ޚަބަރު | ޔުނިސެފްގެ އެހީގައި، ލ.ޖުޑީޝަލް ދާއިރާގެ މެޖިސްޓްރޭޓުންނަށް އަމާޒުކޮށްގެން ކުޑަކުދިންގެ ޢަދުލުގެ ނިޒާމަށް އަހުލުވެރިކުރުމވުމުގެ ޕްރޮގްރާމެއް ހިންގައިފި.

ޕަބްލިޝްކުރި ތާރީޚް: 2014.03.27ޔުނިސެފްއާއި ޖުވެނައިލް ކޯޓުގުޅިގެން ލ.ޖުޑީޝަލް ދާއިރާގެ މެޖިސްޓްރޭޓް ކޯޓުތަކުގެ މެޖިސްޓްރޭޓުން ކުޑަކުދީންގެ ޢަދުލުގެ ނިޒާމަށް އަހުލުވެރިކުރުމުގެ ތިން ދުވަހުގެ އެޓޭޗްމަންޓް ޕްރޮގްރާމެއް 18 މާރިޗު 2014 އިން 20 މާރިޗު 2014 އަށް ލ.ފޮނަދޫގައި ކުރިއަށްގެންގޮސްފިއެވެ. މި ޕްރޮގްރާމްގެ މަޤުޞަދަކީ ޖުވެނައިލް ކޯޓަކީ ކުޑަކުދިންގެ ޖިނާއީ މައްސަލަތައް ބެލުމަށް ޚާއްޞަ ކުރެވިފައިވާ ކޯޓަކަށްވާތީ، އެކޯޓުގައި ކުރެވެމުންދާ މަސައްކަތްތަކާ ބެހޭ މަޢުލޫތު ދީ ކުޑަކުދިންގެ ޢަދުލުގެ ނިޒާމަށް އަހުލުވެރުކުރުވުމާއެކު ކުށްކުރާ ކުޑަކުދީން އަނބުރާ މުޖުތަމަޢުއަށް ގެނައުމަށްޓަކައި ކަމާގުޅޭ މުއައްސަސާތައް ގުޅިގެން އެއް ރޫޙެއްގައި މަސައްކަތް ކުރުމަށް ބާރުއެޅުމެވެ. މިޕްރޮގްރާމްގައި ކުރިޔަށް ގެންދެވުނު ބައިތަކުގެ ތެރޭގައި، ކޯޓަށް މައްސަލަތައް ބަލައިގަތުމުގައި ގެންގުޅޭ އުޞޫލުތަކާއި ޝަރީޢަތަށް މައްސަލަ ފޮނުވުމާ ހަމައިން ފެށިގެން މައްސަލައިގެ ޙުކުމްކޮށް، މައްސަލަ ނިމުނު ގޮތުގެ ރިޕޯޓު ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވުމާ ހަމަޔަށް ޢަމަލުކުރެވެމުންދާ އުޞޫލުތަކާއި އިޖްރާއާތުތަކާބެހޭ މަޢުލޫމާތުދިނުމާއި، ކުޑަކުދީންގެ މައްސަލަތައް ބެލުމުގައާއި ޝަރީޢަތްތައް ކުރިޔަށް ގެންދިއުމުގައި ދިމާވެފައިވާ ގޮންޖެހުންތަކާއި ދަތިތައް ފާހަގަކޮށް އެކަންކަން ޙައްލުކުރާނެގޮތުގެ މަޢުލޫމާތާއި، ކުޑަކުދީންގެ ބަންދުގެ މުއްދަތު އިތުރުކުރުމުގައި ފަނޑިޔާރުން ރިޢާޔަތްކޮށް ބަލަންޖެހޭ ކަންކަމުގެ މަޢުލޫމާތާއި، ކުށްކުރާ ކުދީން އިޞްލާޙުކޮށް އަނބުރާ މުޖުތަމަޢަށް ގެނައުމަށްޓަކައި ޖުވެނައިލް ކޯޓުން ހިންގާ އިސްލާޙީ ޕްރޮގްރާމްތައް ކުރިޔަށް ގެންދާގޮތުގެ އިޖްރާއާތުތަކާއި، މި މަސައްކަތް ކުރުމުގައި ކަމާގުޅޭ އެންމެހައި މުއައްސަސާތަކާއެކު ގުޅިގެން ކުރެވެމުންދާ މަސައްކަތްތަކާ ގުޅޭ މަޢުލޫމާތު ޙިއްޞާކުރެވިފައިވެއެވެ. މި ޕްރޮގްރާމްގައި ފެސިލިޓޭޓަރުންގެ ގޮތުގައި ބައިވެރިވީ، ޖުވެނައިލް ކޯޓު ހިންގުމާ ޙަވާލުވެހުރި ޤާޟީ މުޙައްމަދު ނަޢީމްއާއި، އެސިސްޓެންޓް ލީގަލް އޮފިސަރ ފާޠިމަތު ސާޖިދާއާއި، ޕްރޮބޭޝަން އޮފިސަރ ފާޠިމަތު ފަޟީލާއެވެ. މި ޕްރޮގްރާމަކީ، ފައިދާހުރި ބޭނުންތެރި ޕްރޮގްރާމެއްކަމަށް ބައިވެރިން ފާހަގަކޮށްފައިވާކަމާއި އަދި މިފަދަ އިތުރު ޕްރޮގްރާމްތައް ކަމާގުޅޭ އެހެން މުއައްސަސާތައް ބައިވެރިކޮށްގެން ކުރިޔަށް ގެންގޮސްދިނުމަށް ބައިވެރިން އެދިފައިވާކަން ފާހަގަކުރެވިފައިވެއެވެ.

 

މި ޕްރޮގްރާމްގައި ލ.ޖުޑީޝަލް ދާއިރާގައި މަސައްކަތްކުރާ 07 މެޖިސްޓްރޭޓަކު ބައިވެރިވެ ސެޓްފިކެޓް ޙާޞިލުކޮށްފައިވެއެވެ.

 

ޖުވެނައިލް ކޯޓުން ދެކޭގޮތުގައި މި ޕްރޮގްރާމަކީ، ވަރަށް ބޭނުންތެރި އަދި އެހާމެ ފައިދާހުރި ޕްރޮގްރާމެކެވެ. އެހެންކަމުން ކުރިމަގުގައިވެސް މިފަދަ އެހެން ޕްރޮގްރާމްތައް ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ހިންގުމަށް އެ ކޯޓުން ދަނީ މަސައްކަތްކުރަމުންނެވެ.