ޚަބަރު | ކުޑަކުދިންގެ ޙައްޤުތަކާއި ކުޑަކުދިންގެ ޖިނާއީ ޢަދުލުގެ ނިޒާމާބެހޭ މަހާސިންތާގައި ޖުވެނައިލް ކޯޓުން ބައިވެރިވެއްޖެ

ޕަބްލިޝްކުރި ތާރީޚް: 2017.10.03ނޭޝަނަލް ޖުޑީޝަލް ކޮންފަރެންސް 2017 އާ ގުޅުވައިގެން، 2017 ސެޕްޓެމްބަރު މަހުގެ 13-16 އަށް ބަންޑޮސް މޯލްޑިވްސް ރިސޯޓުގައި ކުރިޔަށްދިޔަ ''ސިމްޕޯސިއަމް އޮން ޗައިލްޑް ރައިޓްސް އެންޑް ދަ ޖުވެނައިލް ޖަސްޓިސް ސިސްޓަމް'' މަހާސިންތާގައި ޖުވެނައިލް ކޯޓުގެ ފަރާތުން ބައިވެރިވެއްޖެއެވެ. މިމަހާސިންތާއަކީ ދިވެހިރާއްޖޭގެ ޖުޑީޝަލް އެކަޑަމީ އާއި ޔުނިސެފާއި ޖުވެނައިލް ކޯޓު ގުޅިގެން ބޭއްވި މަހާސިންތާއެކެވެ. މި މަހާސިންތާގައި ކަމާ ގުޅުންހުރި ދާއިރާތަކުން ކުޑަކުދިންގެ ޙައްޤުތަކާއި ކުޑަކުދިންގެ ޖިނާއީ ޢަދުލުގެ ނިޒާމުގައި މިހާރު ހުރި ގޮންޖެހުންތަކާއި އެކަންކަން ޙައްލުކުރުމާ ބެހޭގޮތުން ދިރާސާ ކަރުދާސްތަކެއް ހުށަހަޅާފައިވެއެވެ.

މި މަހާސިންތާގެ ބައިވެރިންގެ ޑްރާފްޓް އެކްޝަން ޕްލޭނެއް އެކުލަވާލިއެވެ. އަދި މި އެކްޝަން ޕްލޭންގައި ކުރު މުއްދަތު އަދި ދިގު މުދުގައި ހާޞިލުކުރަން ބޭނުންވާ އަމާޒުތައް ފާހަގަކުރިއެވެ.

ޖުވެނައިލް ކޯޓުގެ ފަރާތުން މި މަހާސިންތާގައި ބައިވެރިވެވަޑައިގެންނެވީ ކޯޓު ހިންގުމާ ހަވާލުވެހުންނެވި ޤާޟީ އަލްއުސްތާޛު އަޙްމަދު ޝަރީފްއާއި ޤާޟީ އަލްއުސްތާޛު ސަޢީދު އިބްރާހިމްއާއި ރަޖިސްޓްރަރ ޒަޢީމާ    ނަޝީދު އަބޫބަކުރުއާއި އެސިސްޓެންޓް ލީގަލް އޮފިސަރ ފާޠިމަތު ސާޖިދާއާއި އެސިސްޓެންޓް ލީގަލް އޮފިސަރ ޢަފްރާ ޢުޘްމާން އާދަމްއާއި ޕްރޮބޭޝަން އޮފިސަރ ފާޠިމަތު ފަޟީލާއާއި އެޑްމިނިސްޓްރޭޓިވް އޮފިސަރ ޢާއިޝަތު ނުޒުހަތު އަދި އެޑްމިނިސްޓްރޭޓިވް އޮފިސަރ ޙައްވާ ޝިއުނާއެވެ.       

މަހާސިންތާގައި، ޝަރުޢީ ދާއިރާއިން ހުށަހެޅި ކަރުދާސްތަކުގެ ތެރެއިން ޖުވެނައިލް ކޯޓުން ކަރުދާސް ހުށަހަޅާފައިވަނީ "ކޯޓުތަކާއި، ކޯޓުތަކުގެ އިދާރީ ހިންގުމާއި ކޯޓުތަކުގެ އިޖުރާއަތުތައް" މި މަޢުޟޫގެ މައްޗަށް ބިނާކޮށް، ދިވެހިރާއްޖޭގެ ޝަރުޢީ ނިޒާމުގެ ތެރޭގައި ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމާއި، އެކުދިންގެ މަޞްލަޙަތު ޙިމާޔަތްކުރުމުގައި ކޯޓުތަކުގެ ދައުރާ ބެހޭގޮތުންނެވެ.