ޚަބަރު | ޖުވެނައިލް ކޯޓުން އައްސޭރި ޖަލަށް ޒިޔާރަތްކޮށްފި

ޕަބްލިޝްކުރި ތާރީޚް: 2018.11.15ޝަރީޢަތުގެ މަރުޙަލާގައާއި ޙުކުމް ތަންފީޛުކުރުމުގެ މަރުޙަލާގައި ތިބި 18 އަހަރުން ދަށުގެ ކުދިންނާއި އެކުދިން ބަންދުކޮށްފައި ތިބޭ ތަންތަނުގެ ޙާލަތު ދެނެގަތުމަށްޓަކައި 10 ނޮވެންބަރު 2018 ގައި ޖުވެނައިލް ކޯޓުން ކ.ހިންމަފުށި، އައްސޭރިޖަލަށް ޒިޔާރަތްކޮށްފިއެވެ. މިޒިޔާރަތުގައި ކޯޓުގެ ފަރާތުން ބައިވެރިވީ ކޯޓުގެ އިސްޤާޟީ އަލްއުސްތާޛް ސަޢީދު އިބްރާހީމް އާއި ރަޖިސްޓްރާރ ޒަޢީމާ ނަޝީދު އަބޫބަކުރު އާއި ކޯޓުގެ އިދާރީ ވެރިންނާއި ލީގަލް އަދި އިދާރީ ބައެއް މުވައްޒަފުންނެވެ.

މިޒިޔާރަތުގައި އެތަނުގައި ބަންދުގައި ތިބި ކުދިންނާ ބައްދަލުކޮށް، އެކުދިންގެ ޙާލަތު ބަލައި އެކުދިންގެ ޝަކުވާތައް ދެނެގަނެވިފައިވެއެވެ. އަދި ބަންދުގައި ތިބޭ ކުދިންނަށް އެކަށީގެންވާ ތަޢުލީމާއި ތަމްރީނާ ކުޅިވަރާއި ކަސްރަތުގެ ޙަރަކާތްތައް ފޯރުކޮށްދިނުމާއި ގުޅޭގޮތުން ޖަލުގެ އޮފިސަރުންނާ ކޯޓުން މަޝްވަރާކޮށްފައިވެއެވެ. ބައިނަލްއަޤްވާމީ މުއާޙަދާތަކާއި މިންގަނޑުތަކުގައި ބަޔާންކޮށްފައިވާ ފަދައިން ކުށްކުރާ ކުދިން ބަންދުގައި ތިބޭ މުއްދަތުގައި އެކުދިން އިޞްލާޙުކޮށް އަނބުރާ މުޖުތަމަޢަށް ގެނައުމަށްޓަކައި ދައުލަތުގެ ފަރާތުން އެކުދިންނަށް ފޯރުކޮށްދޭންޖެހޭ ތަޢުލީމާއި ވޮކޭޝަނަލް ޙަރަކާތްތަކާއި، ކައުންސެލިންގެ ޚިދުމަތްތައް އެދެވޭގޮތެއްގައި ބަންދުގައި ތިބޭ މުއްދަތުގައި ކުދިންނަށް ފޯރުކޮށްދެވެމުން ނުދާތީ، އެކަންކަން ޙައްލުކުރުމަށްޓަކައިވެސް ޖަލުގެ އޮފިސަރުންނާ މިޒިޔާރަތުގައި ކޯޓުގެ ފަރާތުން މަޝްވަރާކޮށްފައިވެއެވެ. އަދި މިކަމަކީ ކުޑަކުދިންނަށް ޚާއްޞަކޮށްގެން އިމާރާތްކުރެވޭ އައު ޖަލު ވުޖޫދަށް އައުމާއެކީ ހައްލުކުރެވިގެންދާނެ ކަމެއްކަމަށް ޖަލު އޮފިސަރުންގެ ފަރާތުން މަޢުލޫމާތު ދެއްވާފައިވެއެވެ.

މިޒިޔާރަތަށްފަހު ޖުވެނައިލް ކޯޓަށް ފާހަގަކުރެވުނު ކަންތައްތަކާއި އިޞްލާޙުކުރުމަށް ހުށަހެޅުނު ކަންތައްތަކާގުޅޭ ރިޕޯޓެއް ވަނީ ކަމާގުޅުންހުރި މުއައްސަސާތަކާ ޙިއްޞާކުރެވިފައެވެ.