ޚަބަރު | 14 އެޕްރީލު 2014 ގައި ޖުވެނައިލް ކޯޓުގައި ބޭއްވި ބައްދަލުވުމަށް އެޗް.އާރު.ސީ.އެމްގެ މެންބަރުން ޙާޟިރުވެއްޖެ

ޕަބްލިޝްކުރި ތާރީޚް: 2014.04.1614 އެޕްރީލު 2014 ގައި ޖުވެނައިލް ކޯޓުގައި އޮތް ބައްދަލުވުމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްގެ މެންބަރުންނާއި ވަކީލް ޙާޟިރުވަޑައިގެންފިއެވެ.

 

މި ބައްދަލުވުމަކީ 02 އެޕްރީލު 2014 ގައި ބޭއްވުނު ބައްދަލުވުމުގައި އެއްބަސްވެވުނު ގޮތުގެމަތީން ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްއަށް ލިޔުމުން ޖަވާބު ދިނުމަށް ދެވުނު ފުރުޞަތުގައި އެބޭފުޅުން ހުށަހެޅުއްވި ކަރުދާހުގައި ފާހަގަކުރެއްވި ނުކުތާތަކާ ގުޅޭގޮތުން އިތުރަށް ސާފުކުރަން ހުރި ކަންތައްތައް ސާފުކުރުމަށްޓަކައި ބޭއްވުނު ބައްދަލުވުމެކެވެ.

 

މިބައްދަލްވުމުގައި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްގެ ރިޕޯޓުން ކޯޓަށް ފާހަގަކުރެވުނު ކަންތައްތަކާ ގުޅޭގޮތުން ކޯޓުން ކުރަން ބޭނުންވި ހުރިހާ ސުވާލުތަކެއްގެ ކުރެވި އެސުވާލުތަކަށް ޖަވާބުދިނުމަށް އެބޭފުޅުންނަށް ފުރުޞަތު ދެވިފައިވެއެވެ. ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް އަށް ދެވުނު ފުރުޞަތުގައި އެބޭފުޅުން ވިދާޅުވެފައިވަނީ ބައްދަލުވުމުގައި ޖަވާބުދިނުމަށް އިޢުތިރާޒްކުރާކަމަށާއި އަދި އެސުވާލުތަކަށް ޖަވާބުދިނުމަށް އިތުރު ވަގުތު ބޭނުންވާކަމަށެވެ. މިގޮތުން ކޮންމެ ސުވާލެއް ކުރެވުމުންވެސް އިސްވެ ދެންނެވުނު ގޮތުގެމަތީން ޖަވާބުދީފައިވެއެވެ.

 

މިބައްދަލުވުމުގައި، މިކަމުގައި ކޯޓުން ޢަމަލުކުރެވިދާނެ ދެ ގޮތެއް ކޯޓުން ހުށަހެޅުއްވިއެވެ. އޭގެތެރެއިން އެއްގޮތަކީ، މިހާތަނަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްއިން ހުށަހަޅާފައިވާ ލިޔުންތަކާއި ދެއްވާފައިވާ ޖަވާބުތަކަށް ބަލައި ކޯޓުން ގޮތެއް ނިންމުމެވެ. ދެވަނަ ގޮތަކީ ކޯޓުން ތައްޔާރުކުރެވިފައިވާ ސުވާލުތަކަށް ޖަވާބު ދިނުމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްއަށް އިތުރު ފުރުޞަތެއް ދިނުމެވެ. މިގޮތަށް ހުށަހެޅުމުން ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްއިން އެދިވަޑައިގެންފައިވަނީ ސުވާލުތަކަށް ޖަވާބުދެއްވުމަށް އެ ކޮމިޝަނަށް އިތުރު ފުރުޞަތެއް ދިނުމަށެވެ. ނަމަވެސް ކޯޓުން މިކަމާއި ގުޅިގެން ޢަމަލުކުރާނެ ގޮތެއް ކަނޑައެޅުމަށްފަހު އެކަން އެކޮމިޝަނަށް އެންގުމަށް ކޯޓުން ނިންމާފައިވެއެވެ.