ފޮރ ޗިލްޑްރެންގައި ހިންގޭ ޕްރޮގްރާމްތަކުގައި ބައިވެރިކުރުވުމާއި، ގޭބަންދުގައި ހުރެގެން ކިޔަވަން ދިއުމުގެ ފުރުޞަތު ދިނުމާއި، ގޭބަންދުގައި ހުރެގެން ވަޒީފާއަށް ދިއުމުގެ ފުރުޞަތު ދިނުމާއި ޖުވެނައިލް ޖަސްޓިސް ޔުނިޓުން ހިންގާ ޕްރޮގްރާމްތަކުގައި ބައިވެރިކުރުމާއި، މޯލްޑިވްސް ކަރެކްޝަނަލް

ސަރވިސަސް އިންނާއި، އެން.ޑީ.އޭ އިން ހިންގާ ޕްރޮގްރާމްތަކުގައި ބައިވެރިކުރުމާއި، މިނިސްޓްރީ އޮފް ޖެންޑަރ ފެމިލީ އެންޑް ހިއުމަން ރައިޓްސް އިން ހިންގާ ތަފާތު ޕްރޮގްރާމް ތަކުގައި ބައިވެރިކުރުވުމުގެ އިތުރުން، ކުލަބު ޖަމްޢިއްޔާ އަދި ޖަމާޢަތްތަކާއި ގުޅިގެން ކުރިއަށް ގެންދާ ތަފާތު އިޖުތިމާޢީ ޙަރަކާތް ތަކުގައި ބައިވެރިވުމުގެ ފުރުޞަތު އޮންނަގޮތުގެމަތިންނެވެ.