ޚަބަރު | 2017 ވަނަ އަހަރުގެ ތަފާސްހިސާބު ރިފޯޓު

ޕަބްލިޝްކުރި ތާރީޚް: 2018.01.29މި ރިޕޯޓުގައި ހިމެނިފައިވާނީ ޖުވެނައިލް ކޯޓަށް 2017 ވަނަ އަހަރު ޕްރޮސިކިއުޓަރ ޖެނަރަލްގެ އޮފީހުން ހުށަހަޅާފައިވާ މައްސަލަތަކާ ގުޅޭ ތަފާސްހިސާބުތަކާއި، ކުށުގެ ތުހުމަތުގައި ހައްޔަރުކުރެވޭ ކުދިންގެ ބަންދާއިމެދު ގޮތެއް ނިންމުމަށްޓަކައި މޯލްޑިވްސް ޕޮލިސް ސަރވިސްއިން ޖުވެނައިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލަތަކުގެ ތަފާސްހިސާބުތަކާއި ކުށްކުރާ ކުދިން އިޞްލާޙުކޮށް އަނބުރާ މުޖުތަމަޢަށް ގެނައުމަށްޓަކައި ކޯޓުން ދޭ ފުރުޞަތުތަކާގުޅޭ ތަފާސްހިސާބުތަކާއި ތަޙުޤީޤު މަރުޙަލާގައި ކޯޓުން ނެރޭ އަމުރުތަކުގެ ތަފާސްހިސާބުގެ މަޢުލޫމާތެވެ.

2017 ވަނަ އަހަރު ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ހުށަހަޅާފައިވާ މައްސަލަތަކާގުޅޭ ތަފާސް ހިސާބުތަކަށް ބަލާލާއިރު، 2016 ވަނަ އަހަރު ކޯޓަށް ހުށަހަޅާފައިވާ މައްސަލަތަކަށްވުރެ، 2017 ވަނަ އަހަރު ހުށަހަޅާފައިވާ މައްސަލަތަކުގެ އަދަދު %10 މަދެވެ. މީގެ ތެރޭގައި މަރުގެ މައްސަލަތަކާއި ވައްކަމާއި، މާރާމާރީގެ މައްސަލަތަކާއި ޒިނޭކުރުމާއި، ބަދުއަޚުލާޤީ ޢަމަލު ހިންގުމުގެ މައްސަލަތައް ހިމެނެއެވެ. މީގެތެރެއިން އެންމެ ގިނައިން ހުށަހެޅިފައިވަނީ މަސްތުވާތަކެތީގެ މައްސަލަތަކެވެ. އަދި 2017 ވަނަ އަހަރު ކޯޓަށް ހުށަހެޅިފައިވާ މައްސަލަތަކުގެ ތެރެއިން %84 މައްސަލަ ހުށަހެޅިފައިވަނީ 16 އަހަރާއި 17 އަހަރާއި ދެމެދުގެ އުމުރުފުރާގެ ކުދިންގެ މައްޗަށެވެ. އަދި ހުށަހެޅިފައިވާ މައްސަލަތަކުގެ ތެރެއިން %97 މައްސަލަ ހުށަހެޅިފައިވަނީ ފިރިހެން ކުދިންގެ މައްޗަށްކަންވެސް ފާހަގަކުރެވިފައިވެއެވެ. 

2017 ވަނަ އަހަރު ކޯޓުގައި ކުރިޔަށް ގެންގޮސްފައިވާ މައްސަލަތަކުގެ ތެރެއިން %69 މައްސަލަ ވަނީ އެއަހަރު ތެރޭގައި ނިންމާފައެވެ. މިގޮތުން، ކޯޓުން ނިންމާފައިވާ ބޮޑެތި މައްސަލަތަކުގެ ތެރޭގައި ޓެރަރިޒަމްގެ ދެމައްސަލައަކާއި، ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ މައްސަލައަކާއި، ވައްކަމާއި އެހެން މީހެއްގެ މުދަލަށް ހުއްދަނޫން ގޮތެއްގައި ބާރު ހިންގުމުގެ މައްސަލަތަކާއި، މަސްތުވާތަކެތީގެ ތަފާތު މައްސަލަތައް ހިމެނެއެވެ.

ކުށެއްގެ ތުހުމަތުގައި ހައްޔަރުކުރެވޭ ކުދިންގެ ބަންދާމެދު ގޮތެއް ނިންމުމަށްޓަކައި ކޯޓަށް ހުށަހެޅި މައްސަލަތަކުގެ ތަފާސް ހިސާބުތަކަށް ބަލާލާއިރު، ހައްޔަރުކުރެވޭ ކުދިންގެ ބަންދާމެދު ގޮތެއް ނިންމުމަށްޓަކައި ހުށަހެޅިފައިވާ މައްސަލަތަކުގެ ތެރެއިން 2016 ވަނަ އަހަރަށް ވުރެ 2017 ވަނަ އަހަރު %48 މަދުވެފައިވާކަން ފާހަގަކުރެވެއެވެ. އެގޮތުން، ކުށުގެ ތުހުމަތުގައި ހައްޔަރުކުރެވޭ ކުދިންނާ ގުޅޭގޮތުން 266 އަމުރެއް 2017 ވަނަ އަހަރު ކޯޓުން ނެރެފައިވާއިރު، މިއީ 88 ކުއްޖެއްގެ މައްޗަށް ހުށަހެޅުނު ތުހުމަތުތަކަކާ ގުޅިގެން ކޯޓުން ނެރެފައިވާ އަމުރުތަކެއްކަން ފާހަގަކުރެވެއެވެ.

2017 ވަނަ އަހަރު ނިމުނުއިރު، ކޯޓުން ކުރިޔަށް ގެންދިޔަ އިޞްލާޙީ ޕްރޮގްރާމުގައި ބައިވެރިކޮށްފައިތިބި ކުދިންގެ ތެރެއިން އެއްވެސް ކުއްޖެއް ކާމިޔާބުކަމާއެކު ޕްރޮގްރާމް ފުރިހަމަކޮށް ޢާއިލާތަކާ ޙަވާލުކުރެވިފައި ނުވިނަމަވެސް، އިޞްލާޙީ ޕްރޮގްރާމުގެ އެކި މަރުޙަލާތަކުގައި ކުދިން ބައިވެރިކުރެވި، ޖުވެނައިލް ޖަސްޓިސް ޔުނިޓާއި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއާއެކު ކުދިން މޮނިޓަރ ކުރުމުގެ މަސައްކަތްތައް އެއަހަރު ތެރޭގައިވެސް ކުރިޔަށް ގެންދެވިފައިވާކަން ފާހަގަކުރެވެއެވެ. އަދި ކުށް ތަކުރާރުކުރުމާއި ކޯޓު އަމުރާ ޚިލާފުވުމުގެ ސަބަބުން ޙުކުމް ތަންފީޛުކުރުމަށް 01 ކުއްޖަކު ފޮނުވިފައިވާކަން ފާހަގަކުރެވެއެވެ. އިޞްލާޙީ ޕްރޮގްރާމުގައި ކުދިން ބައިވެރިކުރުމާ ގުޅޭގޮތުން ކަމާބެހޭ މުއައްސަސާތަކާއެކު ޖުމްލަ 16 ކޮންފަރެންސް 2017 ވަނަ އަހަރު ތެރޭގައި ބޭއްވިފައިވެއެވެ. 

އިޞްލާޙީ ޕްރޮގްރާމްގެ މަޤުޞަދަކީ ޢުމުރުން 18 އަހަރުން ދަށުގެ ކުށްކުރާ ކުޑަކުދީން އިޞްލާޙުކޮށް އަނބުރާ މުޖުތަމަޢަށް ގެނެސް، އެކުދިންނަކީ މުޖުތަމަޢަށް ފައިދާހުރި، ބޭނުންތެރި ކުދިންތަކަކަށް ހެދުމާއި، އަދި ޖަލަށް ޙުކުމްކުރެވޭ ކުދިންގެ ތެރެއިން، ކިޔަވާކުދިންނާއި، ވަޒީފާތަކުގައި އުޅޭ ކުދިންނަށް އެކުދިންގެ ކިޔެވުމުގެ ފުރުޞަތާއި ވަޒީފާއަށް ދިއުމުގެ ފުރުޞަތު ގެއްލިގެން ނުދާނެ ގޮތެއްގެ މަތިން ޙުކުމް ތަންފީޛުކުރަމުންދާއިރު، ކިޔެވުމާއި ވަޒީފާއަށް ދިއުމުގެ ފުރުޞަތު ދިނުމާއި އަދި މަސައްކަތާއި ހުނަރު ދަސްކޮށްދޭ ޕްރޮގްރާމްތަކުގައި ބައިވެރިކުރުމަށް ފުރުޞަތު ތަނަވަސްކޮށްދިނުމެވެ.