ޚަބަރު | މައްސަލަތައް ބަލައިގަނެ ޝަރީޢަތްތައް ކުރިޔަށް ގެންދިއުމަށް ޖުވެނައިލް ކޯޓުން ނިންމައިފި

ޕަބްލިޝްކުރި ތާރީޚް: 2014.05.08ޖުވެނައިލް ކޯޓަށް ހުށަހެޅިފައިވާ މައްސަލަތައް ކުރިޔަށް ގެންދިއުމާއި ކޯޓަށް ހުށަހެޅޭ މައްސަލަތައް ބަލައިގަތުން ވަގުތީގޮތުން މަޑުޖައްސާލުމަށްފަހު، އަލުން މައްސަލަތައް ބަލައިގަނެ ކުރިޔަށް ގެންދާގޮތަށް ނިންމައިފިއެވެ.

 

ޑެޕިއުޓީ ޕްރޮސެކިއުޓަރ ޖެނެރަލް އަލްއުސްތާޛު ޙުސައިން ޝަމީމް މަޤާމުން އިސްތިއުފާ ދެއްވާފައިވާކަމުގެ މަޢުލޫމާތު ބައެއް މީޑިއާތައް މެދުވެރިކޮށް ލިބުމާއި ގުޅިގެން، މައްސަލަތައް ބަލައިގަނެ ކުރިޔަށް ގެންދިއުން ވަގުތީގޮތުން މަޑުޖައްސާލުމަށްފަހު، އަލުން ކުރިޔަށް ގެންދަންފަށާފައިވަނީ، މިއަދު (08 މެއި 2014) ޖުވެނައިލް ކޯޓުގެ ޤާޟީންގެ ޢާއްމު މަޖިލީހުން އެގޮތަށް ނިންމުމާއި ގުޅިގެންނެވެ.

 

ކޯޓަށް ހުށަހެޅޭ މައްސަލަތައް ބަލައިގަނެ، ހުށަހެޅިފައިވާ މައްސަލަތައް ކުރިޔަށް ގެންދިއުމަށް ޤާޟީންގެ ޢާއްމު މަޖިލީހުން ނިންމާފައިވަނީ، 06 ފެބުރުވަރީ 2014 ވަނަ ދުވަހު ސުޕްރީމް ކޯޓުން ނެރުއްވާފައިވާ އަމުރަށާއި، މިކަމުގައި ޢަމަލު ކުރުމަށް އުއްތަމަ ފަނޑިޔާރު ދެއްވާފައިވާ ލަފައަށް ރިޢާޔަތްކޮށެވެ.

 

މިކަމުގައި ކޯޓުން ޢަމަލުކުރާނެގޮތުގެ ލަފައަކަށް އުއްތަމަ ފަނޑިޔާރުގެ އަރިހުން އެދިވަޑައިގެންނެވުމުން ލަފާދެއްވާފައިވަނީ، ޤަވާޢިދުން ކޯޓަށް ހުށަހަޅަމުންދާ މައްސަލަތައް ބަލައިގަތުމަށާއި، ކޯޓަށް ހުށަހެޅި ހިނގަމުންދާ މައްސަލަތައް ކުރިޔަށް ގެންދިއުމަށާއި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ނެރެފައިވާ ކޯޓު އަމުރު ނަންބަރު: 2/SC-SJ/2014 (06 ފެބްރުއަރީ 2014) ގައިވާ ގޮތުގެމަތިން ޢަމަލުކުރަމުން ގެންދިއުމަށެވެ.