ޚަބަރު | ކުޑަކުދިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން މާލޭގެ ޘާނަވީ ސްކޫލްތަކަށް އަމާޒުކޮށްގެން ޖުވެނައިލް ކޯޓާއިމެދު ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމެއް ބޭއްވިއްޖެ

ޕަބްލިޝްކުރި ތާރީޚް: 2014.05.10 

ކުޑަކުދިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން މާލޭގެ ޘާނަވީ ސްކޫލްތަކަށް އަމާޒުކޮށްގެން ޖުވެނައިލް ކޯޓާއިމެދު ހޭލުންތެރި ކުރުވުމުގެ ޕްރޮގްރާމެއް މިއަދު (10 މެއި 2014 ގައި) ޖުވެނައިލް ކޯޓުގައި ބޭއްވިއްޖެއެވެ.

 

މި ޕްރޮގްރާމް ކުރިޔަށް ގެންދެވިފައިވަނީ، މިއަދު ހެނދުނު 09:00 އިން ފެށިގެން މެންދުރުފަހު 15:30 އަށެވެ. މިގޮތުން މާލޭގެ ޘާނަވީ ސްކޫލަކުން 16 ދަރިވަރުންނާއި، 03 ޓީޗަރުން މި ޕްރޮގްރާމްގައި ބައިވެރިވެފައިވެއެވެ.

 

މި ޕްރޮގްރާމުގެ މައިގަނޑު މަޤްޞަދަކީ، ޖުވެނައިލް ކޯޓަކީ ކޮބައިކަމާއި، ޖުވެނައިލް ކޯޓުން ކުރާ މަސައްކަތްތަކާއިމެދު ދަރިވަރުންގެ މެދުގައި ހޭލުންތެރިކަން އިތުރު ކުރުމެވެ. މި ޕްރޮގްރާމް ކުރިޔަށް ގެންދިއުމުގައި ކޯޓުން ކުރާ މަސައްކަތްތަކާއި ކޯޓާއިބެހޭ މަޢުލޫމާތު ހިމަނައިގެން ތައްޔާރުކޮށްފައިވާ ޕްރެޒެންޓޭޝަނެއް ދަރިވަރުންނަށް ހުށަހަޅައިދެވުނެވެ. ޕްރެޒެންޓޭޝަނަށްފަހު، ދަރިވަރުންނާއި ދަރިވަރުންނާ ޙަވާލުވެގެން ވަޑައިގެން ތިއްބެވި މުދައްރިސުންނަށް ސުވާލާއި ޖަވާބުގެ ވަގުތުކޮޅެއް ދެވުނެވެ. އަދި ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް އަޑުބަދަލުކޮށްގެން ކޯޓުގައި ހެކިބަސް ނެގެމުންދާގޮތް ދަރިވަރުންނަށާއި މުދައްރިސުންނަށް ދައްކާލެވުނެވެ. އަދި އެއަށްފަހު، ދަރިވަރުންނާއި މުދައްރިސުންނަށް ކޯޓުތެރެ ދައްކާލެވުނެވެ.