ޚަބަރު | ތަޙްޤީޤު ބަންދާގުޅޭ ގޮތުން ޕޮލިހާއި ޖޭޖޭޔޫއާއެކު މަޝްވަރާ ބައްދަލުވުމެއް ބާއްވައިފި

ޕަބްލިޝްކުރި ތާރީޚް: 2014.03.11ތަޙުޤީޤު ބަންދަށް ބަންދުކުރެވޭ ކުދިންގެ ތެރެއިން ބައެއްކުދިން ކޯޓުއަމުރުގައިވާ މުއްދަތު ހަމަވުމުގެ ކުރިން ކޯޓަށް ޙާޟިރުކުރުމަކާނުލައި ދޫކޮށްލާތީއާއި، އަމުރުގައިވާ މުއްދަތު ހަމަވުމުން ކޯޓަށް ގެނައުމަކާނުލައި، ދޫކޮށްލަމުންގެންދާކަން ފާހަގަކުރެވޭތީއާއި، މިފަދައިން ދޫކޮށްލާ ކުދިން ކުށް ތަކުރާރުކޮށްގެން ދެވަނަ ފަހަރަށް ކޯޓަށް ޙާޟިރުކުރަމުންދާކަން ފާހަގަކުރެވޭތީ، މި ކަމާގުޅިގެން ނިކުންނަ މައްސަލަތައް ޙައްލުކުރާނެގޮތަކާމެދު މަޝްވަރާކުރުމަށްޓަކައި ޖުވެނައިލް ކޯޓުގައި ބައްދަލުވުމެއް ބާއްވައިފިއެވެ.

 

މިބައްދަލުވުމުގައި ބައިވެރިވެފައިވާ ފަރާތްތަކަކީ މޯލްޑިވްސް ޕޮލިސް ސަރވިސްގެ އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް ޙަސަން ހަބީބްއާއި ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް ޙަސަން ޝިފާޢު އާއި ޖުވެނައިލް ޖަސްޓިސް ޔުނިޓްގެ ފަރާތުން އެސިސްޓެންޓް ޑިރެކްޓަރ ފާޠިމަތު ރޫނާއެވެ. މީގެ އިތުރުން ކޯޓުގެ ހުރިހާ ވެރިންވެސް ބައިވެރިވެފައިވެއެވެ.

 

މި ބައްދަލުވުމުގައި ވާހަކަދެކެވިފައިވާ ކަންތައްތަކުގެ ތެރޭގައި ކުދީން ބަންދުކޮށްފައި ހުންނަ އިރު ކޯޓަށް އެނގުމަކާނުލާ ދޫކޮށްލަމުން ގެންދިއުމުން ދެވަނަ ފަހަރަށް ކުށްކުށުގައި ހައްޔަރުކޮށްގެން ކޯޓަށް ގެނެވޭކަމާއި، އަދި ބައެއްކުދިން ނިޒާމުން ގެއްލި ހޯދާ ނުފެނިގެން އުޅޭކަމަށް ފާހަގަކުރެވިފައެވެއެވެ. އަދި ޤާޟީ މުޙައްމަދު ނަޢީމް ފާހަގަކުރައްވާފައިވާ ގޮތުގައި އެފަދަކުދީން މުޖުތަމަޢަށް ދޫކޮށްލެވޭ ކޮންމެ ފަހަރަކު މުޖުތަމަޢު ހަލަބޮލިވެ، ބޮޑެތި ކުށްތަކުގައި މިފަދަކުދީން ބައިވެރިވެ ކޯޓަށް ޙާޟިރު ކުރެވެމުންދާކަމީ ޙަޤީޤަތެއްކަމަށްވެސް ވިދާޅުވެފައިވެއެވެ. އަދި ކުދީން ބަންދުގައި ބަހައްޓަނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާގައިވާ ސަބަބުތަކަށްޓަކައިކަންވެސް ފާހަގަކުރެއްވިއެވެ. ކޯޓުން މުއްދަތު ޖެހުމަށްފަހު އިތުރަށް ކުއްޖާއާއިމެދު ގޮތެއް ނިންމުމުގެ ކުރީން ކުއްޖާގެ ވަށައިގެންވާ ކަންތައްތަކާއި ކުށުގެ ރެކޯޑްތަކާއި ގުޅޭ މަޢުލޫމާތު އެއްކުރުމަށްޓަކައި ކުއްޖާގެ އެސެސްމެންޓު ހެދުމަށް ޖުވެނައިލް ޖަސްޓިސް ޔުނިޓް އަށް ޙަވާލުކުރެވޭ ކަމަށާއި ނަމަވެސް އެސެސްމެންޓް ރިޕޯޓު ހެދުމަށް ކުއްޖާ ޙާޟިރުކުރުމަށް ޖުވެނައިލް ޖަސްޓިސް ޔުނިޓުން ޕޮލިހަށް ފޮނުވުމުން ބައެއްކުދިން ދޫކޮށްލާފައިވާކަމަށް މަޢުލޫމާތު ދެމުންގެންތީ، ބަންދުގައިތިބޭ ކުދިން ކޯޓަށް ޙާޟިރުކުރުމަށްފަހު ދޫކޮށްލެވޭލަމުގައިވަނީނަމަ، އެފަދަ މައްސަލަތައް ޙައްލުވެގެންދާނެ ކަމުގައި ރަޖިސްޓްރާރ ޒަޢީމާ ނަޝީދު އަބޫބަކުރު ފާހަގަކުރައްވާފައިވެއެވެ.

 

މިކަމާގުޅިގެން ބައްދަލުވުމުގައި ބައިވެރިވި ފަރާތްތަކުން މަޝްވަރާކުރެވި އެއްބަސްވެވުނީ ޔައުމިއްޔާ ފާސްވުމުން، ތަޙްޤީޤު ބަންދާގުޅިގެން ނެރޭ އަމުރުގައި، ބަންދުކުރެވޭ ކުދިން ދޫކޮށްލާކަމުގައިވީނަމަވެސް، ކޯޓަށް ޙާޟިރުކުރުމަށް ބަޔާންކޮށް ބައެއް ހިމެނުމަށެވެ.