ޚަބަރު | 24 ޑިސެމްބަރ 2013 ވަނަ ދުވަހު މއ.އައިޝާ/މާލެ ޙުސައިން ވަޙީދު މަރާލައިފައިވާ މައްސަލާގައި ޤަޞްދުގައި މީހަކު މަރާލުމާއި ޤަޞްދުގައި މީހަކު މަރާލުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާލިބޭ ދެކުދިންގެ މައްޗަށް މިއަދު ޙުކުމް ކޮށްފި

ޕަބްލިޝްކުރި ތާރީޚް: 2015.05.1124 ޑިސެމްބަރ 2013 ވަނަ ދުވަހު 22:30 އެހައިކަންހާއިރު، މއ.އައިޝާ/މާލެ ޙުސައިން ވަޙީދު މަރާލައިފައިވާ މައްސަލައާ ގުޅިގެން، ޤަޞްދުގައި މީހަކު މަރާލުމާއި ޤަޞްދުގައި މީހަކު މަރާލުމުގައި ބައިވެރިވުމުގެ ކުށުގެ ދަޢުވާ 19 މެއި 2014 ވަނަ ދުވަހު ދައުލަތުން ޖުވެނައިލް ކޯޓަށް ހުށަހަޅައި، 11 މެއި 2015 ވަނަ ދުވަހު އެމައްސަލާގައި އެދެކުދީންގެ މައްޗަށް ޖުވެނައިލް ކޯޓުން ޙުކުމް ކޮށްފިއެވެ.

މި މައްސަލާގެ ޙުކުމް ކުރުމަށްޓަކައި މިއަދު ބޭއްވި ޝަރީޢަތުގެ މަޖިލީހުގައި މިދެކުދީންގެ މައްޗަށް ދަޢުވާ ސާބިތުވާކަމަށް ކަނޑައަޅާފައިވަނީ، މިދެކުދިންގެ ތެރެއިން ޤަޞްދުގައި މީހަކު މަރާލުމުގެ ކުށުގެ ދަޢުވާ ކޮށްފައިވާ ކުއްޖާގެ މައްޗަށް ދައުލަތުން ކުޅަ ޤަޞްދުގައި މީހަކު މަރާލުމުގެ ކުށުގެ ދަޢުވާސާބިތުކުރުމަށް ދައުލަތުން ހުށަހެޅި ޝަފަހީ ހެކީންގެ ތެރެއިން، 05 (ފަހެއް) ހެއްކަކު، ހިނގައިދިޔަ ޙާދިސާގައި މ. ޢާއިޝާ/މާލެ ޙުސައިން ވަޙީދުގެ މެޔަށް ވަޅިހެރީ އެ ކުއްޖާކަމަށް ބުނެ ޝަރީޢަތުގައި މާތް ﷲ ގަންދީ ހުވާ ކޮށް ހެކިބަސް އަދާކޮށްފައިވާތީއާއި، އަދި ޤަޞްދުގައި މީހަކު މަރާލުމުގައި ބައިވެރިވުމުގެ ކުށުގެ ދަޢުވާ ކޮށްފައިވާ ކުއްޖާގެ މައްޗަށް ދައުލަތުން ހުށަހެޅި ޝަފަހީ ހެކީގެ ތެރެއިން 03 (ތިނެއް) ހެކީންގެ ބަހުންވެސް، މިޙާދިސާ ހިނގި ވަގުތު އެ ސަރަޙައްދުން އެރޭ އޭނާ ފެނިފައިވާކަމާއި، ޙުސައިން ވަޙީދާމެދު މާރާމާރީ ހިންގި ގުރޫޕާދިމާއަށް އެނބުރިގެން 10 (ދިހައެއް) ވަރަކަށް ފޫޓު ދުރުގައި ސައިކަލުމަތީގައި އިންތަން ފެނިފައިވާކަމަށާއި އަދި ޤަޞްދުގައި މީހަކު މަރާލުމުގެ ކުށުގެ ދަޢުވާ ކޮށްފައިވާ ކުއްޖާ، ޙުސައިން ވަޙީދުގެ މެޔަށް ވަޅި ހެރުމަށްފަހު އެ ކުއްޖާ ދުއްވަން އިން ސައިކަލުގެ ފަހަތަށް ވަޅިހެރި ކުއްޖާ އަރައިގެން ދިޔަކަމަށްބުނެ މާތް ﷲ ގަންދީ ހުވާ ކޮށް ހެކިބަސް އަދާކޮށްފައިވާތީއާއި، އަދި މިދެކުދީން މިކަމުގައި ބައިވެރިވިކަމަށް ތުހުމަތުކުރެވޭ އިތުރުބަޔަކާއެކު، މއ.ކިސްމިރީގޭ ކައިރީގައި ވާހަކަ ދައްކަން ތިބިކަން އެނގޭކަމާއި އަދި އެތަނުގައި ވާހަކަ ދައްކަން ތިބުމަށްފަހު، ސައިކަލުތަކުގައި މިމީހުން ބުރުޒުމަގުގައި ހުންނަ ކޮފީ ކޯނަރ ކައިރިއަށް ދިޔަކަމާއި، އެތަނުގައި މާރާމާރީ ހިންގިކަން އެނގެން އޮތްކަމާއި އަދި މި މާރާމާރީ ހިންގުމަށްފަހު މި ދެކުދީން މިމާރާމާރީގައި ބައިވެރިވި މީހުންނާއެކު ފިލައިގެން އުޅުނުކަން މި މައްސަލަ ތަޙުޤީޤު ކުރިފަރާތުން ޝަރީޢަތަށް ދީފައިވާ ބަޔާނުން އެނގެން އޮތްކަމާއި، އަދި މެޑިކޯ ލީގަލް ރިކޯޑުން ޙުސައިން ވަޙީދު މަރުވުމަށް ދިމާވި ސަބަބަކީ، ހިތުގެ ފަށަލައަށް ތޫނު އެއްޗަކުން ދީފައިވާ ޒަޚަމްގެ ސަބަބުން އެތެރެއަށް ލޭ ހޮޅިތައް ފަޅައިގެން ދިއުމުން ހިތް މަސައްކަތް ކުރާ ވަރަށް މަސައްކަތް ނުކުރުމުގެ ސަބަބުން، ސިކުނޑިއަށް ލޭ ދައުރުކުރުމަށް ބޭނުންވާ އޮކްސިޖަން އެކުލެވިގެންވާ ލޭ ( އޮކްސިޖެނޭޓެޑް ލޭ) ދައުރުނުވެ ހޭވެރިކަން ދިއުމުގެ ސަބަބުން އާދަޔާ ޚިލާފަށް ނޭވާލާން އުނގަދޫވެ، ނޭވާހުއްޓިގެންކަން އެނގެން އޮތްކަމާއި އަދި ޙުސައިން ވަޙީދަށް ފަރުވާދިން ފަރާތްކަމަށްވާ ޑޮކްޓަރު ޙައްމާދު އާދަމްވެސް، ޙުސައިން ވަޙީދު ހޮސްޕިޓަލަށް ގެންދެވުނުއިރު އޭނާގެ މެއަށް ތޫނު އެއްޗަކުން ލިބިފައިވާ ޒަޚަމަކުން ހޯސްލާފައި ލޭފައިބަމުން ދިޔަކަމަށާއި އެހެންކަމުން ހުސައިން ވަޙީދު ނިޔާވެފައިވަނީ، އޭނާގެ ހަށިގަނޑުން ފައިބަމުން ދިޔަ ލޭ ކޮންޓްރޯލް ނުކުރެވި އޭނާގެ ފުރާނަ ސަލާމަތް ނުކުރެވިގެންކަމަށް ޝަރީޢަތުގައި ބުނެފައިވާތީ، ޤަޞްދުގައި މީހަކު މަރާލުމުގެ ކުށުގެ ދަޢުވާ ކޮށްފައިވާ ކުއްޖާގެ މިޢަމަލު ( މަރުގެ ފިޢުލް ) އާއި މިޢަމަލުން ނުކުތް ނަތީޖާ ސަބަބުގެ ގޮތުން ގުޅިފައިވާކަމާއި، އަދި ޤަޞްދުގައި މީހަކު މަރާލުމުގެ ކުށުގެ ދަޢުވާ ކޮށްފައިވާ ކުއްޖާ، ޙުސައިން ވަޙީދުގެ މެޔަށް ވަޅި ހެރުމަށް ފަހު ޤަޞްދުގައި މީހަކު މަރާލުމުގައި ބައިވެރިވުމުގެ ކުށުގެ ދަޢުވާ ކޮށްފައިވާ ކުއްޖާގެ ސައިކަލު ފަހަތަށް އަރައިގެން ދިޔަތަން ދުށްކަމަށްބުނެ 03 ( ފިރިހެނުން) ހެކިންގެ ޢަދުލުވެރިކަން ނަފީކުރާފަދަ ސަބަބެއް ނެތް ޙާލަތެއްގައި ހެކިބަސް އަދާކޮށްފައި ވުމުން، އޭނާގެ މިޢަމަލަކީ ޤާނޫނުލްޢުޤޫބާތުގެ 12 އަދި 13 ވަނަ މާއްދާގައި ބުނާ '' ކުށެއްގައި ބައިވެރިވުން '' ނުވަތަ '' ކުށެއްކުރުމަށް އެހީތެރިވުން '' ކަން މައްސަލާގައި ހުށަހެޅިފައިވާ ކިތާބީ ހެކިތަކާއި ޤަރީނާތަކުން އެނގޭތީއާއި އަދި ޤާނޫނުލްޢުޤޫބާތުގެ 14 ވަނަ މާއްދާގައި، '' ކުށްކުރިއިރު އޭނާ ޙާޟިރުގައި ހުރެ އެކުށްކުރުމުގެ ޢަމަލެއްގައި ބައިވެރިވެ ނުވަތަ ކުށްކުރި ބަޔަކު ސަލާމަތްވުމަށް އެވަގުތު ފަސޭހަވާފަދަ އެއްވެސް ޢަމަލެއް ކުރިނަމަ އޭނާ އެކުށްކުރީ ކަމުގައި ވާނެއެވެ.'' މިހެން އޮންނަ އޮތުމުގެ މައްޗަށް ރިޢާޔަތްކޮށް، ތޫނު ހަތިޔާރުން މީހުންނަށް ޙަމަލާދިނުމަކީ އިސްލާމީ ޝަރީޢަތުގައި ޖިނާޔަތުގެ ތެރޭގައި ހިމެނޭ އަނިޔާވެރި ޢަމަލެއްކަމާއި އަދި އެއީ އިސްލާމީ ޝަރީޢަތުގައި ކަނޑައެޅިގެން ޙަރާމް ކުރައްވާފައިވާ ކުށުގެ ޢަމަލެއްކަމަށްވުމާއި އަދި ހަމައެހެންމެ، ޝަރުޢީ އަމުރަކަށް ނުކިޔަމަންތެރިވުމަކީ، ކުށެއްކަމަށް ޤާނޫނުލްޢުޤޫބާތުގެ 88 ވަނަ މާއްދާގެ (ހ) ގައި ބަޔާންވެގެންވުމާއި، މިފަދަ ކުށުގެ ޢަމަލެއްގެ ސަބަބުން މީހަކު މަރުވެއްޖެނަމަ، އެކުށް ކުރި މީހެއްގެ އަދަބަކީ، އިސްލާމީ ޝަރީޢަތުގައި އޮންނަ އަދަބުކަމަށް ޤަނޫނުލްޢުޤޫބާތުގެ 88 ވަނަ މާއްދާގެ (ރ) ގައި ބަޔާންވެގެންވާތީ، އިސްލާމީ ޝަރީޢަތުގައި ޤަޞްދުގައި މީހަކު މެރުމުގެ ކުށުގެ އަދަބަކީ، މަރުވިމީހާގެ ވާރިޘުން އެދޭނަމަ، ޤާތިލުގެ ކިބައިން ޤިޞާޞް ހިފުން، އެބަހީ: (މަރަށްމަރުހިފުން) ކަމާއި، މއ. ޢާއިޝާ/މާލެ ޙުސައިން ވަޙީދުގެ ވާރިޘުންގެ ގޮތުގައި ހިމެނޭ 09 (ނުވައެއް) ވާރިޘުންވެސް ބޭނުންވަނީ، ޙުސައިން ވަޙީދުގެ ޤާތިލުންގެ ކިބައިން މަރަށްމަރު ހިފުމަށް ކަމަށް އެމީހުން ޝަރީޢަތުގައި ބުނެފައިވުމާއެކު، އިސްލާމީ ޝަރީޢަތުގައިވާގޮތުގެ މަތީން، މިދެކުދީންނަށް ދޭންޖެހޭ އަދަބަކީ، މަރުގެ އަދަބުކަމަށްވުމުން، ޤަޞްދުގައި މީހަކު މަރާލުމުގެ ކުށުގެ ދަޢުވާ ދައުލަތުން ކޮށްފައިވާ ކުއްޖާއާއި، ޤަޞްދުގައި މީހަކު މަރާލުމުގައި ބައިވެރިވުމުގެ ކުށުގެ ދަޢުވާ ކޮށްފައިވާ ކުއްޖާއާ، މިދެކުދީން މެރުމަށް ޙުކުމްކޮށް، އެމައްސަލަ ނިންމާފައިވެއެވެ.