ޚަބަރު | ޖުވެނައިލް ކޯޓަށް ޙާޟިރުވުމަށް އެޗް.އާރު.ސީ.އެމްގެ މެންބަރުންގެ މައްޗަށް އަނެއްކާވެސް ކޯޓު އަމުރުނެރެފި

ޕަބްލިޝްކުރި ތާރީޚް: 2014.04.10ކޯޓުން ސާފުކުރަން ބޭނުންވި މަޢުލޫމާތުތައް ސާފުކޮށްދިނުމަށްޓަކައި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްއިން ކަނޑައަޅާ މެންބަރަކު 06 އެޕްރީލު 2014 ވަނަ ދުވަހު މަޤުބޫލު ޢުޒުރެއްނެތި ކޯޓަށް ޙާޟިރުވެފައިނުވާތީ އެކޮމިޝަނުގެ މެންބަރުންނަށް ވަކިވަކިން ކޯޓަށް ޙާޟިރުވުމުގެ އަމުރު ނެރެފިއެވެ.

 

05 ޑިސެމްބަރ 2013 ވަނަ ދުވަހު ހިއުމަންރައިޓްސް ކޮމިޝަނުން ޖުވެނައިލް ކޯޓަށް ފޮނުވާފައިވާ ''ށ.ފޭދޫ 15 އަހަރުގެ ކުއްޖަކަށް ލިބިފައިވާ ޖިންސީ އަނިޔާގެ މައްސަލައާ ގުޅިގެން ދައުލަތުގެ މުއައްސަސާތަކުން މަސައްކަތް ކޮށްފައިވާ ގޮތުގެ މައްޗަށްބަލައި ހިއުމަން ރައިޓްސް ކޮމިޝަނުން އެކުލަވާލާފައިވާ ރިޕޯޓު'' ގައި، އެމައްސަލައާ ގުޅިގެން ކޯޓުން ޢަމަލުކުރިގޮތާއި ޚިލާފަށް ކަންތައްތަކެއް ހިމަނާފައިވުމާއި، އެކަމުގެ ސަބަބުން ކޯޓާމެދު ނުރަނގަޅު ތަޞައްވުރެއްދެވޭފަދަ ގޮތަކަށް ބައެއް ބައިތައް ހިމަނާފައިވުމުގެ އިތުރުން، ޖުވެނައިލް ކޯޓުގެ މަސައްކަތަށް ނުފޫޒު ފޯރުވުމުގެ މާނަ ދޭހަވާގޮތަށް ބައެއް ޕޮއިންޓްތައް ހިމަނާފައިވާތީ، 02 އޭޕްރީލް 2014 ވަނަ ދުވަހު ބޭއްވުނު ބައްދަލުވުމުގައި ހިއުމަން ރައިޓްސް ކޮމިޝަނުގެ ރިޕޯޓާ ގުޅިގެން ކޯޓުން ސާފުކުރަން ބޭނުންވާ ކަންކަން ލިޔުމުން ހުށަހެޅުމަށްޓަކައި، ހިއުމަން ރައިޓްސްކޮމިޝަނަށް ދިން ފުރުޞަތުގައި، އެކޮމިޝަނުން ލިޔުމުން ހުށަހެޅި ޖަވާބުތަކާއި ގުޅިގެން، ކޯޓުން އިތުރަށް ސާފުކުރަން ބޭނުންވި މަޢުލޫމާތުތައް ސާފުކޮށްދިނުމަށްޓަކައި ކޮމިޝަނުން ކަނޑައަޅާ މެންބަރަކު ހާޟިރުވުމަށް އަންގާ ކޯޓުން ފުނުވި ސިޓީއާ ގުޅިގެން، އެރިޕޯޓަކީ ކޮމިޝަނުގެ ކޮމިޓީއެއްގައި ނޫނީ ތިބެގެން މަޝްވަރާނުކުރެވޭނެ ރިޕޯޓެއްކަމަށްބުނެ، ކޯޓުން އެކޮމިޝަނަށް ޙާޟިރުވުމަށް އެދި ސިޓީއެއް ފޮނުވާފައިވެއެވެ. ނަމަވެސް ކޯޓުން ޤަބޫލުކުރާ ގޮތުގައި މިކަމަކީ ކޯޓުން ހިއުމަން ރައިޓްސް ކޮމިޝަނަށް ޙާޟިރުވާންޖެހޭ ކަމެއްނޫނެވެ. އެހެންކަމުން ހިއުމަން ރައިޓްސް ކޮމިޝަނަށް ޙާޟިރުވާން ކޯޓުގެ އޮފިޝަލުންނަށް އެންގުމަކީ ބަލައިގަނެވޭނެ ކަމެއްނޫނެވެ.

 

އެހެންކަމުން، ކޯޓުން ފޮނުވި ސިޓީއާ އެއްގޮތްވާ ގޮތުގެމަތީން މަޤުބޫލު ޢުޒުރެއްނެތި ހިއުމަން ރައިޓްސް ކޮމިޝަނުން ކޯޓަށް ޙާޟިރުވެފައިނުވާތީ، 14 އެޕްރީލް 2014 ވަނަ ދުވަހުގެ 13:30 އަށް އެކޮމިޝަނުގެ މެންބަރުން ކޯޓަށް ޙާޟިރުވުމަށް ކޮންމެ މެންބަރަކަށް ވަކިވަކިން ކޯޓުންވަނީ އަމުރު ނެރެފައެވެ.