ޚަބަރު | އިސްލާޙީ ޕްރޮގްރާމްގައި ފުރުޞަތުދެވިފައިވާ ކުދީންގެ ތަފާސް ހިސާބު: 2014 ވަނަ އަހަރުގެ ފުރަތަމަ 4 މަހުގެ ނިޔަލަށް.

ޕަބްލިޝްކުރި ތާރީޚް: 2014.05.13'' ކުޑަކުދިންކުރާ ކުށުގެ މައްސަލަތައް ބަލާ، ތަޙުޤީޤުކޮށް، އިންސާފުކޮށް އަދަބުދިނުމުގައި ޢަމަލުކުރާނެ ގޮތުގެ ޤަވާޢިދު'' ގެ 19 ވަނަ މާއްދާއާއި 20 ވަނަ މާއްދާގެ ދަށުން، މީލާދީ ގޮތުން އުމުރުން 18 އަހަރު ނުފުރޭ ކުށްކުރާ ކުޑަކުދިން އިޞްލާޙުކޮށް އަނބުރާ މުޖުތަމަޢަށް ގެނައުމަށްޓަކައި ޖުވެނައިލް ކޯޓުން ކުރިއަށް ގެންދާ އިޞްލާޙީ ޕްރޮގްރާމުގައި މިއަހަރުގެ މިހާތަނަށް 9 ކުއްޖަކު ބައިވެރިވުމަށް ހުށަހަޅާފައިވެއެވެ. އޭގެތެރޭގައި މަސްތުވާތަކެއްޗާ ބަނގުރާއާއި ގުޅުންހުރި 2 ކުއްޖަކާއި ބަދުއަޚްލާޤީ މައްސަލައެއްގައި ހިމެނޭ 1 ކުއްޖަކާއި ވައްކަންކުރުމުގެ ކުށުގެ މައްސަލައެއްގައި ހިމެނޭ 4 ކުއްޖަކާއި ޓެރަރިޒަމްގެ މައްސަލައެއްގައި ހިމެނޭ 2 ކުއްޖަކު ހިމެނެއެވެ. މީގެތެރެއިން މިއަހަރުގެ މިހާތަނަށް އިސްލާޙީ ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުޞަތު ދެވިފައިވަނީ 1 ކުއްޖަކަށެވެ. އަދި ފުރުޞަތު ދިނުމާއިމެދު މިއަހަރުގެ މިހާތަނަށް 23 ބައްދަލުވުން ކަމާގުޅޭ މުއައްސަސާތަކާއިއެކު ބޭއްވިފައިވެއެވެ.

 

މި ޕްރޮގްރާމްގެ މަޤުޞަދަކީ ޢުމުރުން 18 އަހަރުން ދަށުގެ ކުށްކުރާ ކުޑަކުދީން އިޞްލާޙުކޮށް އަނބުރާ މުޖުތަމަޢަށް ގެނެސް، އެކުދިންނަކީ މުޖުތަމަޢަށް ފައިދާހުރި، ބޭނުންތެރި ކުދިންތަކަކަށް ހެދުމާއި، އަދި ޖަލަށް ޙުކުމްކުރެވޭ ކުދިންގެ ތެރެއިން، ކިޔަވާކުދިންނާއި، ވަޒީފާތަކުގައި އުޅޭ ކުދިންނަށް އެކުދިންގެ ކިޔެވުމުގެ ފުރުޞަތާއި ވަޒީފާއަށް ދިއުމުގެ ފުރުޞަތު ގެއްލިގެން ނުދާނެ ގޮތެއްގެ މަތިން ޙުކުމް ތަންފީޛުކުރެވެމުންދާއިރު، ކިޔެވުމާއި ވަޒީފާއަށް ދިއުމުގެ ފުރުޞަތު ދިނުމާއި އަދި މަސައްކަތާއި ހުނަރު ދަސްކޮށްދޭ ޕްރޮގްރާމްތަކުގައި ބައިވެރިކުރުމަށް ފުރުޞަތު ތަނަވަސްކޮށްދިނުމެވެ.

 

2009 ވަނަ އަހަރުން ފެށިގެން ކުށްކުރާ ކުދީން އިޞްލާޙުކޮށް އަނބުރާ މުޖުތަމަޢަށް ގެނައުމަށްޓަކައި ހިންގާ ޕްރޮގްރާމުގެ ދަށުން 2013 ވަނަ އަހަރު ފުރުޞަތު ދެވިފައިވާ 21 ކުދީންގެ ތެރެއިން ކާމިޔާބުކަމާއިއެކު ޕްރޮގްރާމްތައް ފުރިހަމަކޮށްފައިވަނީ 1 ކުއްޖަކު ކަމުގައި ވީނަމަވެސް ކުށް ތަކުރާރުކޮށްގެން ޙުކުމްތަންފީޒްކުރުމަށް 2 ކުއްޖެއްގެ މައްޗަށް އަމުރުނެރެފައިވެއެވެ.

 

މިކުދީންނަށް ފުރުޞަތު ދެމުންދަނީ '' ކުޑަކުދިންކުރާ ކުށުގެ މައްސަލަތައް ބަލާ، ތަޙުޤީޤުކޮށް، އިންސާފުކޮށް އަދަބުދިނުމުގައި ޢަމަލުކުރާނެ ގޮތުގެ ޤަވާޢިދު'' ގެ 18 ވަނަ މާއްދާއާއި 19 ވަނަ މާއްދާގެ ދަށުން، ޖުވެނައިލް ކޯޓުން އެކުލަވާލެވިފައިވާ ކުށްކުރާ ކުޑަކުދިން އިޞްލާޙުކޮށް އަނބުރާ މުޖުތަމައަށް ގެނައުމަށްޓަކައި ކޯޓުން ހިންގާ އިޞްލާޙީ ޕްރޮގްރާމްތައް ހިންގާ ގޮތުގެ އުޞޫލުތައް ކަނޑައަޅާ ބަޔާންކުރާ ގޮތުގެ އިޖުރާއާތުގައިވާ ގޮތުގެ މަތީން، ކަމާގުޅޭ އެންމެހައި އިދާރާތަކާއިއެކު މަޝްވަރާކޮށް، ކުށްކުރާ ކުޑަކުދީން އަނބުރާ މުޖުތަމަޢަށް ގެނައުމަށްޓަކައި ކަމާގުޅޭފަރާތްތަކުން ހިންގާ ތަފާތު ޕްރޮގްރާމްތަކުގައި މިކުދީން ބައިވެރި ކޮށްގެންނެވެ. އެގޮތުން ޖަލަށް ޙުކުމް ކުރެވޭ ކުދިން ގޭބަންދަށް ބަދަލުކުރުމާއި، ކަރެކްޝަނަލް ސެންޓަރ ފޮރ ޗިލްޑްރެންގައި ހިންގޭ ޕްރޮގްރާމްތަކުގައި ބައިވެރިކުރުވުމާއި، ގޭބަންދުގައި ހުރެގެން ކިޔަވަން ދިއުމުގެ ފުރުޞަތު ދިނުމާއި، ގޭބަންދުގައި ހުރެގެން ވަޒީފާއަށް ދިއުމުގެ ފުރުޞަތު ދިނުމާއި ޖުވެނައިލް ޖަސްޓިސް ޔުނިޓުން ހިންގާ ޕްރޮގްރާމްތަކުގައި ބައިވެރިކުރުމާއި، އެން.ޑީ.އޭ އިން ހިންގާ ޕްރޮގްރާމްތަކުގައި ބައިވެރިކުރުމާއި، މިނިސްޓްރީ އޮފް ޖެންޑަރ ފެމިލީ އެންޑް ހިއުމަން ރައިޓްސް އިން ހިންގާ ތަފާތު ޕްރޮގްރާމް ތަކުގައި ބައިވެރިކުރުވުމުގެ އިތުރުން، ކުލަބު ޖަމުޢިއްޔާ އަދި ޖަމާޢަތްތަކާއި ގުޅިގެން ކުރިއަށް ގެންދާ ތަފާތު އިޖުތިމާޢީ ޙަރަކާތް ތަކުގައި ބައިވެރިވުމުގެ ފުރުޞަތު އޮންނަގޮތުގެމަތީންކަން ފާހަގަކުރެވެއެވެ.