ޚަބަރު | ޖުވެނައިލް ކޯޓުގެ ފަރާތުން މާފުށްޓާއި ހިންމަފުށްޓާއި އަދި ދޫނިދޫގައި ކުޑަކުދިން ބައިތިއްބާފައި ތިބޭ ޖަލުތަކަށް ޒިޔާރަތެއްކޮށްފި

ޕަބްލިޝްކުރި ތާރީޚް: 2012.09.18ޖުވެނައިލް ކޯޓުގެ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން، ޖުވެނައިލް ކޯޓުން ޙުކުމްކޮށް ޙުކުމް ތަންފީޒް ކުރަމުން ގެންދާ ކުދިން ބައިތިއްބާފައި ތިބޭ މާފުށްޓާއިހިންމަފުށްޓާއި އަދި ދޫނިދޫގައި ތިބޭ ޖަލުތަކަށް13ސެޕްޓެމްބަރ2012 ވަނަ ދުވަހު، ޒިޔާރަތެއްކޮށްފިއެވެ.މިޒިޔާރަތަކީ ޖުވެނައިލް ކޯޓުގެ އަހަރީދުވަސް ފާހަގަކުރުމަށް ހިންގާ ޙަރަކާތްތަކުގެ ތެރެއިން ހިމެނޭ އެއް ޙަރަކާތެވެ. އަދި މިއީ މިގޮތުން ހިންގުނު ތިންވަނަ ޙަރަކާތްވެސްމެއެވެ.

 

ކުޑަކުދިން ބައިތިއްބާފައިތިބި ޖަލުތަކަށް ކުރި މިޒިޔާރަތުގައި ޖުވެނައިލް ކޯޓުގެ 08މުވައްޒަފަކު ބައިވެރިވިއެވެ. އޭގެތެރޭގައި ކޯޓު ހިންގެވުމާއި ޙަވާލުވެ ހުންނެވި ޤާޟީ މުޙައްމަދުނަޢީމާއި އަހަރީ ދުވަހުގެ ޕްރޮގްރާމްތަކުގެ ވިލަރެސްވެރިޔާ ޤާޟީ އަޙްމަދު ޝަކީލާއި ކޯޓު އެޑްމިނިސްޓްރޭޓަރ އާދަމް ޙަސަން ޙުސައިން ހިމެނި ވަޑައިގެންނެވިއެވެ.

 

މިޒިޔާރަތުގައި ކޯޓުގެ ފަރާތުން ޖަލުތަކުގައި ތިބި ކުދިންގެ ޢަދަދު ބަލާފައިވެއެވެ. އެގޮތުން، މާފުށީ ޖަލުގައި 02 އަންހެން ކުދިން ތިބިއިރު ހިންމަފުށީ އައްސޭރި ޖަލުގައި ތިބީ 03 ފިރިހެން ކުދިންނެވެ. އަދި ތަޙުޤީގަށް ބަންދުކުރާ ކުދިންބައިތިއްބާފައިތިބޭ ދޫނިދޫ ޖަލުގައި، އެކި މައްސަލަތަކާއި ގުޅިގެން 12 ކުދިން ތިބިކަން ފާހަގަ ކުރެވުނެވެ.އަދި މިޒިޔާރަތުގައި މާފުށްޓާއި ހިންމަފުށީ ޖަލުގައި ޙުކުމް ތަންފީޛު ކުރެވެމުންދާ ކުދިންނާ ޓީމްގެ ހުރިހާ ބޭފުޅުން ބައްދަލުކޮށް، ކޯޓު ހިންގުމާ ޙަވާލުވެ ހުންނެވި ޤާޟީ މުޙައްމަދު ނަޢީމް އެކުދިންގެ ޙާލުއަހުވާލު އޮޅުން ފިލުއްވައި، ނަސޭޙަތް ދެއްވިއެވެ.އަދި ތަނުގައި އިސްކޮށް ތިއްބެވި މުވައްޒަފުންނާއި ބައްދަލުކޮށް، ކުދިންނާއިބެހޭ ގޮތުންނާއި، ތަނުގައި ހުރި ވަޞީލަތްތަކާއި، ފޯރުކޮށްދޭ ޚިދުމަތްތަކާއި ބެހޭގޮތުން މަޢުލޫމާތު ހޯދުނެވެ. މިގޮތުން ހޯދުނު މަޢުލޫމާތުގެ ތެރޭގައި މާފުށްޓާއި ހިންމަފުށީގައި ކުދިން ބައިތިއްބާފައި ތިބޭ ތަންތަނާ މެދު މާބޮޑު ޝަކުވާއެއް ނެތްނަމަވެސް، ކުދިންނަށް އެއްވެސް ކަހަލަ ޕްރޮގްރާމެއް ނުހިންގާކަން ފާހަގަ ކުރެވުނެވެ. އަދި ދޫނިދޫގައި ކުޑަކުދިން ބެއިތިއްބުމަށް ޚާއްސަކުރެވިގެން ހެދިފައިވާ އިމާރާތެއް ނެތުމުން، އެކުދިންނަށް ޚާއްޞަ ޕްރޮގްރާތަކެއް އެކުލަވާލެވިފައި ނެތުމުން، ދަތިތައް ކުރިމަތިވާ ކަމަށް އެތަނުގެ އިސް އޮފިޝަލް މަޢުލޫމާތުދެއްވިއެވެ.

 

މީގެ އިތުރަށްވެސް ކޯޓުގެ އަހަރީދުވަހުގެ މުނާސަބަތާއި ގުޅިގެން 01 މަސްދުވަހަށް ހިންގާ ޙަރަކާތްތަކެއްގެ ގޮތުގައި ގިނަ ޙަރަކާތްތަކެއް ހިންގުމަށް ވަނީ ހަމަޖެހިފައެވެ. އޭގެތެރޭގައި ލީފްލެޓް ލިޔުމާއި، އަހަރީ ދުވަހުގެ ޖަލްސާ ބޭއްވުން ހިމެނެއެވެ.