ޚަބަރު | ކުޑަކުދިން ބޭތިއްބުމަށް ބޭނުންވާ އިޞްލާޙި މަރުކަޒުތައް ވުޖޫދަށް ގެނައުމާ ގުޅޭ ގޮތުން ރައީސް އޮފީހުގައި ބޭއްވުނު ބައްދަލުވުމުގައި ޖުވެނައިލް ކޯޓުން ބައިވެރިވެއްޖެ

ޕަބްލިޝްކުރި ތާރީޚް: 2014.04.22ކުށްކުރާ ދެ ޖިންސުގެ ކުޑަކުދީން ބޭތިއްބުމަށް އިސްލާޙީ މަރުކަޒެއް ނުވަތަ ޖުވެނައިލް ޑިޓެންޝަން ސެންޓަރެއް، ނުވަތަ ރިހެބިލިޓޭޝަން ސެންޓަރެއް ޤާއިމްކޮށްފައިނުވާތީއާއި، ކުޑަކުދިންނަށް ޑްރަގް ޓްރީޓްމަންޓް އެންޑް ރީހެބިލިޓޭޝަން ސެންޓަރެއް ޤާއިމްކޮށްފައިނުވާތީއާއި، ޤާނޫނީ އިމުގެ ތެރެއިން ކުޑަކުދިންގެ ހެކިބަސްނެގޭނެ އިންތިޒާމް ހަމަޖެހިފައިނުވާތީއާއި، އަދި ކުޑަކުދީންގެ މައްސަލަތަކާއި ގުޅުންހުރި އެހެނިހެން ކަންކަމާއިމެދު މަޝްވަރާކުރުމަށްޓަކައި 21 އޭޕްރީލް 2014 ގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ބައްދަލުވުމުގައި ޖުވެނައިލް ކޯޓުގެ ފަރާތުން ބައިވެރިވެއްޖެއެވެ.

 

މި ބައްދަލުވުމަކީ ޖުވެނައިލް ކޯޓުން އިސްނަގައިގެން ކުރިއަށް ގެންދިޔަ ބައްދަލުވުމެކެވެ. މީގެކުރިންވެސް މިފަދަ ތަފާތު 03 ބައްދަލުވުމެއް، ސަރުކާރުގެ ކަމާގުޅުންހުރި 06 މުއައްސަސާއެއް ހިމެނޭގޮތުން ޖުވެނައިލް ކޯޓުގައިވަނީ ބޭއްވިފައެވެ. އެގޮތުން ފުރަތަމަ ބައްދަލުވުން 12 މެއި 2013 ގައި ބޭއްވިފައިވާއިރު، ދެވަނަ ބައްދަލުވުން 31 އޮކްޓޯބަރު 2013 ގައި އަދި ތިން ވަނަ ބައްދަލުވުން، 23 ޖަނަވަރީ 2014 ގައި ވަނީ ބޭއްވިފައެވެ.

 

މިހާތަނަށް ބޭއްވުނު ބައްދަލުވުންތަކުގައި ކުޑަކުދިންގެ މަޞްލަޙަތުގައި މަސައްކަތްކުރާ އަދި ކުޑަކުދިންނާއެކު މަސައްކަތްކުރާ އެކިއެކި މުއައްސަސާތަކުގެ ތެރެއިން، ޖުވެނައިލް ޖަސްޓިސް ޔުނިޓާއި، މިނިސްޓްރީ އޮފް ހެލްތު އެންޑް ޖެންޑަރއާއި، މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއާއި، ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްއާއި، މޯލްޑިވްސް ޕޮލިސް ސަރވިސްއާއި ނެޝަނަލް ޑްރަގް އެޖެންސީގެ ފަރާތުން ބައިވެރިވެފައެވެ. މިއިން ކޮންމެ މުއައްސަސާއަކީވެސް ކުޑަކުދިންނަށް ދިމާވާ އެކިކަންކަމުގައި މަސައްކަތްކުރަމުންދާއިރު ކޮންމެވެސް ސިފައެއްގައި ދަތިތަކެއް ހުރުމުގެ ސަބަބުން އެންމެ އެދެވޭ ގޮތެއްގައި މަސައްކަތްކުރުމަށް ހުރަސްތަކެއްހުރިކަމަށް ފާހަގަކޮށްފައިވާ މުއައްސަސާއެކެވެ.

 

21 އޭޕްރީލް 2014 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވުނު ބައްދަލުވުމުގައި މީގެކުރީގެ ބައްދަލުވުންތަކުގައި މުއައްސަސާތަކުން އެއްބަސްވެފައިވާކަންކަން ދައުލަތުގެ އެންމެ އިސްވެރިންނާ ޙިއްޞާކުރުމަށްޓަކައި އެރުވުނެވެ. އެގޮތުން ކުޑަކުދިންގެ ކަންކަމުގައި މަސައްކަތްކުރަމުންދާއިރު ދިމާވާ ގޮންޖެހުންތަކާއި ކަންބޮޑުވުންތައް ފާހަގަކޮށްފައިވެއެވެ. އަދި އެކަންކަން ޙައްލުކުރުމަށްޓަކައި ސަރުކާރުގެ އެންމެއިސް ފަރާތުގެ އެހީތެރިކަމާއި ފުރިހަމަ އެއްބާރުލުން ބޭނުންވާކަން ފާހަގަކުރެއްވިއެވެ. އަދި ސަރުކާރުންވެސް މިކަންތައްތަކުގައި ފުރިހަމަ އެއްބާރުލުން ދެއްވާނެކަމުގައި ވިދާޅުވެފައިވެއެވެ.