ޚަބަރު | 2012 ވަނަ އަހަރު ޖުވެނައިލް ކޯޓަށް ހުށަހެޅުނު މައްސަލަތަކުގެ ތަފްޞީލް

ޕަބްލިޝްކުރި ތާރީޚް: 2013.01.06މަސްތުވާތަކެތީގެ މައްސަލަތަކުގައި ކުޑަކުދިންގެ މައްޗަށް ދަޢުވާ ކޮށްފައިވާ މިންވަރު 2012 ވަނަ އަހަރު ވަރަށް ބޮޑުތަން މަދުވެ، އެ އަހަރު ކޯޓަށް ހުށަހެޅުނު މަސްތުވާތަކެތީގެ މައްސަލަތަކުގެ ޖުމްލަ ޢަދަދަކީ 25 އެވެ. މިގޮތުން 2011 ވަނަ އަހަރު، މަސްތުވާތަކެތި ބޭނުންކުރުމުގެ 51 މައްސަލައެއް ޖުވެނައިލް ކޯޓަށް ހުށަހެޅިފައިވާއިރު، 2012 ވަނަ އަހަރު މަސްތުވާތަކެތި ބޭނުންކުރުމުގެ 6 މައްސަލަ ހުށަހެޅިފައިވެއެވެ. އަދި ހަމަ އެހެންމެ، 2012 ވަނަ އަހަރު މަސްތުވާތަކެތީގެ ވިޔަފާރީގެ މައްސަލަތަކުގައި ކުޑަކުދިންގެ މައްޗަށް ދަޢުވާ ކުރެވުނު މިންވަރު މަދުވެގެން ގޮސްފައިވާކަންވެސް ފާހަގަކުރެވިފައިވެއެވެ. މިގޮތުން، 2011 ވަނަ އަހަރު މަސްތުވާތަކެތި ވިޔަފާރީގެ ބޭނުމަށް އަތުގައި ބެހެއްޓުމުގެ ޖުމްލަ 16 މައްސަލައެއް ހުށަހެޅިފައިވާއިރު، 2012 ވަނަ އަހަރު ނިމުނުއިރު މަސްތުވާތަކެތި ވިޔަފާރީގެ ބޭނުމަށް އަތުގައި ބެހެއްޓުމުގެ ޖުމްލަ 5 މައްސަލަ ޖުވެނައިލް ކޯޓަށް ހުށަހެޅި، 12 މައްސަލަ ނިމިފައިވާއިރު، އޭގެތެރެއިން 04 ކުއްޖެއްގެ މައްޗަށް ކުށް ސާބިތުވެފައިވެއެވެ. މަސްތުވާތަކެތި ދިވެހިރާއްޖެއަށް އެތެރެކުރުމުގެ 2 މައްސަލައެއް ނިމި 2 ކުއްޖެއްގެ މައްޗަށް ކުށްސާބިތުވެފައިވެއެވެ. ހަމައެހެންމެ، މަސްތުވާތަކެތީގެ ކުށުގެ ތުހުމަތުގައި ތަޙުޤީޤަށް ބަންދުކުރެވުނު 61 ކުއްޖެއްގެ ބަންދާމެދު ގޮތެއް ނިންމުމުގެ މައްސަލަވެސް 2012 ވަނަ އަހަރު ހުށަހެޅިފައިވާކަން ފާހަގަކުރެވެއެވެ.

 

ޤަސްދުގައި މީހަކު މަރާލުން އަދި ޤަސްދުގައި މީހަކު މަރާލުމުގައި ބައިވެރިވުމުގެ މައްސަލަތަކުގައި ކުޑަކުދިންގެ މައްޗަށް ދައުވާކޮށްފައިވާ ޢަދަދަކީ 4 އެވެ. ޤަސްދުގައި މީހަކު މަރާލުން އަދި ޤަސްދުގައި މީހަކު މަރާލުމުގައި ބައިވެރިވުމުގެ 5 މައްސަލައެއް ނިމިފައިވާއިރު 3 ކުއްޖެއްގެ މައްޗަށް ކުށްސާބިތުވެފައިވެއެވެ. ހަމައެހެންމެ ޤަސްދުގައި މީހަކު މަރާލުން އަދި ޤަސްދުގައި މީހަކު މަރާލުމުގައި ބައިވެރިވުމުގެ ކުށުގެ ތުހުމަތުގައި 10 ކުއްޖެއްގެ ބަންދާމެދު ގޮތެއް ނިންމާދެވިފައިވެއެވެ.

 

2012 ވަނަ އަހަރު ޖުވެނައިލް ކޯޓަށް ކުށެއްގެ ތުހުމަތުގައި ތަޙްޤީޤް ބަންދުގެ މުއްދަތު އިތުރުކުރުމަށް 668 މައްސަލަ ހުށަހެޅި ނިމިފައިވެއެވެ.

 

މީގެ އިތުރުން 2011 ވަނަ އަހަރާ އަޅާބަލާއިރު، ވައްކަންކުރުމުގެ މައްސަލަތަކާއި، ކުޑަކުއްޖަކާމެދު ބަދުއަޚްލާޤީ ޢަމަލެއް ހިންގުމުގެ މައްސަލަތަކާއި ކުޑަކުއްޖަކާމެދު ޖިންސީ ޢަމަލެއް ހިންގުމުގެ މައްސަލަތައް 2012 ވަނަ އަހަރު ކޯޓަށް ހުށަހެޅިފައިވާ ޢަދަދު އިތުރުވެފައިވެއެވެ.