ޚަބަރު | 15 އަހަރުގެ ކުއްޖަކަށް ރައްކާތެރިކަން ލިބިދިނުމުގެ އަމުރެއް މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑަރގެ މައްޗަށް ޖުވެނައިލް ކޯޓުން ނެރެފި

ޕަބްލިޝްކުރި ތާރީޚް: 2014.08.1715 އަހަރުގެ ކުއްޖަކަށް ދައުލަތުގެ ރައްކާތެރިކަން ލިބިދިނުމަށްޓަކައި މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑަރަގެ މައްޗަށް ޖުވެނައިލް ކޯޓުން އަމުރެއް ނެރެފިއެވެ. މިއީ މިފަދަ އަމުރެއް ޖުވެނައިލް ކޯޓުން ނެރުނު ފުރަތަމަ ފަހަރެވެ. މިފަދަ އަމުރެއް ނެރެން ޖެހުނު ސަބަބަކީ، މިކުއްޖާ މަސްތުވާތަކެތި ބޭނުންކޮށް ގެންގުޅުމުގެ މައްސަލައެއްގެ ތުހުމަތުގައި އެކިފަހަރު މަތީން މިކޯޓުން ބަންދުގެ މުއްދަތު އިތުރު ކޮށްދެމުން ދަނިކޮށް، މީނާގެ މައްޗަށް ތުހުމަތު ކުރެވުނު ތަކެއްޗަށް އެހެން ބަޔަކު ޒިންމާ ނަގާފައިވާތީ، މީނާ ބަންދުގައި އިތުރަށް ބެހެއްޓުމަށް ނުފެންނަކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއިން ބުނެފައިވާތީ، މީނާ ބަންދުން ދޫކޮށްލުމަށްޓަކައި ބެލިއިރު މީނާގެ މަންމަގެ ޙާލަތު ހުރިގޮތުން ކުއްޖާއާ ޙަވާލުވެވެން ނެތްކަމަށް ބުނެފައިވުމުންނާއި، މީނާގެ ބައްޕައަކީ މަސްތުވާތަކެތީގެ މައްސަލަތަކުގައި ދޭތެރެދޭތެރެއިން ޖަލަށް ގެންދެވޭ މީހަކަށްވާތީ، ބައްޕަ ކައިރީގައި ކުއްޖާ ބެހެއްޓުމަކީ، ކުއްޖާއަށް އެންމެ ރައްކާތެރިކަން ކަމުގައި ނުބެލެވޭތީއެވެ.

 

މިފަދަ އަމުރެއް މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑަރގެ މައްޗަށް ނެރެން ޖެހުނު ސަބަބަކީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 35 ވަނަ މާއްދާގެ (ހ) އަށް ރިޢާޔަތްކުރުމުންނާއި، ޤާނޫނު ނަންބަރ 9/91 (ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރި ކުރުމާބެހޭ ޤާނޫނު) ގެ 8 ވަނަ މާއްދާއާއި، ދިވެހިރާއްޖެ ބައިވެރިވެ ސޮއިކޮށްފައިވާ ބައިނަލްއަޤްވާމީ މުޢާހަދާތަކާއި އެ މުޢާހަދާތަކުގެ ދަށުން އެކުލަވާލެވިފައިވާ ގައިޑްލައިންސްތަކަށް ބަލާއިރު، މިފަދަ ކުދިންނަށް ރައްކާތެރިކަމާއި ސަލާމަތްތެރިކަން ކަށަވަރުކޮށްދިނުމަކީ، ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކުގެ މައްޗަށް ލާޒިމްކޮށްފައިވާ ކަމެއްކަމުގައިވާތީއާއި އަދި މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑަރގެ އިޚްތިޞާޞްގެ ތެރޭގައި މިފަދަ ކުދިން ބައިތިއްބާނެ މަރުކަޒުތައް ޤާއިމްކޮށް އެ މަރުކަޒުތަކުގައި ބައިތިއްބައިގެން ޚިދުމަތް ފޯރުކޮށްދިނުމާއި އަދި ދައުލަތުގެ ބެލުމުގެ ދަށަށް ގެންދަންޖެހޭ ކުދިން ދައުލަތުގެ ބެލުމުގެ ދަށަށް ގެންގޮސް ބެލެހެއްޓުމުގެ ޒިންމާ ހިމެނިފައިވާކަމަށްޓަކައެވެ. ޖުވެނައިލް ކޯޓުން ނެރުނު މިއަމުރުގައި، ''މިކުއްޖާގެ ޢުމުރުން މީލާދީ ގޮތުން 18 (އަށާރަ) އަހަރު ފުރެންދެން ނުވަތަ މިކުއްޖާ ބެލެހެއްޓުމުގެ ޒިންމާ ނަގާނެ ފަރާތެއް ހަމަޖެހެންދެން، މިކުއްޖާ ބެލެހެއްޓުމުގެ އިންތިޒާމްތައް ކަމާބެހޭ މުއައްސަސާތައް ގުޅިގެން ކުރިޔަށް ގެންދިއުމަށް މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑަރއަށް އަންގާ އަމުރުކުރީއެވެ''. މިފަދައިން ފާހަގަކޮށްފައިވެއެވެ.