ޚަބަރު | ޖުވެނައިލް ކޯޓުގެ ރިސެސް މިއަދު ފަށައިފި

ޕަބްލިޝްކުރި ތާރީޚް: 2014.06.16ޖުވެނައިލް ކޯޓުގެ ޤާޟީންގެ ޢާއްމު މަޖިލީހުން ނިންމާފައިވާ ގޮތުގެމަތިން، ޖުވެނައިލް ކޯޓުގެ އަހަރު މެދު ރިސެސް މިއަދު 15 ޖޫން 2014 އިން ފެށިގެން ފަށައިފިއެވެ. ޖުވެނައިލް ކޯޓުން އަހަރު މެދު ރިސެސްއަށް ދިއުމަށް ނިންމާފައިވާ މުއްދަތަކީ 15 ޖޫން 2014 އިން ފެށިގެން 30 ޖޫން 2014 ވަނަ ދުވަހުގެ ނިޔަލަށެވެ.

 

ޖުވެނައިލް ކޯޓުގެ ރިސެސްގެ މުއްދަތުގައި، ކޯޓުން ބަލަމުން ގެންދާ މައްސަލަތަކުގެ އަޑުއެހުންތައް ކުރިޔަށް ގެންދިއުން ފިޔަވައި، ޝަރީޢަތްތަކާއި ގުޅުންހުރި އެހެނިހެން މަސައްކަތްތައް ކުރިޔަށް ގެންދެވޭނެއެވެ. އެގޮތުން މައްސަލަތައް ބަލައިގަތުމާއި، ރިޕޯޓު ދޫކުރުމާއި، ޝަރީޢަތްތަކާއި ގުޅޭ ލިޔުންތައް ދޫކުރުންފަދަ އެންމެހައި މަސައްކަތްތައް ކުރިޔަށް ގެންދެވޭނެއެވެ.

 

ރިސެސްގެ މުއްދަތުގެ ތެރޭގައި، ޖުވެނައިލް ކޯޓުން ކުރުމަށް ނިންމާފައިވާ ޚާއްޞަ މަސައްކަތްތަކުގެ ތެރޭގައި، ކޯޓުގެ ޤާޟީންނާއި ލީގަލް މުވައްޒަފުންނަށް އަމާޒުކޮށްގެން އަލަށް ފާސްވެފައިވާ ޤާނޫނުލްޢުޤޫބާތަށް އަހުލުވެރި ކުރުމުގެ ޕްރޮގްރާމެއް ކުރިޔަށް ގެންދިއުމާއި، ކޯޓުގެ މަސައްކަތްތަކާއިގުޅޭ ޕްރޮސީޖަރ މެނުއަލްތައް ތައްޔާރުކުރުމާއި އަދިވެސް ބައެއް މުހިއްމު އެހެނިހެން މަސައްކަތްތައް ކުރުން ހިމެނެއެވެ.