ޚަބަރު | 23 އޯގަސްޓް 2014 ވަނަ ދުވަހު ދިދި ގޯޅީގައި ހިނގައިދިޔަ މާރާމާރީއާ ގުޅިގެން ޓެރަރިޒަމްގެ ދަޢުވާއެއް ޖުވެނައިލް ކޯޓަށް ހުށަހެޅިއްޖެ.

ޕަބްލިޝްކުރި ތާރީޚް: 2015.04.2323 އޯގަސްޓް 2014 ދުވަހު 20:45 އެހައިކަށްހައިއިރު، ދިދިގޯޅި ތެރޭގައި ހުންނަ ''އަގޯރާ އެކްސްޕްރެސް'' ފިހާރަ ކުރިމަތީގައި ބަޔަކު ތިއްބައި، ސައިކަލުތަކެއްގައި އެތަނަށް ދިޔަ ބަޔަކު، އެތާ ތިބި މީހުންނަށް ތޫނު އެއްޗަކުން ޙަމަލާދިނުމުގެ ސަބަބުން، ލިބުނު އަނިޔާތަކަށް ބޭސްފަރުވާކުރަމުން ދަނިކޮށް ތ.ތިމަރަފުށި ބުލޫނިޔާގެ އަސީލް އަޙްމަދު މަރުވެފައިވާތީ، ޤާނޫނު ނަންބަރ 10/90 (ދިވެހިރާއްޖޭގައި ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނު) ގެ 2 ވަނަ މާއްދާގެ (ހ) އާ ޙަވާލާދީ، އެޤާނޫނުގެ 6 ވަނަ މާއްދާގެ (ހ) ގެ ދަށުން ދެ ކުއްޖެއްގެ މައްޗަށް ޓެރަރިޒަމްގެ ދަޢުވާ 12 ފެބްރުވަރީ 2015 ވަނަ ދުވަހު، ދައުލަތުން ޖުވެނައިލް ކޯޓަށް ހުށަހަޅާފައިވެއެވެ. މި ދަޢުވާއާ ގުޅިގެން މިހާތަނަށް މި ކޯޓުގައި 12 އަޑުއެހުމެއް ޝެޑިއުލްކުރެވިފައިވާއިރު، އޭގެ ތެރެއިން 04 އަޑުއެހުން ކެންސަލްކުރެވި 08 އަޑުއެހުން ބޭއްވިފައިވެއެވެ. އަދި މި މައްސަލާގައި ދަޢުވާލިބޭ ދެ ކުދިންނަށްވެސް ޤާނޫނީ ވަކީލުން ހޯދުމުގެ ފުރުޞަތު ޝަރީޢަތުން ދިނުމުން، އެ ދެ ކުދިންވެސް މައްސަލައާއިގެން ކުރިޔަށްދަނީ ޤާނޫނީ ވަކީލުންގެ އެހީތެރިކަމާއެކުގައެވެ. މިހާތަނަށް މި މައްސަލައިގެ 08 އަޑުއެހުން ބޭއްވިފައިވާއިރު، މިހާރު ކުރިޔަށް ދަނީ ހެކިބަސް ނެގުމުގެ މަރުޙަލާއެވެ. އެގޮތުން ދައުލަތުންނާއި ދިފާޢުގައި ވަނީ ހެކިން ހުށަހަޅާފައެވެ. ދައުލަތުން ޝަފަހީ ހެކިންގެ ގޮތުގައި ހުށަހެޅި ހުރިހާ ހެކިންގެ ހެކިބަސް ސިއްރު ހެކިބަހުގެ ގޮތުގައި ނަގައިދިނުމަށް ޝަރީޢަތުގެ މަޖިލީހުގައި އެދިފައިވާތީ، ހެކިބަސްތައް ނެގެމުންދަނީ، އެ ފަރާތްތައް ޚަޞްމުންގެ ކުރިމައްޗަށް ޙާޟިރުނުކޮށް އޯޑިއޯ ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް އަޑު ބަދަލުކޮށްގެންނެވެ. މިގޮތަށް ދައުލަތުން ހުށަހެޅި ހެކިންގެ ތެރެއިން، ތިން ހެއްކަކު މިއަދާ ހަމަޔަށް ދަޢުވާލިބޭ ފަރާތްތަކާ ދެކޮޅަށް ހެކިބަސް އަދާކޮށްފައިވެއެވެ.