ޚަބަރު | ޖުވެނައިލް ކޯޓާއި ޔުނިސެފް ގުޅިގެން މެޖިސްޓްރޭޓް ކޯޓުތަކުގެ މެޖިސްޓްރޭޓުންނަށް އަމާޒުކޮށްގެން ކުޑަކުދީންގެ ޢަދުލުގެ ނިޒާމަށް އަހުލުވެރިކުރުމުގެ ސެމިނަރއެއް ބާއްވައިފި

ޕަބްލިޝްކުރި ތާރީޚް: 2013.12.09ޔުނިސެފްއާއި ޖުވެނައިލް ކޯޓުގުޅިގެން މެޖިސްޓްރޭޓް ކޯޓުތަކުގެ މެޖިސްޓްރެޓުންނަށް އަމާޒުކޮށްގެން ކުޑަކުދީންގެ ޢަދުލުގެ ނިޒާމަށް އަހުލުވެރިކުރުމުގެ އެއްދުވަހުގެސެމިނަރއެއް 07 ޑިސެމްބަރ2013 ވަނަ ދުވަހު ކުރިއަށްގެންގޮސްފިއެވެ. މި ސެމިނާރ ގެ މަޤުޞަދަކީ ކުޑަކުދީންގެ އަދުލުގެ ނިޒާމަށާއި''ކުޑަކުދީންގެ މައްސަލަތައް ބަލާ ތަޙުޤީޤުކޮށް އިންސާފުކޮށް އަދަބު ދިނުމުގައި ޢަމަލުކުރަމުންގެންދާ ޤަވާޢިދަ''ށް މެޖިސްޓްރޭޓުން އަޙްލުވެރިކުރުވުމާއި ކުށްކުރާ ކުދީން އަނބުރާ މުޖުތަމަޢުއަށް ގެނައުމަށް ޖުވެނައިލް ކޯޓުން ޢަމަލުކުރައްވަމުންގެންދަވާ އުޞޫލުތަކާއި މެދު މަޢުލޫމާތު ޙިއްސާކުރުމެވެ. މި ސެމިނަރ ގައި ކުށްކުރާ ކުޑަކުދީންގެ މައްސަލަތައް ތަޙުޤީޤުކޮށް ބެލުމުގައި މޯލްޑިވްސް ޕޮލިސް ސަރވިސް އިން ޢަމަލު ކުރައްވަމުންދާ ގޮތްތަކާއި ގުޅޭގޮތުން މަޢުލޫމާތު ޙިއްސާ ކުރައްވާފައިވެއެވެ. އަދި ޖުވެނައިލް ޖަސްޓިސް ޔުނިޓުން ކުޑަކުދީންގެ މައްސަލަތައް އެ ޔުނިޓަށް ހުށަހެޅުމުން ޢަމަލު ކުރައްވަމުންގެންދަވާ ގޮތްތަކާއި ޝަރުޢީ މަރުޙަލާގައި އެ ފަރާތުގެ ދައުރާއި ކުށްކުރާ ކުދީން އަނބުރާ މުޖުތަމަޢަށް ގެނައުމުގައި އެ ޔުނިޓުގެ ފަރާތުން އަދާކުރައްވަމުން ގެންދަވާ ދަޢުރާއި ގުޅޭގޮތުން މަޢުލޫމާތު ޙިއްސާ ކުރައްވާފައިވެއެވެ. އަދި މީގެ އިތުރުން ކުޑަކުދީންގެ މައްސަލަތައް ބެލުމުގައި ޖުވެނައިލް ކޯޓުން ޢަމަލުކުރަމުންގެންދާ ގޮތުގެ މަޢުލޫމާތުވެސް ބައިވެރީންނާއި ޙިއްސާ ކުރެވިފައިވެއެވެ.

 

މި ސެމިނަރގައި 20 ރަށެއްގެ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓުން ބައިވެރިކުރެވުނެ. އަދި މި ސެމިނަރ ފުރިހަމަކޮށް 13 މެޖިސްޓްރޭޓުން ވަނީ ސެޓްފިކެޓް ޙާޞިލްކުރައްވާފައެވެ.