ޚަބަރު | ޖުވެނައިލް ކޯޓުން ދޫނިދޫ ކަސްޓޯޑިއަލްއަށް ޒިޔާރަތްކޮށްފި

ޕަބްލިޝްކުރި ތާރީޚް: 2019.01.24ތަޙުޤީޤު ބަންދުގައި ތިބޭ އުމުރުން 18 އަހަރުން ދަށުގެ ކުށްކުރާ ކުދިންނާއި އެކުދިން ބަންދުކޮށްފައި ތިބޭ ތަންތަނުގެ ޙާލަތު ދެނެގަތުމަށްޓަކައި 20 ޖަނަވަރީ 2019 ގައި ޖުވެނައިލް ކޯޓުން ދޫނިދޫ ކަސްޓޯޑިއަލްއަށް ޒިޔާރަތްކޮށްފިއެވެ. މިޒިޔާރަތުގައި ކޯޓުގެ ފަރާތުން ބައިވެރިވީ ކޯޓުގެ އިސްޤާޟީ އަލްއުސްތާޛް ސަޢީދު އިބްރާހީމް އާއި ޤާޟީ އަލްއުސްތާޛް އަޙްމަދު ޝަރީފް އާއި ރަޖިސްޓްރާރ ޒަޢީމާ ނަޝީދު އަބޫބަކުރު އާއި ކޯޓުގެ ލީގަލް އަދި އިދާރީ ބައެއް މުވައްޒަފުންނެވެ. މިޒިޔާރަތަކީ ''ކުޑަކުދިންގެ ޢަދުލުގެ ޤަވާޢިދު'' ގައިވާ ގޮތުގެމަތީން، 18 އަހަރުން ދަށުގެ ކުށްކުރާ ކުދިން ބަންދުގައި ބޭތިއްބޭނެ އިންތިޒާމްތައް ހަމަޖެހިފައިވޭތޯ ބެލުމަށާއި، ބަންދުގައި ތިބޭ މުއްދަތުގައި އެކުދިންނަށް ތަޢުލީމާއި ވޮކޭޝަނަލް ތަމްރީނާއި ޙަރަކާތްތައް ރޭވިފައިވާ ގޮތްތައް ދެނެގަތުމަށްޓަކައި ކުރެވުނު ޒިޔާރަތެކެވެ. މިޒިޔާރަތަށްފަހު ފާހަގަކުރެވުނު ކަންތައްތަކާއި އިޞްލާޙުކުރުމަށް ހުށަހެޅުނު ކަންތައްތަކާގުޅޭ ރިޕޯޓެއް ވަނީ ކަމާގުޅުންހުރި މުއައްސަސާތަކާ ޙިއްޞާކުރެވިފައެވެ.